ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވު އިތުރުވުމަކީ ލިބުނު ހިތްހަމަޖެހުމެއް: އިންޑިއާ
ރާއްޖެ އަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަމުން އަރައިގަތުމަށް، އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވެފައި ވުމަކީ، ލިބުނު ހިތްހަމަޖެހުމެއް ކަމަށް އެ ގައުމުން ބުނެފި އެވެ. ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗުން ވަނީ ރާއްޖެއަށް ދީފައި އޮތް 'ސީސީ' ނުވަތަ 'ޖަންކް' ރޭޓިން މިދިޔަ ބުރާސްފަތި ދުވަހު ދަމަހައްޓައިފަ އެވެ.ފިޗުން ވަނީ ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ރާއްޖޭގެ ފޮރިން ރިޒާވް މިހާރު އިތުރުވެފައިވާއިރު އޭގެ ސަބަބުތަކުގެ ތެރޭގައި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އާއެކު މިދިޔަ އަހަރުގެ އޮކްޓޫބަރު 24ގައި ހެދި އެއްބަސްވުމުގެ ދަށުން 400 މިލިއަން ޑޮލަރު ލިބުން ހިމެނޭ ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެ އެވެ.އެކަމާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާރުބީއައި މެދުވެރިކޮށް ހަމަޖައްސައިދިން ކަރަންސީ ސްވޮޕް ފެސިލިޓީގެ މުހިންމުކަން ފިޗުން ވެސް ފާހަގަކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި ރާއްޖެ އަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ހޯދައިދީ، ރިޒާވް އިތުރުވުމުގައި އިންޑިއާ އިން ފޯރުކޮށްދިން އެހީތެރިކަމަކީ، އިންޑިއާ އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ޕޯސްޓުގައި ވެ އެވެ. ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން، ވޯލްޑް ބޭންކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ވެސް މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވާލަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެ ލަފަޔާ އެއްގޮތަށް މި ސަރުކާރުން ހަރަދު ކުޑަކުރަން އިސްލާހީ ފިޔަވަޅުތަކެއް އިއުލާނުކުރި ނަމަވެސް ސިޔާސީ އެކިއެކި ސަބަބުތަކަށްޓަކައި އެ ފިޔަވަޅުތައް ނާޅައިކަމުގެ ކަންބޮޑުވުން ފިޗުގެ ރިވިއުގައި ފާހަގަކޮށްފައިވެ އެވެ. ރާއްޖެއާ އިންޑިޔާގެ ގުޅުން ރަނގަޅޫކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކަރަންސީ ސްވޮޕް އެއްބަސްވުން ހެދީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ