ކުޅުދުއްފުށީގައި މިމަހުގެ ކަރަންޓު ބިލުތަކުން 50 ޕަސެންޓްގެ ޑިސްކައުންޓް ދެނީ

ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް މެދުނުކެނޑި ކަރަންޓްގެ ހިދުމަތް ދިނުމަށް ދިމާވި މައްސަލަތަކާއި ގުޅިގެން މި މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
ފެނަކަ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކުޅުދުއްފުށި ރައްޔިތުންނަށް މެދުނުކެނޑި ކަރަންޓްގެ ހިދުމަތް ލިބުމުގައި މި ރޯދަ މަހު ގިނަގުނަ ގޮންޖެހުންތަކެއް ދިމާވި ކަމަށާ އެކަމަށް ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.
އަދި ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން އަރުވަމުން ފެނަކައިން ވަނީ، މިހާރުވެސް އާ ޖެންސެޓެއް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަން ފާހަގަ ކުރައްވާފައެވެ.
Advertisement
އެ މަސައްކަތް ނިމުމުން ކަރަންޓްގެ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. 
މިއާއެކު ފެނަކައިން ބުނީ، ކަރަންޓަށް ދިމާވި މައްސަލައާ ގުޅިގެން އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން އެ ސިޓީގެ ރައްޔިތުންނަށް މިހިނގާ އޭޕްރީލް މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. 
އަދި، ފާއިތުވެދިޔަ ފަސް އަހަރު ބޮޑެތި އިހްމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް އެކަށީގެންވާ އަވަސް ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކު މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ