ދައުލަތަށް ފައިދާ ނުވާ، ކުންފުނިތައް ރީސްޓްރަކްޗާރކުރުން ނުވަތަ އުވާލުމަށް ނިންމައިފި

ދައުލަތަށް ފައިދާ ނުވާ، އަދި ފައިދާ ވާގޮތަށް ނުހިންގޭ ކުންފުނިތަކަށް ވަކި މުއްދަތެއް ދިނުމަށްފަހު އެ ކުންފުނިތައް ރީސްޓްރަކްޗާރކުރުން ނުވަތަ އުވާލުމަށް ކެބިނެޓުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ، ރައީސް އޮފީހުން ކެބިނެޓުގެ ނިންމުންތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމްއެވެ.
އޭނާ ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތައް ހިންގުމަށް ދައުލަތުން ހަރަދެއްކުރަން ނުޖެހި ހިންގަން ޖެހޭގޮތަށް ސިޔާސަތުތަކެއް ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީން ކެބިނެޓު ބައްދަލުވުމުގައި ކަރުދާހެއް ހުށައަޅުއްވާފައިވާކަމަށެވެ.
ނާޒިމް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ސިޔާސަތުތަކެއް ކަނޑައަޅައިފައި ވާކަމަށެވެ.
އެގޮތުން އޭނާ ވިދާޅުވީ އޭގެ ތެރޭގައި ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތި ކުރެވޭ އުސޫލު މުރާޢާޖާކޮށް ކުންފުނިތަކުގެ ޕާފޯމަންސް ރަނގަޅުކުރުމަށް ޝައުގުވެރިކަން އިތުރުކުރުމަށް ކުންފުނިތަކަށް ހާއްސަ ކީ ޕާފޯމަންސް އިންޑިކޭޓަރސް ތަކެއް ކަނޑައަޅައި ތިންމަސް ދުވަހުގެ ތެރޭގައި އެކަން ތަންފީޒު ކުރެއްވުުމަށް ނިންމާފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ނޭޝަނަލައިޒްކޮށް ބާއްވާނެ ކުންފުނިތަކާއި ޕަބްލިކް ޕާޓްނަރޝިޕްގެ ދަށުން ހިންގާނެ ކުންފުނިތަކާއި އަދި އާންމުންނަށް ހިއްސާ ވިއްކައިގެން އޭއައިޕީއޯގެ ދަށުން ހިންގާނެ ކުންފުނިތައް ދެނެގަނެ އެކުލަވާލަން ޖެހޭ ސިޔާސަތުތައް ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތް ހިއްސާވާ ކުންފުނިތަކައް ސަބްސިޑީ ދޭން ޖެހޭ ހާލަތްތަކާއި ސަބްސިޑީ އަދި ކެޕިޓަލް ދޭނެ އުސޫލު ހަރުދަނާކުރުމުގެ ސިޔާސަތުތަކެއްވެސް ކަނޑައަޅައިފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ