ހުޅުމާލޭގައި ސްކޫލުގެ ދަތިކަން އެބަހުރި، ހައްލު ކުރާނަން: ޝަފީއު

ހުޅުމާލެ ފޭސް2 ގައި އަޅާ ސްކޫލެއްގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށާއި އެ ސްކޫލުގައި ކިޔަވައިދޭން ފެށުމުން ހުޅުމާލޭގެ ސްކޫލުތަކުން ޖާގަ ހޯދުމުގައި ދިމާވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މިނިސްޓަރާ ސުވާލު ކުރެއްވީ ހުޅުމާލެ ފޭސް2 އިން ގިނަ އަދަދެއްގެ ދަރިވަރުން އަދިވެސް ކިޔެވުމަށް މާލެ އަންނަން ޖެހޭތީ އެކަމަށް ދާއިމީ ހައްލެއް ލިބޭނެ  ދުވަހަކާ ގުޅޭގޮތުންނެވެ.
ތަފްސީލް - މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ އާބަން ޑިވެލޮޕްމެންޓުގެ ތެރެއިން މިހާރު އެންމެ އިސްކަން ދެނީ ފްލެޓު އެކަނި އަޅަން ކަމަށާއި ނަމަވެސް އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނެ ހިދުމަތްތައް ގާއިމްކުރަން ވެސް އިސްކަން ދޭން ޖެހޭ ކަމަށެވެ.
"މިސާލަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ 7 ފްލެޓުގެ ހިޔާ ޓަވަރުތައް ނިމިގެން ދިޔައިރުގައި ވަރަށް ގިނަ ދުވަސްވި، ފަސް ވަރަކަށް އަހަރު ދިޔަ. އެ ފަސް އަހަރު ތެރޭ ވެސް އެކަށީގެންވާ ސްކޫލު އިމާރާތްތަކެއް އެ ސަރަހައްދުގައި ގާއިމެއް ނުކުރެވުނު،" މިނިސްޓަރު ވިދާޅުވި އެވެ.
"އެންމެ ސްކޫލެއް، ސޮލާހުއްދީން ސްކޫލު ބިނާ ކުރެވިގެން ދިޔައީ. ސޮލާހުއްދީން އެއް ސެޝަނަށް ހިނގަމުން އަންނަނިކޮށް އަޅުގަނޑު ނިންމީ އެތައް ހާސް ދަރިވަރުންނެއް ކޮންމެ ދުވަހަކު ބްރިޖު ހުރަސްކޮށް މާލެ އަށް އަންނަމުންދާތީ އެ ތަކުލީފު ކުޑަކުރުމަށް ސޮލާހުއްދީން ދެ ސެޝަނަށް ބަދަލު ކުރުމަށް."
ހުޅުމާލެ ފޭސް2 ގައި އަޅަމުން އަންނަ 54 ކްލާސްރޫމުގެ ސްކޫލު އިމާރާތުގެ މަސައްކަތް ނޮވެމްބަރަށް ނިމޭނެ ކަމަށައި ހިޔާ ސަރަހައްދުގައި އަޅާ އެ ސްކޫލުގައި ކިޔަވައިދޭން ފެށުމުން ހުޅުމާލެެ ފޭސް2 އިން މާލެ އަށް ސްކޫލަށް އަންނަން ދަރިވަރުން ކުރާ ދަތުރުތަކަށް ފުދޭވަރަކަށް ބޮޑަށް ހައްލެއް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ހުޅުމާލެ ފޭސް1 ގައި ސްކޫލެއް އަދި ފޭސް2 ގައި ވެސް ސްކޫލެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ފޭސް1 އަށް ބަލާއިރު ވެސް ސިފްކޯ، ޕޮލްކޯ އަދި އެޕޯލޯ ޓަވަރުތައް ކައިރީ ސްކޫލެއް ނެތުމުގެ އުނދަގޫ ވަރަށް ބޮޑަށް ކުރަމުން މިދަނީ. އެނެްވީމާ ހުޅުމާލޭގައި ގޮންޖެހުންތަކެއް އެބަހުރި، އެ ގޮންޖެހުންތައް ހައްލު ކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަން ދޭ ކަންތައް. ދެ ސްކޫލު މި އަހަރު އަޅުގަނޑުމެން ފަށާނަން މި އަހަރު،" 
ފާހަގަ ކުރެވޭ - އެޑިއުކޭޝަން މިނިސްޓްރީ އިން މީގެ ކުރިން ހާމަކޮށްފައިވާގޮތުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު އިރު މާލެ އަށް ވުރެ ޑިމާންޑު ބޮޑީ ހުޅުމާލޭ ސްކޫލުތަކަށެވެ. އަތޮޅުތެރެއިން މާލެ ސަރަހައްދަށް ބަދަލުވާ ގިނަ ދަރިވަރުން ވެސް ބޭނުންވަނީ ހުޅުމާލޭގެ ސްކޫލުތަކަށް ބަދަލުވާން ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ