ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް ކޭލަކުނާއި ފަރުކޮޅުގައި ނޭޗަރ ޕާކެއް ތަރައްޤީކުރުމަށް ހަވާލުކޮފި

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ހދ. ކޭލަކުނާއި ށ. ފަރުކޮޅުގައި ނޭޗަރ ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހދ. ކޭލަކުނާއި ށ. ފަރުކޮޅަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެކެވެ. އެހެންކަމުން މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވީ، "މިއީ ރައީސުލްޖުމްހޫރިއްޔާގެ ދެ ވަޢުދުފުޅަކާ ގުޅިފައިވާ މަސައްކަތެއް. އެއީ އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމްކުރުން" ކަމަށެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރަހައްދުތަކަކީ ހިމާޔަތްކޮށްފައިވާ ތަންތަން ކަމަށްވާތީ، އެތަންތަނުގެ ހިމާޔަތްކޮށްފައިވާ މަޤްޞަދު ނުގެއްލޭ ގޮތަށް އިކޯ ޓޫރިޒަމްގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒެވެ. އަދި އެމްޓީޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޔާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ