ޕެރިސް (މާޗް 17) - ފްރެންޗް ލީގުގައި ރޭ 3-1 އިން މާސޭ ބަލިކޮށް ޕީއެސްޖީން ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމާ ގާތަށް ޖެހިލައިފި އެވެ.
މި މޮޅާ އެކު، ޕީއެސްޖީން ވަނީ އެއް ވަނައިގައި 19 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ޕީއެސްޖީން ދެން ކުޅޭ ދެ މެޗުން މޮޅުވެއްޖެނަމަ، އެ ޓީމުގެ ތާރީހުގައި 13 ވަނަ ފަހަރަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ލިބޭނެ އެވެ.
އަށާރަ ޓީމު ވާދަކުރާ ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 26 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ 26 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި، އެ ޓީމަށް ލީޑުނަގައިދިނީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ތަރި އޮސްމާން ޑެމްބެލޭ އެވެ. ޑެމްބެލޭ މި ގޯލު ޖެހީ ފަބިއަން ރުއިޒް ދިން ބޯޅައަކުުންނެވެ. މިއީ، ޕީއެސްޖީއާ ގުޅުނު ފަހުން، 79 މެޗުން ޑެމްބެލޭ ޖެހި 36 ވަނަ ގޯލެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޕީއެސްޖީން ލީޑުފުޅާކުރި އެވެ. އެ ޓީމަށް މި ގޯލު ޖަހައިދިނީ، 42 ވަނަ މިނިޓްގައި ފުލްބެކް، ނޫނޯ މެންޑޭސް އެވެ. މިއީ ވެސް ފަބިއަން ރުއިޒް ތަނަވަސްކޮށްދިން ބޯޅައަކުން މެންޑޭސް ޖެހި ގޯލެކެވެ.
ދެ ވަނަ ހާފު ފަށައިގެން ހަ މިނިޓް ތެރޭ އެޑްރިއަން ރަބިއޯ ދިން ބޯޅައަކުން އަމީން ގޮއީރީ ޖެހި ގޯލުން މާސޭ އިން އުންމީދެއް ހޯދި އެވެ. އެކަމަކު، ފަހުން މާސޭގެ ޕޮލް ލިރޯލާ އަތުން ބައިކޮޅަށް ވަން ގޯލާ އެކު، ޕީއެސްޖީން ލީޑުފުޅާކޮށް މެޗުން މޮޅުވީ އެވެ.
ފްރެންޗް ލީގުގައި މި ސީޒަނުގައި ޕީއެސްޖީ އަދި ބަލިވެފައިނުވެ އެވެ. އެ ޓީމުން 21 މެޗުން މޮޅުވިއިރު، ފަސް މެޗު ވަނީ އެއްވަރުވެފަ އެވެ.
މާސޭ ބަލިކޮށް ޕީއެސްޖީން ލީގު ކަށަަވަރުކުރުމާ ގާތަށް މާސޭ ބަލިކޮށް ޕީއެސްޖީން ލީގު ކަށަަވަރުކުރުމާ ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ