ލިވަޕޫލް ބަލިކޮށް ޕީއެސްޖީ ކްއާޓާއަށް

ޔުއޭފާ ޗެމްޕިއަން ލީގުގައި ލިވަޕޫލް ބަލިކޮށް ޕެރިސް ސެއިންޓް ޖާމެއިން ކްއާޓާ ފައިނަލްއިން ޖާގަ ހޯދައިފިއެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ރައުންޑް އޮފް 16 ގެ ކުރިމަތިލުން އެއް ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު އެއް ލަނޑުގެ ނަތީޖާ އަކުން ކުރި ހޯދާފައިވަނީ ޕީއެސްޖީއެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ޕީއެސްޖީގެ ދަނޑުގައި ކުޅެ އެއް ލަނޑު ސުން ލަނޑުން ލިވަޕޫލް ކުރި ހޯދިއިރު ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީއެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގުގައި ޕީއެސްޖީގެ ފަރާތުން ފެނިގެންދިޔަ އާދަޔާ ހިލާފް މޮޅު ކުޅުމާއެކުވެސް ބަލިވެގެންދިއުން ވެގެންދިޔައީ ގިނަ ބަޔަކަށް ގަބޫލް ކުރަން ދަތިވި ނަތީޖާ އަކަށެވެ. އަދި މިއާއެކު ދެވަނަ ލެގުގައި އަނެއްކާވެސް އެފަދަ ކުޅުމެއް އެ ޓީމަށް ދެއްކިދާނެތޯ ސުވާލު އުފެދިގެންދިޔައެވެ. ދެވަނަ ލެގު ލިވަޕޫލްއިން ވަރަށް ފޯރީގައި ފެށި ނަމަވެސް ދެން ފެނިގެންދިޔައީ ޕީއެސްޖީއިން މެޗުގެ ހަމައެކަނި ލަނޑު ޖަހާ މެޗުގެ ލީޑު ނަގާ އެގްރިގޭޓް ނަތީޖާއިން ހަމަހަމަ ކުރި ތަނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކުރި މިލަނޑު އުސްމާން ޑެންބެލޭ ކާމިޔާބު ކޮށްދިން އިރު މި ލަނޑު ޖެހުމުގައި ލިވަޕޫލްގެ ޑިފެންސްގެ މެދުގައި އެރި އޮޅުންވެސް މުހިންމު ދައުރެއް އަދާކުރިއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީއަށް ވަނީ އެ ޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެން ގޮސްފައެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފުނުއިރު ލިވަޕޫލްއިން ވެސް ވަނީ ފުރަތަމަ ލެގަށް ވުރެ ބޮޑަށް ކުރިއަށް އަރާ ހަމަލާ އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. މި މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް މިއާއެކުވެސް މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެންދިޔައީ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި އެއް ލަނޑު ސުން ލަނޑުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. މިއާއެކު ދެލެގަށް ބަލާއިރު ދެ ޓީމު އެއްވަރު ވުމުން ނަތީޖާ ނެރުމަށްޓަކައި 15 މިނެޓްގެ އިތުރު ދެ ހާފު ކުޅެވިގެންދިޔައެވެ. އިތުރު ވަގުތުގައި ޕީއެސްޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ލިވަޕޫލްގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފާހަގަ ވެގެންދިޔައެވެ. ނަމަވެސް އިތުރު ވަގުތުގައިވެސް ލަނޑެއް ނުފެނި ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ޕީއެސްޖީގެ ކީޕާ ޖިއާންލުއިޖީ ޑޮނަރޫމާގެ ހުޝިޔާރުކަން ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔައެވެ. މިގޮތުން އޭނާވަނީ ލިވަޕޫލްގެ ޑާވިން ނޫނޭޒް އާއި ކާޓިސް ޖޯންސް ޖެހި ދެވަނަ އަދި ތިންވަނަ ޕެނަލްޓީ މަތަކޮށްފައެވެ. ލިވަޕޫލަށް ކާމިޔާބު ކުރެވިގެންދިޔައީ މުހަންމަދު ސަލާހް ޖެހި ފުރަތަމަ ޕެނަލްޓީ އެކަންޏެވެ. އެއާ ހިލާފަށް ޕީއެސްޖީއިން ވަނީ އެ ޓީމުން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބު ކޮށްފައެވެ. މި ކާމިޔާބީއާއެކު ޕީއެސްޖީއިން ކްއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ކްއާޓާ ފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ އެސްޓަން ވިލާ އާއި ކްލަބް ބްރޫޖްމެދުގައި ކުޅެމުންދާ ރައުންޑް އޮފް 16 ގެ ކުރިމަތިލުން ކާމިޔަބު ކުރާ ޓީމަކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ