ސަން ބަދިގެ: ބްރައުން ޝުގާ ކެރެޓްސް

ރޯދަމަހު ތަރުކާރީގެ ބާވަތްތައް ކެވޭ މިންވަރު އިތުރުކުރުމަށް ޓަކައި، ތަފާތު އާ ގޮތްތަކަށް ތަރުކާރީ ތައްޔާރުކުރެވިދާނެއެވެ. މިއީ، ބަތާއި މަހުގެ ބާވަތެއް ހިމެނޭ ކެއުމަކާއެކު ނުވަތަ ހުހަށް ވެސް ކެއުމަށް ކެރެޓް ތައްޔާރުކުރެވިދާނެ ގޮތެކެވެ. ބޭނުންވާ ތަކެތި އެއް ކިލޯ ކެރެޓް 40 ގުރާމު (1/4 ޖޯޑު) ބްރައުން ޝުގާ ދެ ލޮނުމެދު (ކުދިކޮށް ކޮށާފައި) ދެ މޭޒުމަތީ ސަމުސާ (30 ގުރާމު) ބަޓަރު (ދިޔާކޮށްފައި) 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް 1/2 ސައިސަމުސާ ލޮނު 1/4 ސައިސަމުސާ އަސޭމިރުސް ތައްޔާރުކުރާނެ ގޮތް އެންމެ ފުރަތަމަ އަވަން ހޫނުކުރަން ޖައްސާނީއެވެ. އެއީ 220 ޑިގުރީ / 425 ފެރެންހެއިޓްއަށެވެ. ކެރެޓުތައް މަށައި، ދިގުމިނުގައި ގާތްގަނޑަކަށް ހަތަރު ސެންޓިމީޓަރު ހުންނަވަރަށް ކޮށާލާށެވެ. ހުރިހާ ބައިތައް ވެސް އެއް ސައިޒެއްގައި ބެހެއްޓުމަށް ޓަކައި، ކެރެޓުގެ ފުޅާ ހިސާބުން ދެފަޅި ކޮށްލަން ޖެހޭނެއެވެ. ބޯތައްޓެއްގައި ބްރައުން ޝުގާއާއި ބަޓަރާއި ލޮނުމެދާއި އޮލިވް އޮއިލްއާއި ލޮނާއި އަސޭމިރުސް އެއްކޮށްލާށެވެ. އޭގެ ތެރެއަށް ކެރެޓުތައް ވެސް އަޅައި، ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއަކަށް އަޅައި، ކެރެޓު ފަތުރާލާށެވެ. އަދި އަވަނަށް ލައި 15 މިނެޓަށް ރޯސްޓްކުރާށެވެ. އެހާ ހިސާބުން ޓްރޭ ނަގައި، ކެރެޓުކޮޅު ފުށަށް ޖަހާށެވެ. އަލުން ޓްރޭ އަވަނަށް 10 މިނެޓު ވަންދެން ރޯސްޓްކުރާށެވެ. އެއަށްފަހު ޓްރޭ ނަގާއިރު ކެރެޓުކޮޅު މަޑުވެ، ކާން ހުންނާނީ ތައްޔާރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ