މޫސުމީ ބަދަލުތަކަށް ހޭނެން ގައުމީ ފެންވަރުގައި ތައްޔާރުވެ، ފަރުދީ ޒިންމާ އަދާކުރަން ޖެހޭ: ޝިޔާމް
މޫސުމީ ބަދަލުތަކަށް ހޭނެން ގައުމީ ފެންވަރުގައި ތައްޔާރުވެ، ފަރުދީ ޒިންމާ ވެސް އަދާކުރަން ޖެހޭ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅުއްވައި ނެރުއްވި ބަޔާނެއްގައި ޝިޔާމް ވިދާޅުވީ ރާއްޖޭގެ 99 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދަކީ މޫދާއި ކަނޑަށް ވާއިރު، އިގުތިސާދީ ނާރެސް އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު ވަސީލަތަކީ ކަނޑު ކަމަށެވެ. މިއަދު ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރާއިރު، ކަނޑުގެ ވެއްޓާއި އެ މާހައުލުގައި އުޅޭ ދިރުންތަކަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ، ބަނޑުފުރާ މުއްތިކުރުމަށާއި އާމްދަނީ ހޯދުމަށް ގުދުރަތުން ދެއްވާފައިވާ އެންމެ ބޮޑު ނިއުމަތްކަން އޭނާ ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ ދިވެހިންނަކީ ކަނޑުގެ ވެއްޓާ ރައްޓެހި، ކަނޑުރޯދި ހޯދުމަށް ކަނޑުގެ ވަސީލަތް ހެޔޮގޮތުގައި ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ޒަމާނުންސުރެ މަސައްކަތް ކުރާ ބަޔެއް ކަމަށެވެ. "ރާއްޖޭގެ މަސްވެރިކަމަށް ބަލާލިޔަސް ތިމާވެއްޓާ ރައްޓެހި ގޮތުގައި ކުރެވޭ މަސްވެރިކަމެއް އެތައް ގަރުނައެއް ވަންދެން ދަމަހައްޓައި ޒަމާނާ އެއްގޮތަށް ތަރައްގީކުރެވިފައި އޮތްއޮތުމަކީ، އެކަމަށް ދިވެހިން ޚާއްސަ ސަމާލުކަމެއް ދީފައިވާކަން ރަމްޒުކޮށްދޭކަމެކެވެ." ބަޔާނުގައިވެއެވެ. އެހެންވެ، ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށްޓައި އެ ވެށީގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމާއެކު، އަންނަން އޮތް ޖީލުތަކަށް އޭގެ ދުޅަހެޔޮކަންމަތީ ފޯރުކޮށް ދިނުމަކީ މިއަދު އެންމެންގެ ވެސް ޒިންމާއެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް: މޫސުމީ ބަދަލުތަކަށް ހޭނެން ގައުމީ ފެންވަރުގައި ތައްޔާރުވެ، ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ އޭނާ ވިދާޅުވީ މަސްވެރިކަން ތަރައްގީކުރުމަށް މިއިން ދުވަހަކު މަސައްކަތް ނުކުރާ މިންވަރަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ވެއްޓަށްކުރާ ނޭދެވޭ އަސަރުތައް ކަމަށެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަޙައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. "ނަތީޖާއަކީ، އަޅުގަނޑުމެން ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން މިކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ ނުމޫސުން ދިގުވެ އޭގެ ނޭދެވޭ އަސަރު ސިނާޢަތަށް ކުރަމުންދިއުމެވެ." މިނިސްޓަރުގެ ބަޔާނުގައިވެއެވެ. އޭނާ ވިދާޅުވީ މޫސުމީގޮތުން ދިމާވަމުންދާ ގޮންޖެހުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެން މެނުވީ ހައްލު ކުރެވޭނެ މައްސަލައަކަށް ނުވާ އިރު، ބަވަނަ ވަމުންދާ ދުނިޔޭގައި މިކަމަށް އަވަސް ހައްލެއް ގެނައުމަށް ހުރި ގޮންޖެހުންތައް ގިނަ ކަމަށެވެ. އެހެންކަމުން، މޫސުމީ ބަދަލުތަކަށް ހޭނި އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް ގައުމީ ފެންވަރުގައި ވެސް އަޅައި ދުރާލައި ތައްޔާރުވާންޖެހޭކަން ޝިޔާމް ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެންގެ ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފަރުދީ ޒިންމާ އަދާކުރުމާއެކު، ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމުގައި ނޫއިގުތިސާދު އެއީ ނާރެހެއްކަމުގައި ބަލައި ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް ގުޅިފައިވާ ސިނާޢަތްތައް ސިންދަފާތުކުރަންޖެހެއެވެ." އޭނާ ވިދާޅުވިއެވެ. ކަނޑުގެ މައްޗަށް ބަރޯސާވެފައިވާ މުހިއްމު ސިނާޢަތްތައް ކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމާއި ކަނޑުގެ މާހައުލުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކުން ކަނޑުތަކުގެ ދުޅަހެޔޮކަމާއި ދިރުންތައް ރައްކާތެރިކުރުމާބެހޭ މުހިއްމު މަޢުލޫމާތު އެއްކޮށް، އެމަޢުލޫމާތު ބަދަލުކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އަދި މިއީ، ކަނޑުގެ މާހައުލު ބެލެހެއްޓުމުގައްޔާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ފިޔަވަޅުތައް އެޅުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ވަސީލަތަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ