ދެ މަހުގެ ކަރަންޓް ބިލު އެއްވަރު: މިވީ ކިހިނެއް؟

މިހާރަކަށް އައިސް ކޮންމެ މަހަކު ވެސް ކަރަންޓް ބިލު ފޮނުވުމާއެކު ސޯޝަލް މީޑިއާގައި އޮންނަނީ ބިލު ބޮޑުވުމުގެ ޝަކުވާއެވެ. ނަމަވެސް، މިދިޔަ މަހުގެ ކަރަންޓް ބިލު މިހާރު ފޮނުވާފައިވާއިރު މި ފަހަރު ކުރެވޭ ބަހުސް ތަފާތެވެ. މާލޭގައި އުޅޭ ގިނަ ބަޔަކު މިހާރު ސޯޝަލް މީޑިއާއަށް ލާ ކަރަންޓް ބިލުގެ ތަފުސީލުތަކުން އެނގޭ ގޮތުގައި ނިމިދިޔަ މަހު ލިބިފައިވަނީ އޭގެ ކުރީ މަހާ ސީދާ އެއްވަރުގެ ކަރަންޓް ބިލެކެވެ. އެހެންކަމުން ރޯދަ މަހުގެ ބިލަށް ސަރުކާރުން ޑިސްކައުންޓް ދީފައި ފޮނުވި ބިލާއި މިދިޔަ މަހުގެ ބިލާ ވަނީ އެއްވަރުވެފައެވެ. އެފަދަ ބިލުތައް ވަރަށް ގިނަ މީހުންނަށް ވަނީ ލިބިފައެވެ. އެހެންވެ, ދުވަސްކޮޅާ ގުޅޭގޮތުން މިއީ "އިއްތިފާގެއްތޯ؟", ވަރަށް ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. ސްޓެލްކޯއާއި ސަރުކާރުން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ނުބުނި ނަމަވެސް އެކިއެކި މަސްދަރުތަކުން މައުލޫމާތު ހޯދައިގެން ވެގެން އުޅޭގޮތް ސާފުކޮށްލީމެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ގިނަ ގެތަކަކަށް ރޯދަ މަހުގެ ކަރަންޓް ބިލާއި ސީދާ އެއްވަރުގެ ކަރަންޓް ބިލެއް ލިބިފައި ވަނީ ބިލުކުރުމުގައި މި ފަހަރު ގެނައި ބަދަލަކުންނެވެ. އެގޮތުން، މި ފަހަރު ގިނަ ގެތަކަށް ބިލުކުރިއިރު ބިލުކޮށްފައިވަނީ ރޯދަ މަހުގެ ބިލަށް ވުރެ ބިލު ބޮޑު ނުވާވަރަށެވެ. އެއަށް ވުރެ ބިލު ބޮޑުވާނަމަ ރޯދަ މަހުގެ ޑިސްކައުންޓް ބިލާ އެއްވަރުގެ ބިލެއް ފޮނުވީއެވެ. އެނގިފައިވާ ގޮތުގައި ސްޓެލްކޯއިން މިގޮތަށް ބިލުކޮށްފައި މިވަނީ ކަރަންޓް ބިލުތައް ބޮޑު ނުކުރުމަށް ސަރުކާރުން ބޭނުންވާތީ, އެ ގޮތަށް އަންގައިގެންނެވެ. ރޯދަ މަހުގެ ބިލަށް ވުރެ ބޮޑު ބިލެއް ލިބިފައިވާނަމަ އެއީ ރޯދަ މަހުގެ އެވެރޭޖު ބިލު ތައްޔާރުކުރުމުގައި ގެންގުޅުނު އުސޫލު ކަމަށްވާ, އޭގެ ކުރީ އަހަރުގެ އެންމެ ހޫނު ގަދަ ތިން މަސް ފިޔަވާ އަނެއް ނުވަ މަސް ދުވަހުގެ ޑޭޓާ ނުލިބޭ ތަންތަން ކަމަށް ވަނީ އެނގިފައެވެ. މި އަހަރުގެ ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލުން މުޅި ޖުމްލަ 160 މިލިއަން ރުފިޔާ ޑިސްކައުންޓު ރައްޔިތުންނަށް ވަނީ ދީފައެވެ. މި އަހަރުގެ ރަމަޟާންމަހު ކަރަންޓާއި ފެންބިލުން 10 ޕަސެންޓު ޑިސްކައުންޓެއް ވަނީ ދީފައެވެ. ކަރަންޓް ބިލުތައް މިހާރު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުވާ ކަމަށާއި މިކަމުގެ ފަހަތުގައި އޮޅުވާލުންތަކެއް އުޅޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. ނަމަވެސް، ސްޓެލްކޯއިން ބުނަނީ ބިލުކުރަނީ ރަނގަޅަށް ކަމަށާއި އެކަމުގައި ގޯހެއް ނުހަދާ ކަމަށެވެ. އަދި، ބިލުތައް މިހާރު ބޮޑު ވަނީ ހޫނުގަދަވުމުން ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވުމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ