ކަރަންޓު ބިލްތަކުން ވައްކަން ކުރި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

ބ. ކަމަދޫ ފެނަކައިގެ ކުރީގެ މުވައްޒަފަކު، ކަރަންޓު ބިލްތައް އަމިއްލައަށް ބޮޑުކޮށްގެން އެ ފައިސާ ބޭނުންކުރި މައްސަލާގައި އެ މުވައްޒަފަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޢާއިޝަތު ސަމިއްޔާ (މިނާ، ބ.ކަމަދޫ) ގެ މައްޗަށެވެ.
މި މައްސަލައިގައި ސަމިއްޔާގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ރަސްމީ ހައިސިއްޔަތުން އެފަރާތުގެ ވާޖިބު އަދާކުރުމުގައި، އެފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދަޢުވާއާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 13 ވަނަ މައްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ އެވެ.
އޭސީސީން ބުނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ސަމިއްޔާ ފެނަކަ ކޯޕަރޭޝަނުގެ ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ ނަގާ އެފައިސާ ބޭނުން ކޮށްފައިވާ ކަމަށެވެ.
އެފައިސާ އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އެންގުމަށް އޭސީސީން ވަނީ ނިންމާފަ އެވެ. އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެފައިސާ އަނބުރާ ހޯދައިދިނުމަށް ފެނަކަ އަށް އެންގުމަށް ވެސް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ