ވިލިތަރި ޤުރުޢާން މުބާރާތް ފަށައިފި

ރަމަޟާން މަހަށް ހާއްސަކޮށްގެން ވިލިމާލޭގައި ކުރިއަށް ގެންދާ ‘’ވިލިތަރި ޤުރުޢާން'' މުބާރާތް ވިލިމާލޭގައި ފަށައިފިއެވެ.
މި މުބާރާތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޝެއިޚް އަޙްމަދު ފަހުމީ ދީދީއެވެ. މި ރަސްމިއްޔާތުގައި މާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި ތިލަމާލެ ޕޮލިސް ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދުއާއި ވިލިމާލެ ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޒިޔާދު އަލީ ބައިވެރިވެލެއްވިއެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އައްޝެއިޚް އަޙްމަދު ފަހުމީ ދީދީ ދެއްކެވި ވާހަކަފުޅުގައި، މީސްތަކުންނަށް ހެޔޮކަމާއި، ޞުލްޙަވެރިކަމާއި، ރޫޙާނީ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގައި ކީރިތި ޤުރުޢާނުގެ މުހިންމު ދައުރާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ކީރިތި ޤުރުޢާނާ އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރުމަށާއި ދިރިއުޅުން ބައްޓަންކުރުމުގައި ޤުރުޢާން ކިޔެވުމުގެ މުހިންމުކަމާއި ކުދިންގެ ހިތްތަކުގައި ޤުރުޢާނުގެ މައްޗަށް ލޯބި ޖެއްސުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ރަމަޟާން މަސް ފަދަ މާތް މައްސަރެއްގައި ޤުރުޢާން ކިޔަވައި އެއާމެދު ވިސްނައި ފިކުރުކުރުމާއި ޤުރުޢާނަކީ ރޫޙާނީގޮތުން އެތައް ފައިދާއެއް ކުރާނެކަމެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
ވިލިމާލެ ޕޮލިހުން އިންތިޒާމުކޮށްގެން މި މަހު 18 އިން 19 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 95 ކުދިން ބައިވެރިވެއެވެ. އެއީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ އުމުރު ފުރާގެ 24 ކުދިންނާއި ހަ އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާގެ 36 ކުދިންނާއި 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާގެ 24 ކުދިންގެ އިތުރުން 14އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާގެ 11 ކުދިންނެވެ.
އާންމުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުކޮށް ސްކޫލު ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުޢާނަށް އޮންނަ ލޯބި އިތުރުކުރުމާއި ރަށުތެރޭގައި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ވިލިމާލޭ ޕޮލިހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިފަދަ މުބާރާތްތައް ބާއްވައި ތަފާތު ހަރަކާތްތައް ސިލްސިލާކޮށް ދަނީ ހިންގަމުންނެވެ.
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ