ދިވެހި ތާރީހުގައި އުފެދުނު އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތު ކަމުގައިވާ، ވިލާ ގްރޫޕްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ހަޔާތުނާމާގައި، އޭނާގެ ރަށްފުށުގެ ނިކަމެތި ދިރިއުޅުމުން ފެށިގެން މާލެ އަށް ބަދަލުވި ގޮތުގެ ވާހަކަ ލިޔެފައިވެ އެވެ.
އެންމެ ފުރަތަމަ ވިޔަފާރި ފެށި ގޮތާއި އެ ވިޔަފާރިން ކުރި ފަޅައި ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނަށް އޭނާވީ ގޮތުގެ އިތުރުން ގައުމު ބިނާކުރުމަށް ގާސިމް ކުރެއްވި ހިދުމަތާއި، ލިބުނު ތަނަވަސް ކަމުން ހުޅުވައިލި ދީލަތިކަމާއި، ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ މީހަކަށްވި ގޮތުގެ ވާހަކަ ވަރަށް ތަފުސީލުކޮށް އެ ފޮތުގައި ގެނެސްދީފައިވެ އެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ހަޔާތުނާމާ ވެސް ލިޔުނު ތަޖުރިބާކާރު ނޫސްވެރިޔާ, މުހައްމަދު ޖަމީލް ލިޔެފައިވާ ގާސިމުގެ ހަޔާތުނާމާ މިރޭ ރަސްމީކޮށް ވަނީ ނެރެފަ އެވެ. މިއަދަކީ ގާސިމުގެ އުމުރުން 75 އަހަރު ފުރުނު ދުވަހެވެ.
އޭނާގެ ހަޔާތާއި ހިދުމަތާއި ވިޔަފާރިއާ ގުޅޭ ގޮތުން ކުރިން ކިޔައި ދީފައި ނެތް އެތައް ވާހަކައެއް މިރޭ ނެރުނު 700 އަށް ވުރެ ގިނަ ސަފުހާގެ "ގާސިމް އިބްރާހިމް - ލާމަސީލް ދިވެހި ދަރިއެއް" ފޮތުގައިވެ އެވެ. މި ފޮތުގައި މިހާތަނަށް އާންމުކޮށް ފެނިފައި ނެތް ގާސިމު އާއި އޭނާގެ އާއިލާގެ ފޮޓޯ ވެސް ހިމެނެ އެވެ.
މީގެ 75 އަހަރު ކުރިން 1950 ގައި އދ. އަތޮޅު ދިއްދޫ އަށް އުފަންވި ގާސިމު ކުޑައިރުގެ ހަޔާތް ހޭދަ ކުރެއްވީ، މާމިގިލީގަ އެވެ. އެންމެ ތުއްތުއިރު ބައްޕައާއެކު އުޅުއްވީ އޭރު ފަޅުރަށެއްގެ ގޮތުގައި އޮތް، ނަލަގުރައިދޫ އާއި މާދެލީގައި އެވެ. އެއަށް ފަހު ގާސިމު މާލެ ބަދަލުވެ، ސެކްރެޓަރީކަމުގެ ސަނަދު ހާސިލު ކުރެއްވި އެވެ. ސަރުކާރުގެ ވަޒީފާތައް ވެސް ފުރުއްވި އެވެ.
މިހާރު މި ފެންނަ ކަހަލަ ފުޅާވިޔަފާރިއެއް މާލޭގައި ނެތް ޒަމާނެއްގައި، 15,000ރ. ލޯނެއް ނަންގަވައިގެން 1976 ގައި ފެށި ކުޑަ ފިހާރައަކީ، މިއަދު މިފެންނަ ވަރުގަދަ "ވިލާ" ނުވަތަ ގާސިމުގެ ވިޔަފާރީގެ ފެށުމެވެ. އެ ފެށުމަށް އަންނަ އަހަރު ބައި ގަރުނު ވާއިރު، ވިލާ ގްރޫޕުގެ ދަށުން ފަސް ރިސޯޓާއި، ސިމެންތި ކާރުހާނާ އަކާއި، ގޭސް ބަންދުކުރާ ކާރުހާނާއަކާއި މަސް ކާރުހާނާކާއި އަމިއްލަ ދެ އެއާޕޯޓުގެ އިތުރުން އިންޓަނޭޝަނަލް ފެންވަރުގެ ޕޯޓަކާއި، ވިލާ އެއާ އާއި ވިލާމާޓާއި ވިލާ ހަކަތަ، ވިލާ ޝިޕިން، ވީޓީވީ އަދި ވިލާ ކޮލެޖު ހިންގަ އެވެ. އަދި ހިއްސާވާ އެހެން ވިޔަފާރިތައް ވެސް އެބަ ހުއްޓެވެ.
މިކާމިޔާބުގެ މައިގަނޑު ސިއްރަކީ، ގާސިމުގެ ހަޔާތުނާމާގައިވާ ގޮތުން، "މުރާލިކަމާއި ތޫނުފިލިކަމާއި ތެދުވެރިކަމެވެ". އަދި ރިސްކު ނަގަން ކެރުމެވެ.
ފަސް ފީފާ ތެލުން ބަދަލުވި ގާސިމުގެ ހަޔާތާއި، ވިލާ ބްރޭންޑު އުފެދުމާއި ކުޑަ މަސްބޯޓަކުން ބޮޑު ޝިޕިން ލައިނެއް އުފެއްދި ގޮތާއި ޒަމާނީ ރިސޯޓުތައް ތަރައްގީކުރި ގޮތް، އަދި ވިޔަފާރީގެ އުފާވެރި އަދި ހިތްދަތި ސަފުހާތައް ފޮތުގައިވެ އެވެ.
އޭގެ ތެރޭގައި މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮތް ޓީއެމްއޭގައި ހިމެނޭ ގާސިމްގެ 50 ޕަސެންޓު ހިއްސާ، ޗަމްޕާ ހުސައިން އަފީފަށް ވިއްކާލަން މަޖުބޫރުވި ސަބަބު ކިޔައިދީފައިވެ އެވެ.
ރާއްޖެއަށް އިސްލާހީ ބަދަލު ގެނައުމުގެ މަސައްކަތުގައި ގާސިމުގެ ނަން ފަލަ އަކުރުން ލިޔެވެ އެވެ. އެމްޑީޕީ އާއި ޑީއާރުޕީ އުފެދުމުގެ މާކުރިން ސިޔާސީ ޕާޓީއެއް އުފެއްދުމަށް 2001 ވަނަ އަހަރު ހުށަހެޅި ލިސްޓުގައި އޭނާ ހިމެނެ އެވެ. އެމްޑީޕީ ވުޖޫދު ކުރުމުގައި އޭނާގެ ދައުރު ބޮޑެވެ. އޭގެ މާކުރިން ފެށިފައި އޮތް އިސްލާހީ ހަރަކާތުގައި ސިއްރާއި ފާޅުގައި ގާސިމުގެ ބައިވެރިވުން ވަރަށް ބޮޑެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެ މަޖިލީހުގެ ރައީސް ކަމާއި، މިހާރު އަމަލުކުރާ ފެހި ގާނޫނުއަސާސީ އެކުލަވައިލި މަޖިލީހުގެ މެންބަރުކަމާއި، ރައީސްކަން އޭނާ ކުރެއްވި އެވެ. މައުމޫނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމާއި، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމާއި، ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން އަދާކުރެއްވި އެވެ.
ޑީއާރުޕީގައި އުޅުއްވުމަށް ފަހު، އަމިއްލަ ސިޔާސީ ޕާޓީއެއް، ޖުމްހޫރީ ޕާޓީގެ ނަމުގައި އުފައްދަވައި، 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފިޔަވައި އެހެން ހުރިހާ އިންތިހާބެއްގައި ވާދަ ކުރައްވައި ތަފާތު ދެއްކެވި އެވެ.
ގާސިމްގެ ރިޔާސީ ހުވަފެން އަދި ހަގީގަތަކަށް ނުވި ނަމަވެސް، ސިޔާސީ ޕާޓީތައް އުފެދުމަށް ފަހު މިހާތަނަށް އުފެދުނު ކޮންމެ ސަރުކާރެއް ގެނައުމުގެ ކިންގް މޭކަރަކީ ގާސިމެވެ. ނަމަވެސް އެއަށް ފަހު ކޮންމެ ވެރިކަމެއްގައި އޭނާ ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކަ ހަޔާތުނާމައިގައި ލިޔެފައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، ގާސިމަށް މިނިސްޓަރުކަން ދެއްވަން ބޭނުން ނުވުމާއި، ޔާމީންގެ ވެރިކަމުގައި އޭނާ ޖަލަށް ލުމާއި، ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު، ޖަރުމަނުވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވި ގޮތާއި، ޔާމިންގެ ވެރިކަމުގައި ވިލާގެ ވިޔަފާރި ފުނޑައިލަން އުޅުމާއި، ފިރިހެން ދަރިފުޅު، އިބްރާހިމް ސިޔާދު ގާސިމް ހައްޔަރު ކުރުމުން ލިބުނު ހިތްދަތިކަމާއި އަޅަންޖެހުނު ކަރުނައިގެ ވާހަކަ ވެސް މި ފޮތުގައިވެ އެވެ.
ގާސިމުގެ ހަޔާތުނާމާގައި ސިޔާސީ ގޮތުން އޭނާ ތަޖުރިބާކުރި ކަންކަމާއި، މި ފަހުގެ ތާރީހުގައި ފެނިގެން ދިޔަ، ހަތެއް ފެބްރުއަރީގެ ހަނދާންތައް ވެސް ތަފުސީލުކޮށް ގެނެސްދީފައިވެ އެވެ.
ވިޔަފާރި އާއި ސިޔާސީ މަސައްކަތުގެ ބޭރުން ގާސިމްއަކީ ފަހުގެ ތާރީހުގައި ރާއްޖޭގައި އުފެދުނު އެންމެ ދީލަތި އެކަކެވެ. މިހާރު، މީހުންނަށް ވިސްނޭނެ ގޮތަކަށް ބުނާނަމަ، އާސަންދަ އުފެއްދުމުގެ ކުރިން ގާސިމްގެ އެހީގައި ރާއްޖޭން ބޭރުގައި އެތައް ސަތޭކަ ދިވެހިންނެއް ބޭސްފަރުވާ ހޯދަމުން ދިޔަ އެވެ.
ނަތީޖާއަކަށް ވީ މާޔޫސްވެފައިވާ އެތައް ބަޔަކަށް، އުއްމީދު ގެއްލިފައިވާ އެތައް ހިތަކަށް، ގާސިމުގެ ވިލާ ފައުންޑޭޝަނުން އުފާވެރިކަން ގެނެސްދިނުމެވެ. ސަރުކާރުގެ ލޯން ސްކީމްތަކުގައި މަތީ ތައުލީމަށް ދަރިވަރުން ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވަން ފެށީ، ގާސިމްގެ އެހީގައި ދަރިވަރުން ބޭރަށް ގޮސް ކިޔަވަން ފެށި ފަހުންނެވެ.
ގާސިމްގެ އެހީގައި ކިޔެވި ދަރިވަރުން ރާއްޖޭގެ ކޮންމެ ފަންތިއެއްގައި ކޮންމެ ގިންތިއެއްގައި އެބަ ތިއްބެވެ. އެ ދަރިވަރުން ދައްކަން ޖެހިފައި އޮތް އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ލޯނު ވެސް އެންމެ ފަހުން ގާސިމް ވަނީ މައާފުކޮށްދެއްވައިފަ އެވެ.
ދިވެހި ގައުމު ބިނާކުރުމުގަށް އިލްމީ ސިކުނޑިތަކެއް އުފެއްދުމަށް ގާސިމް ކުރެއްވި މަސައްކަތާއި ކުރެއްވި ހޭދަ އޭރުގެ މުޅި ދައުލަތާ ނުބައްދަލެވެ. މިއަދު ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ކޮލެޖަކީ ވެސް ގާސިމްގެ ވިލާ ކޮލެޖެވެ. އެއީ މާލީ ފައިދާއެއް ހޯދުމަށް އޭނާ ކުރާ މަސައްކަތެއް ނޫނެވެ. ގައުމު ބިނާކުރުމަށް އެހީތެރިކަން ދިނުމުގެ މާތް މަގުސަދުގައި ކުރައްވާ ހިދުމަތެކެވެ.
ހަތަރު އަނބިންނާއި، 14 ދަރިންގެ ބައްޕައެއްގެ ގޮތުގައި އުފުއްލަވާފައިވާ އާއިލީ، އަދި ގައުމީ ޒިންމާއަކީ އަދި އޭނާގެ ހިދުމަތްތަކާއި ކާމިޔާބީ އާއި ތަޖުރިބާތަކަކީ ކޮންމެ މީހަކަށް ވެސް ނަމޫނާ އެކެވެ. ގާސިމްގެ މުރާލި ކަމާއި ބުރަ މަސައްކަތުން ހޯއްދެވި ތަނަވަސްކަމުގެ ކުލަ ތަސްވީރު ޖަމީލު ލިޔެފައިވާ ގާސިމްގެ ހަޔާތުނާމާއިން ފެނިގެންދެ އެވެ.
ހިނިތުންވުމާއި ހިތްދަތިކަމުގެ އިތުރުން އުއްމީދާއި ނާކާމިޔާބުގެ ވާހަކަތަކުން ފުރިފައިވި ގާސިމްގެ ހަޔާތުނާމާ ނިންމާލާފައި ވަނީ އޭނާގެ ދަރީންނަށް ކުޅަ އަސަރުގަދަ އެހެނަސް އަގުހުރި ނަސޭހަތުގެ ވަސިއްޔަތަކުންނެވެ.
އެ ވަސިއްޔަތުގައި ގާސިމްގެ 14 ދަރީންގެ އިތުރުން އެ ކުދީންގެ މަންމައިންގެ ކިބައިން ވެސް ގާސިމް ކަންތައްތަކެއް ކޮށްދިނުމަށް އެދިފައިވެ އެވެ. މުޅި ހަޔާތުގައި ކުރެއްވި ބުރަ މަސައްކަތުން ހޯއްދެވި ހުރިހާ ކާމިޔާބީއެއް ދަރީންނަށް ދޫކޮށްލައްވާފައި ވަނީ ބައިބައިވެ ނުދިޔުމަށް އެދި ވަސިއްޔަތް ކުރައްވަމުންނެވެ.
މިފޮތާއެކު ގާސިމްގެ ހަޔާތުނާމާގެ ހާއްސަ ވެބްސައިޓު ވެސް ވަނީ މިރޭ ނެރެފަ އެވެ. އަދި މާދަމާއިން ފެށިގެން ފޮތް ހިލޭ ބަހަން ވެސް ވަނީ ނިންމައިފަ އެވެ.
ގާސިމްގެ ހަޔާތުނާމާ: ހަޔާތުގެ ތަޖުރިބާ އާއި އިބުރަތްތަކުގެ ކުލަ ތަސްވީރެއް ގާސިމްގެ ހަޔާތުނާމާ: ހަޔާތުގެ ތަޖުރިބާ އާއި އިބުރަތްތަކުގެ ކުލަ ތަސްވީރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ