ޗައިނާގެ މުދަލަށް ރުފިޔާ އިން ފައިސާ ދެއްކޭނެ އިންތިޒާމެއް

ރާއްޖޭގެ ވިޔަފާރިވެރިން ޗައިނާގެ ޔުއާން އިން ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ކެމްޕޭނަށް ސަރުކާރު ކޯލިޝަނުން މިއަދު ލ. އަތޮޅަށް ފެށި ދަތުރުގެ ތެރެއިން މާވަށުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އަމާޒުހުރީ މަދުވެގެން ދެ އަހަރު ތެރޭގައި ޑޮލަރުގެ ރޭޓް ވެސް ރަސްމީ ރޭޓަށް ބަދަލުކޮށް އެއަށް ވުރެ ވެސް ދަށްކުރުމަށް ކަމަށެވެ.
ސައީދު ވިދާޅުވީ ރާއްޖެއަކީ ވިޔަފާރީގައި ހުޅުވާލެވިފައި އޮތް ގައުމެއް ކަމަށާއި ޗައިނާއާ އެކީ 720 މިލިއަން ޑޮލަރުގެ ވިޔަފާރި އަދި އިންޑިއާއާ އެކީ 780 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރާ ކަމަށެވެ. އަދި އަމާޒުހުރީ ދިވެހި ވިޔަފާރިވެރިންނަށް ދުނިޔޭގެ އެކި ޤައުމުތަކުން އިމްޕޯޓްކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށާއި އެންމެ އަވަހަށް އެކަން ވާނީ ޗައިނާގައި ކަމަށް ވިދާޅުވި އެވެ.
"ޗައިނާ ސަރުކާރުން މިހާރު އަޅުގަނޑުމެން ވާނީ ރައީސްގެ އެޑްވައިޒަރާ އެކު ޗައިނާގެ ސެންޓްރަލް ބޭންކް ގަވަރނައަށް ރާއްޖެއަށް ދައުވަތު ދީފައި. މިއަދު މި ދަތުރުގައި އައި އިރު އޭގެ ޖަވާބުވެސް އެބައޮތް ލިބިފައި،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގައި އިރާދަކުރެއްވިއްޔާ ޓްރޭޑް ފެސިލިޓޭޝަންއަށް ހަމައެކަނި 720 މިލިއަން ޑޮލަރުގެ ބައިކުޅަބައި ލިބުނު ކަމަށް ވިޔަސް ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިންޕޯޓްކުރާ މުދާ ޔުއާންއިން ރުފިޔާއިން ޕޭކުރެވޭނެ އިރާދަކުރެއްވިއްޔާ. ހަމައެގޮތަށް އިންޑިއާ އިން ގެންނަ އެއްޗެހިވެސް އަޅުގަނޑުމެންގެ އަމާޒު ހުރީ އިރާދަކުރެއްވިއްޔާ ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތެއް ހޯދަން.
ސައީދު ވިދާޅުވީ، މި އިންތިޒާމު ހަމަޖެހުމުން ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ 30 ނުވަތަ 40 ފަސެންޓް ވަރުގަދަ ވާނެ ކަމަށެވެ. އަދި ނަތީޖާ އަކީ ޑޮލަރުގެ ރޭޓް 15.42 އަކަށް ވުރެ ވެސް ދަށަށް ދިއުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އަމާޒު ހުރީ ދުނިޔޭގެ މަޝްހޫރު ހުރިހާ އީ-ވޮލެޓެއް ރާއްޖެ ގެންނަން ކަމަށެވެ. އޭގެ ތެރޭގައި ކޮރެއާ، ޖަޕާން، ޗައިނާ، ޔޫއެސްއޭ، ސިންގަޕޯރ، މެލޭޝިއާ، އިންޑިއާ، ޔޫއޭއީ ފަދަ ޤައުމުތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ