ދިރާސީ އާ އަހަރު ފެށޭއިރު މޫސުން ގޯސްވެ އެތައް ބަޔަކު ރަށަށް ނުދެވިފައި!

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ކަނޑު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސަކޮސްފައިވާ މި ދަނޑިވަޅުގައި ރަށުން ބޭރަށް ދިޔަ އެތައް ބަޔަކު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ވާއިރަށް އަނބުރާ ރަށަށް ނުދެވި ތާށިވެއްޖެއެވެ.
ކޮންމެ ދިރާސީ އަހަރެއް ނިމުމާ އެކު ޗުއްޓީ ހޭދަ ކުރުމަށާއި ދިރާސީ އާ އަހަރަށް ބޭނުންވާ ތަކެތި ގަތުމަށް ދަތުރުފަތުރު ކުރެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުން ރަށްރަށަށް ދަތުރުފަތުރުކޮށް އުޅެނީ ޗުއްޓީ ހޭދަކޮށްލުމަށެވެ. އަދި ރަށްރަށުން މާލެއަށް ދަތުރުފަތުރު ކުރާ މީހުންނަކީ ސްކޫލް ހުޅުވެންވާއިރަށް ބޭނުންވާ ތަކެތި ގަތުމަށާއި ބޭސްފަރުވާއަށް ދަތުރުފަތުރު ކުރާ މީހުންނެވެ.
އެ ގޮތުން މި ވަގުތު މާލެ ސަރަހައްދުގައި އެތައް ބަޔަކު އަނބުރާ ރަށަށް ނުދެވިފައި ތިބި އިރު، އަތޮލޫތެރޭ ރަށްރަށަށް ޗުއްޓި ހޭދަކުރަން ދިޔަ އެތައް ބަޔަކު ތިބީ މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ ރަށަށް ނުދެވިފައެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން ދަތުރުފަތުރު ނުކުރެވި ތިބެން ޖެހިފައިވާ އިރު މާދަމާ އަކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސް ކަމުން ގިނަ ބަޔަކު ތިބީ އަންނަނީ ވައިގެ މަގުން ދަތުރު ކުރުމަށް ޖާގަ ލިބޭތޯ މަސައްކަތް ކުރަމުންނެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ކުޑަތަން ވެފައިވާ އިރު، މޫސުން ގޯސްވުމުގެ ސަބަބުން ސަރުކާރުން ވަނީ ސްކޫލްތަކުގެ ކިޔަވައިދޭ ދަންފަޅި ކުރިއަށް އޮތް ތިން ދުވަހު ދެ ގަޑިއިރާއި ތިން ގަޑިއިރަށް ކުރު ކުރުމަށް އަންގާފައެވެ.
ދަތުރުފަތުރު ކުރުމުގައި ހުރި ދަތިކަމުގެ ސަބަބުން ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުމަށް ބޭނުންވާ ބައެއް ތަކެތި ލިބުމުގައި ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
މިކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މާދަމާ އިން ފެށިގެން ކުރިއަށް އޮތް 3 ދުވަހު ކަނޑު ދަތުރު ކުރެވޭ ވަރަށް މޫސުން ތަންދޭ ކަމަށް މޫސުމާ ބެހޭ އިދާރައިން ބުނެފައިވާ ކަމަށެވެ. ވީމާ ރަށްރަށުގެ ހާލަތު ބަލައި އެ މުއްދަތުގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށަށް ގެންދިއުމަށް އިލްތިމާސް ކުރާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އިއްޔެ ޔެލޯ އެލާޓް ނެރެފައި ވީ ނަމަވެސް މިއަދު މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. މީގެ 4 ގަޑިއިރު ކުރިން މޫސުމާ ބެހޭ އިދާރާއިން އާންމު ކުރި މައުލޫމާތަށް ބަލާއިރު، ހއ އަތޮޅުން ފެށިގެން މ އަތޮޅަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ މިނެއްގައި ވައިގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ