ރައްޔިތުންނާއި ރަށު ބައްދަލުވުންތައް އަންނަ މަހު ފަށާނަން: ރައީސް

މާލެ އާއި ރަށްރަށުގައި ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ މަސައްކަތް އަލުން ފައްޓަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ޖޫން މަހުން ފެށިގެން ރައްޔިތުންގެ ބައްދަލުވުންތައް ފަށަން ގަސްދު ކުރައްވާ ކަމަށެވެ.
އެގޮތުން މާލޭގައި ނަމަ ކުރިން ވެސް ގެންދެވި ގޮތަށް ކޮންމެ އަވަށަކާ ވަކިވަކިން ބައްދަލު ކުރައްވާނެ ކަމަށާއި ކޮންމެ ހަފްތާއަކު މަދުވެގެން އެއް ބައްދަލުވުން ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް މަދުވެގެން ދެ ފަހަރަށް ދިޔުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަމަށާއި އެގޮތުން އެ ބައްދަލުވުންތަކުގެ ދެވަނަ ބުރު ވެސް ފަށަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބައެއް ރަށްރަށަށް ހުންނާނެ ދެ ފަހަރަށް ދެވިފަ. އެހެންވެ މިފަހަރު ވާނީ ތިން ވަނަ ފަހަރަށް." ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުންތަކުގެ އިތުރުން ވަކިވަކި ދާއިރާތަކުގެ ބޭފުޅުންނާއެކީ ވެސް ބައްދަލުވުންތައް ބާއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ޓޫރިޒަމާއި މަސްވެރިކަމާއި ޕްރޮފެޝަނަލް އެކި ދާއިރާތަކުގެ ބޭފުޅުންނާ ބައްދަލު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބޭނުން ވަނީ ރައްޔިތުންނާ ގާތުން އެކަން (މަސައްކަތްތައް) ކުރިޔަށް ގެންދަން." ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ