މަޖިލިސް މެމްބަރުން ޕާޓީން ވަކިކުރެވޭނެ އިސްލާހެއް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެމެމްބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއިން ވަކިކުރެވޭނެ އިޖުރާއަތު ސިޔާސީ ޕާޓީގެ ގާނޫނުގައި ހިމެނުމަށް، އެގާނޫނަށް އިސްލާހެއް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ދާކަމަށް، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، މި އިސްލާހަކީ ގާނޫނުއަސާސީއަށް އިތުރުކުރެވުނު ޕާޓީ ބަދަލުކުރުން މަނާކުރާ އިސްލާހުގައިވާ ގޮތަށް ޕާޓީން މެންބަރުން ވަކިކުރެވޭނެ އިޖުރާއާތުތައް ބަޔާންކުރުމަށް ގެންނަ އިސްލާހެއް ކަމުގައއެވެ.
ގާނޫނުއަސާސީއަށް ގެނައި ހަވަނަ އިސްލާހުގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އަމިއްލަ ގޮތުން ހޮވުނު މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ އަދި ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވީ މެންބަރަކު އޭނާ ހުރި ޕާޓީން ވަކިކޮށްފިނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމުގައެވެ.
އެހެންނަމަވެސް މިއިސްލާހު ގެނައުމާއެކު، އެ އިސްލާހުގެ ސައްހަކަމާމެދު ސުވާލު އުފައްދަވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން މައްސަލައެއް ހުށަހެޅުއްވިއެވެ. އެމައްސަލައިގަ، ސްޕްރީމް ކޯޓުން ނިންމާފައިވަނީ، އެ އިސްލާހު ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ