ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަޖޫޖަހައި ދެއްކި ވާހަކަތަކާ ގުޅޭގޮތުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާނޭކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މާޗްމަހުގެ 24 ވަނަ ދުވަހު ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކާމެދު ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ. ޖެންޑާއިން ބުނީ، ހާއްސަ ގޮތެއްގައި އެ ޕްރޮގްރާމުގައި އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ
ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވަޔަކުން އެފަރާތްތަކަށް ނިސްބަތްކޮށް ވާހަކަދައްކާފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މިނިސްޓްރީން ބުނީ އެ ހާދިސާއަކީ މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލުމާއި، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންމިދާ މަސައްކަތްތަކަށް ހީނަރުކަން ލިބިގެންދާނެކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވެގެން ދިއުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުދިންގެ އިންސާނީ ކަރާމާތައް އުނިކަން ލިބޭފަދަ ވާހަކަތައް ދެއްކުން ނޯމަލައިޒްވެގެން ދިއުމުގެ ފުރުސަތު ވެސް އޮތްކަމެއްކަމަށްވެސް ޖެންޑާ މިނިސްޓްރީން ފާހަގަކުރިއެވެ.
Advertisement
ޖެންޑާއިން ބުނީ މި މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެކަން ބަލައި ރާއްޖެ ޓީވީ އާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދި މިނިސްޓްރީއިން ވާނީ ބްރޮޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާނޭ ކަމަށެވެ.
ޖެންޑާއިން ވަނީ ނުކުޅެދުންތެރިކަން
ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމަށް ކުރަމުންގެންދާ މަސައްކަތްކަތުގައި އެ މިނިސްޓްރީ ދެމި ހުންނާނެ ކަމުގެ ޔަޤީންކަން
އެންމެހާ ރައްޔިތުންނަށް ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެ
ފަރާތްތަކުގެ ޢާއިލާ ތަކަށް އަރުވާފައެވެ.
ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް)، ވަނީ ސިޔާސީ ކަންކަމާއި ޑައުންސިންޑްރޯމް އަދި އޯޓިޒަމް ކުދިންގެ ޙާލަތާއި ގުޅުވައިގެން މިސާލު ޖައްސަވާފައެވެ.
އެ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރުދިން ވާހަކަ ދައްކަވައި ސަރުކާރަށް ފާޑުވިދާޅުވަމުން ޕާޕާ އެންމެ ފުރަތަމަ ވިދާޅުވީ، ރައީސް މުޢިއްޒު އެފަދައިން ކަން ކުރެއްވީ ގޮތް ހުސްވެގެން ކަމަށެވެ. އަދި ގޮތް ހުސްވުމުން މީހުން އަތުންފައިން ގޯސް ހަދާނެކަމަށް ވިދާޅުވެ، އެކަން ދެން ގުޅުވާލީ އޯޓިޒަމާއެވެ.
"ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީމާ އަތުންފައިން ގޯސް ހަދާނެ. އަސްލު މީނައަކީ (ރައީސް މުޢިއްޒަކީ) އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ އޮޕަރޭޓް ކުރާ ގޮތުން." ޕާޕާ ފަޔާޒު ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވުމުން މޮސްޓާ ވަނީ އެއަށް ބާރުދެއްވައި ޖޯކު ޖައްސަަވަމުން ރައީސްގެ "އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވާ." ކަމަށް ވިދާޅުވެފައެވެ.
ރާއްޖެ ޓީވީއާމެދު ފިޔަވަޅު އަޅައިދިނުމަށް ވާނީ އެދިފައި: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ