ގާސިމް، އެމްޑީޕީގެ މެންބަރުންނަށް: ވިޔާނުދާ ބެރުބެރަށް "ޑާންސް" ނުކުރައްވާ!

ވިޔާނުދާ ބެރުބެރަށް "ޑާންސް" ނުކޮށް، ރައްޔިތުންނާ މެދު ވިސްނުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
އެމްޑީޕީންނާއި ދަ ޑިމޮކްރެޓްސް އިން ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމި މައްސަލައިގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް މިއަދު ވިދާޅުވީ ދިވެހި ރައްޔިތުން ހަލާކުކޮށްލަން ނޫޅުމަށް އިލްތިމާސްކުރައްވާ ކަމަށާއި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުން ކުރާ އެ މަސައްކަތްތައް ކާމިޔާބެއް ނުވާނެ ކަމަށެވެ.
"ދިވެހި ރައްޔިތުންނަކީ ގަމާރުންނެއް ނޫން. މިހާރު މި މީހުން ކެބިނެޓަށް ރުހުން ނުދޭން މިއުޅެނީ އެތަނުގައި ތިބި އެންމެ ޑައިނަމިކްކޮށް ކަންތައް ކުރެވޭނެ ކަމަށް ގަބޫލުކުރެވޭ މީހުން ބޭކާރުކޮށްލަން. ބޭކާރުކޮށްލީމާ މި މީހުން ބޭނުންވާ ބެރު ޖެހޭނެ ނޫންތޯ، ދެން ރައްޔިތުން ޑާންސް ކުރަންވީ. އާދޭސްކޮށްފައި މި ބުނަނީ އެހެން ޖަހާ ވިޔާނުދާ ބެރުބެރަށް ތިބޭފުޅުން ޑާންސް ނުކުރާށޭ. ތިބި ޕާޓީއަކަށް ނޫން ބައްލަވަންވީ، ދިވެހި ގައުމަށް. ތިބޭފުޅުންގެ ޖީބަށް އެއްޗެއް ލިބޭނެ ގޮތާއި ގައުމު ތަނަވަސްކަމާއި ސުލްހަ މަސްލަސްލަހަތާއެކީގައި ކުރިއަށްގެންދެވޭނެ ގޮތަށޭ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީގެ ތެރެއިން ހިންގާ ހަޑިހުތުރު އަމަލުގައި މަޖިލިސް މެންބަރުން ޖެހިވަޑައިނުގެންނެވުމަށް އާދޭހާއެކު ދަންނަވާ ކަމަށާއި މި ގައުމު ހަލާކުކުރާ، ފަނާކުރަނިވި ބަޔަކަށް ވެވަޑައިނުގެންނެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި އެ ކުރާ މަސައްކަތުން ލިބޭނެ ނަތީޖާއެއް، މަންފާއެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އޭގެ ބަދަލުގައި ދިވެހި ރައްޔިތުންނާއި ގައުމާއި ދިިވެހި ސަރުކާރު ހަމަޖެހިގެން ދާތަން ފެނުމޭ ތިބޭފުޅުންނަށް ވެސް ލިބޭނެ އެންމެ ބޮޑު ކާމިޔާބަކީ. އެހެންވީމާ މިކަން ފާހަގަކުރައްވާފައި އަވަހަށް މި ޖައްސާ ދަންމަޅިގަނޑުން އަޅުގަނޑުމެން ސަލާމަތްކޮށްދޭށޭ. ދެތިން ހަތަރު މީހުން ޖައްސަން އުޅޭ ދަންމަޅިން އެމްޑީޕީގައި އަދި ޑިމޮކްރެޓުންގެ ތެރޭގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާފައި ތިބި ހުވަޔާ އެއްގޮތަށް އަމަލުކުރައްވާށޭ. ދެން ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފަށް ވިޕްލައިނެއް އަޅައިގެން، މިގޮތަށް ވޯޓުދީގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެކި ދާއިރާތަކުން، އެ ޕާޓީގެ މެންބަރުން ކަމަށްވިޔަސް މަޖުބޫރުކުރުވުމުގެ އެއްވެސް ހައްގެއް ނެތް، ކަނޑައެޅިގެން ގާނޫނުއަސީސީއާ ހިލާފު،" އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ހުރިހާ ގޯހެއް ހަދަނީ އެމްޑީޕީން ކަމަށާއި އެ މުސީބާތުން ސަލާމަތްވާން ޖެހޭނެ ކަމަށެވެ. އަދި މިއަދު ހުރިހާ ނިކަމެތިކަމެއް ޖައްސާފައި، މާދަމާ ޖެހޭނީ މުސާރަ ދެވޭނެ ގޮތެއް ހޯދަން ސަލާން ޖަހަން ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ