އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެދެ ބޭފުޅުންވެސް މަޤާމުން ވަކިކުރީ 69 މެމްބަރުންގެ ވޯޓާއި އެކު، މަޤާމުން ވަކިކުރަން ނުފެންނަ ކަމަށް 9 މެމްބަރުން ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުވާ 1 މެމްބަރު ހުންނެވިއެވެ.
އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން ޖޭއެސްސީން ހުށަހެޅި ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމި ރިޕޯޓް ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފަ އެވެ. އެ ރިޕޯޓާ ގުޅޭގޮތުން ބަހުސް ކުރެއްވުމަށް ދެ ގަޑިއިރު ކަނޑައެޅި އެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ 15 ކަންތައް:
• ރައްޔިތުންގެ މަޖިލީހާއި ޖެއެސްސީ އަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް އެ މުއައްސަސާތަކަށް ހުރަސްއެޅުން
• އަދުލު އިންސާފު ގާއިމް ކުރުމުގެ އިދާރީ ކަންކަން ހިންގާ ބެލެހެއްޓުމުގެ ގޮތުން ގާނޫނީތަކުގައި ކަނޑައަޅާފައިވާ ނިޒާމު ސުޕްރީމް ކޯޓުން ބަދަލުކޮށް އަދުލު އިންސާފު ގާއިމުކުރުމުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
• ގާނޫނުން ޖުޑީޝަލް ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަވާފައިވަނިކޮށް އެ ކައުންސިލް އުވާލައި އެ ކައުންސިލާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ހަވާލުވެ، ފަހުން އެ ކައުންސިލްގެ ނަމުގައި އެހެން ކައުންސިލެއް އުފެއްދުން
• ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
• އިސްތިއުނާފް ކުރުމުގެ މުއްދަތުގެ ގޮތުގައި ގާނޫނުތަކުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ސުޕްރީމް ކޯޓުން ބަދަލު ގެނައުން
• ދަށު ކޯޓުތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވައިދެއް ހަދައި ގާނޫނުގެ ދަށުން ޖޭއެސްސީއަށް ލިބިފައިވާ ބާރު ނެގުން
• މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ސާބިތު ނުވާކަމަށް ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެލޭނެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި މައްސަލަ
• ޝަރީއަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ލިބިގެން ނުވާ ކަމަށް ނިންމި މައްސަލަ
• އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ނިންމައި މަގާމުން ވަކިކުރި މައްސަލަ
• ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން އެޗްއާރުސީއެމްގެ މައްޗަށް މައްސަލައެއް ހިންގައި އެ ކޮމިޝަންގެ ގާނޫނީ ބާރު ގެއްލޭ ގޮތަށް އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ ގައިޑްލައިނެއް ކަނޑައެޅި މައްސަލަ
• ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުން ނިންމި ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި މައްސަލަ
• ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގައި އެ ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅުން
• ނިމިދިޔަ މަޖިލީހުގެ 12 މެމްބަރެއްގެ ގާނޫނީ ވާޖިބު އަދާނުކުރެވޭ ގޮތަށް އަމަލު ކުރި މައްސަލަ
• މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ބައިތައް ފަހުން ބަދަލުކުރި މައްސަލަ
• ސުޕްރީމް ކޯޓުގެ ސާކިއުލާތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓުތަކުގެ އިދާރީ ހިންގުމަށް ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމް ގާނޫނު ހަދާ މައްސަލަ
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައަށް ބަހުސް ކުރަން ލިބުނު ފުރުސަތުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މިއީ އުފާވެރި ދުވަހެއް ކަމަށް ބުނެފައެވެ. އަދި މިއީ ޤާނޫނުއަސާސީގައި ބުނާ ގޮތަށް ފަނޑިޔާރުން ވަކިކުރާ ފުރަތަމަ ފަހަރުކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ. އެހެންނަމަވެސް އިދިކޮޅު މެމްބަރުން ވަނީ މިއީ މުޅި ޤައުމުގެ ދުސްތޫރު ފުނޑާލުން ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ޤާނޫނު އަސާސީ ފުނޑާލުމަށް ކުރާ ކަމެއް ކަމަށްވެސް އެ މެމްބަރުން ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ