އެއްވެސް މައްސަލައެއް ކުރިމަތިނުވާނެކަމަށް ބަލައިގެން ގޮސް އުޅެވޭ ވަރަށް މަޝްހޫރު ތަންތަނުންވެސް ނުރައްކައުތެރި ކަންކަން މެދުވެރިވެއެވެ. ސަލާމަތް ގޮތަކީ ކޮބައިތޯ؟
ކިޔުންތެރިޔާއަށް ތިއަ ވިދާޅުވެވުނީ އޮތް މައްސަލައެކެވެ. ކޮންމެ ތަނަކަށް ގޮސް އުޅުނަސް ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަތުމަށް މަސައްކަތްކުރުމާއިއެކު އެކަމަށް އެދިގެން މަސައްކަތްވެސް ކުރަންޖެހޭނެއެވެ. ތިރީގައިވާ ލިޔުމުން އެހީތެރިކަން ލިބިލައްވާނެއެވެ. އިން ޝާ ﷲ
ދުނިޔޭގެ ކޮންމެ ތަނަކަށް ބެލިނަމަވެސް ޝައިޠޯނުންތައް ނެތްތަނެއް ނުހުންނާނެއެވެ. ނިދާކޮޓަރީގައިވެސް، މިސްކިތްތަކުގައިވެސް އަދި އަހަރެމެން ކަސްރަތުކުރަން ގޮސް މިއުޅޭ ޖިމްތަކުގައިވެސް ޝައިޠޯނުން ތިބޭނެއެވެ.
ޖިމްއަށް އަހަރެމެންދަނީ މަތިވެރި މަޤްޞަދެއްގައެވެ. ކަސްރަތުކޮށް ފުރިހަމަ ޞިއްޙަތެއް ހޯދާށެވެ! އެއީ ކުރަންޖެހޭ ކަމެކެވެ. މައްސަލައަކަސް މިވަނީ އެތަނުންވެސް ޝައިޠޯނުންނާއި ބައްދަލުވުމުން އެތަނަށް ދިއަ މަޤްޞަދު ހަނދާން ނައްތައިލެވޭތީއެވެ. އެ ޝައިޠޯނުންތައް ދޭ ވަސްވާސްތަކުގައި ޖެހެވި މަގުފުރެދިގެންދާތީއެވެ.
ޖިމްގެ ވާހަކަ މިދެއްކީ މިޘާލެއްގެ ގޮތުންނެވެ. ގިނަ ޒުވާނުންތައް ޖިމްތަކަށް ގޮސްއުޅޭތީއެވެ. ބުނަން މިއުޅޭ ވާހަކައަކީ ކޮންމެ ތަނަކަށް ދިއަ ނަމަވެސް އެތަނަކަށް ދިއަ މަޤްޞަދު ހަނދާން ނައްތައިނުލާށެވެ.
މިޘާލަކަށް ޖިމްތަކަށް ދަނީ ކުރިން ބުނިފަދައިން ކަސްރަތުކުރާށެވެ! ތިބާގެ ރީތިކަމަށް ބަލައި ތައްރީފްކުރާ ޝައިޠޯނުންތަކުގެ މަޅީގައި ޖެހޭކަށް ނޫނެވެ. ލައިގެން ހުންނަ ހެދުން ގައަށް ބާރުވެފައި ކުރުވިވަރަކަށް ކުރާ ފައިދާ ބޮޑުވާނެ ކަމަށް ބުނާއަޑުއަހާކަށް ނޫނެވެ. ކޮފީތަކަށް ދޭ ދަޢުވަތު ޤަބޫލުކުރާކަށް ނޫނެވެ.
މިސްކިތަށްދަނީ އަޅުކަންކުރާށެވެ. ﷲ ތަޢާލާ އާއިމެދު ވިސްނައި ފިކުރުކުރާށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ. ޚުޝޫޢަތްތެރިކަމާއިއެކު އަޅުކަންކުރާށެވެ. ދުނިޔަވީ ފިކުރުތައްކޮށް އަވާ މެންދުރެއްގައި ހުންނާކަށް ނޫނެވެ.
ދެމަފިރިން ނިދަން ކޮޓަރިއަށް ވަންނަންވީ އެކަކު އަނެކަކަށް ނުރުހޭ ބަސްތައް ބުނެ ދެމީހުން ދެފަރާތައް އެނބުރިތިބެ ނިދާކަށް ނޫނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށް އުފާވެރިކަން ލިބިގަންނާށެވެ. ގުޅުންބަދަހިކުރާށެވެ.
މިފަދަ ކޮންމެ ތަނެއްގައިވެސް ޝައިޠޯނުންތައް ތިބޭނެއެވެ. ޙާޞިލްކުރަންވީ މަޤްޞަދު ޙާޞިލުކުރިއަނުދީ ފިތުނަތައް އުފައްދުވަން މަސައްކަތްކުރާނެއެވެ. ޛިކުރުތައް ކިޔައި އެކަކު އަނެކަކަށް ސަލާމްގޮވަންވީ ގެއަށް ވަންނަމުން އެކަންޏެއް ނޫނެވެ. ކޮޓަރިއަށް ވަންނަމުންވެސް އެކަންކަން ކުރާށެވެ! ބިސްމިﷲ ކިޔުން ގިނަކުރާށެވެ. ޝައިޠޯނާ އެންމެ ބޮޑަށް ނިކަމެތިކޮށްލެވޭނީ އެއިރުންނެވެ.
ވީމާ ޖުމުލަ ގޮތެއްގައި މިދެއްކި ވާހަކައިގެ ބޭނުމަކީ ކޮންމެ ތަނަކަށް ދިއަ ކަމުގައިވީނަމަވެސް އެތަނަކުން ޙާޞިލުކުރަންދިއަ ކަންކަން ޙާޞިލުކުރަން ސަމާލުކަންދޭށެވެ. ޝައިޠޯނުންގެ ބަސްތަކަށް ހެއްލި ގެއްލެނިވެގެން ނުދާށެވެ! މުސްލިމުންގެ ގޮތަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކޮންމެ ތަނަކަށް ދިއަ ނަމަވެސް ވަށައިގެން ޝައިޠޯނުންގެ ޖަމާއަތްތައް ތިބޭނެ! ޙަމަލާދޭނެ! ރައްކާތެރިކަން ލިބިގަތް މީހަކަށް ނޫނީ ސަލާމަތްކަމެއް ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ