ސިވިލް ސާވަންޓުންނާއި، ކައުންސިލް ތަކުގެ މުވައްޒަފުންގެ އިތުރުން ޖުޑިޝަރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި 15 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ”ވޮއިސް“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، އެ ތިން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓާގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
Advertisement
ސިވިލް ސާވަންޓުންނާއި، ކައުންސިލް ތަކުގެ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުސާރައާ ތިންބައި އެއްކޮށް ޕޭ ހާމަނައިޒޭޝަން މި އަހަރު. ދެން އަޅުގަނޑުމެން މި އަހަރު ޕްލޭން ކޮށްފައި އިންނާނީ ތާޑް ކުއާޓާއަށް. އެހެންވީމާ ތާޑް ކުއާޓާ ތެރޭގައި ދާނެ އެކަންތައް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ދައުލަތުން މިއަހަރަށް ހުށަހެޅި ޖުމުލަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަށް 500 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
އެ ބަޖެޓް މަޖިލީހުގައި ހުށަހަޅުއްވަމުން، މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ ސިވިލް ސާވަންޓުންނާއި ޖުޑިޝަރީގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެންނަން ޖުމުލަ 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.
މުސާރަތައް ބޮޑުކުރުމުގެ މަސައްކަތްތަކެއް ކުރަމުން ދަނީ 2026 ވަނަ އަހަރު ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ނިންމުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް މުޢިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ