ހުރުމުޒު އޮޕަރޭޝަން ހުއްޓާލީ އިތުރު ފުރުސަތެއް އީރާނަށް ދިނުމަށް: ޓްރަމްޕް
ވޮޝިންޓަން (6 މެއި 2026): ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް ޓަކައި އީރާނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލީ އީރާނަށް މަޝްވަރާގެ ފުރުސަތު ދިނުމަށްޓަކައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފިއެވެ. ޓްރަމްޕް އޭނާގެ ޓްރުތް ސޯޝަލްގައި ބުނެފައިވާ ގޮތުގައި ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް އެމެރިކާ ސިފައިން ފެށި އޮޕަރޭޝަން "ޕްރޮޖެކްޓް ފްރީޑަމް" ވަގުތީ ގޮތުން ހުއްޓާލީ އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް ދިޔުމަށް މަގު ފަހިކުރުމަށްޓަކައެވެ. ނަމަވެސް ޓްރަމްޕް ލިޔެފައިވާ ގޮތުގައި އީރާންގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އެގޮތުގައި ދަމަހައްޓާނެއެވެ. އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައިވާ ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް ކަމަށް ބުނެ އީރާނާ ދެކޮޅަށް ޓްރަމްޕް އަސްކަރީ އޮޕަރޭޝަނެއް ފެށީ މީގެ ދެތިން ދުވަސްކުރިންނެވެ. މިކަން ފެށީ ހުރުމުޒު ކަނޑުއޮޅިގެ ކޮންޓްރޯލް އީރާން އަތުން އަތުލާނެކަމަށް ބުނެ ހަރުކަށި އިންޒާރުތައް ދިނުމަށްފަހުގައެވެ. ނަމަވެސް ވަރަށް ފޯރީގައި ޓްރަމްޕް ފެށި މި އޮޕަރޭޝަން ވެސް ތިން ދުވަހުގެ ތެރޭގައި މި ދިޔައީ ކުރިންވެސް ޓްރަމްޕް ކަންކުރާގޮތަށް ބޮނޑު ނަގުލަށްކަމަށް ރިޕޯޓްތައް ބުނެއެވެ. މި އޮޕަރޭޝަންގައި އެމެރިކާއާއެކު ބައިވެރިވުމަށް އެމެރިކާގެ ބައިވެރިންގެ ގޮތުގައި ސިފަކުރެވޭ ޔޫރަޕްގެ ގައުމުތަކަށާއި ޖަޕާން އަދި ދެކުނު ކޮރެއާ އަށްވެސް ޓްރަމްޕް ގޮވާލިއެވެ. ނަމަވެސް މިއިން އެއްވެސް ގައުމަކުން ޓްރަމްޕްގެ ގޮވާލުމަށް ކުޑަވެސް އިޖާބައެއް ދީފައެއް ނުވެއެވެ. ހުރުމުޒު ކަނޑުއޮޅި ހުޅުވުމުގެ ނަމުގައި އެތައް ހާސް ސިފައިންނާއި އެމެރިކާގެ ބައެއް މަނަވަރުތައް ބޭނުންކޮށްގެން ޓްރަމްޕް ފެށި އަސްކަރީ އޮޕަރޭޝަން ފުރަތަމަ ދުވަހުވެސް ވަނީ ނާކާމިޔާބުވެފައެވެ. އެއީ އެ އޮޕަރޭޝަން ހިންގުމަށްޓަކައި ހުރުމުޒު ކަނޑުއޮޅިއަށް ވަންނަން މަސައްކަތްކުރި އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް އީރާން ހަމަލާދިނުމުންނެވެ. އަދި ދަނޑިވަޅު ބަލާފައި އީރާންގެ ހުއްދަނެތި ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރި އާގު ބޯޓުތަކާއި ތެޔޮ ޓޭންކަރުތަކަށްވެސް އީރާން ހަމަލާދިނުމާ ގުޅިގެންނެވެ. މީގެތެރެއިން އީރާނުގެ ސިފައިން ދެ އުޅަނދެއް ހިފަހައްޓައި އީރާނުގެ ބަނދަރަކަށް އެެ ދެ އުޅަނދު ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އީރާންގެ ހުއްދަނެތި އެމެރިކާގެ މަނަވަރުތަކަށް ވެސް އަދި މަދަނީ އުޅަނދަކަށް ވެސް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން ކެރިފައެއް ނުވެއެވެ. އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް ޑޭން ކާނެއި ވަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅުނު އެމެރިކާގެ މަނަވަރުތަކަށް އަމާޒުކޮށް އީރާނުން 10 މިސައިލް ފޮނުވާލިކަން ހާމަކުރައްވާފައެވެ. އީރާނުގެ މި ހަމަލާތަކާއެކުވެސް އެމެރިކާގެ ހަނގުރާމައާބެހޭ ވަޒީރު ހެގްސެތް ބުނެފައިވަނީ މިކަމާ ގުޅިގެން އީރާން އާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ ވިސްނުމެއް ނެތްކަމުގައެވެ. ނަމަވެސް އީރާނުންވެސް އެމެރިކާގެ އުޅަނދުތަކާއި ބޭސްތަކަށް ދޭ ހަމަލާތަކަށް ރައްދު ދޭނެކަމުގައެވެ. ސެޓްލައިޓް މެދުވެރިކޮށް ގަލްފުގެ މެރިޓައިމް ހަރަކާތްތައް ބަލާ ކުންފުނިތައް ބުނާގޮތުން އެމެރިކާ އޮޕަރޭޝަން ހިންގި ދެދުވަހުވެސް އީރާނުގެ ހުއްދަ ލިބިގެން މެނުވީ ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށް އެއްވެސް އުޅަނދަކަށް ދަތުރެއް ނުކުރެވެއެވެ. އެ ނޫން ގޮތަކަށް ހުރަސްކުރަން މަސައްކަތްކުރާ ކޮންމެ އުޅަނދަކަށް އީރާން ގެންދަނީ ހަމަލާ ދެމުންނެވެ. އީރާންވަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރެވޭނީ އެ ގައުމުން އަންގާ ގޮތެއްގެ މަތިން އަމަލުކުރާ ބޯޓުތަކަށް އެކަނި ކަމަށާއި އެނޫން ބޯޓުތަކަށް ހަމަލާދޭނެކަން މިއަދުވެސް އިއުލާން ކޮށްފައެވެ. ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން ބޭނުންވާ އުޅަނދުތައް އަމަލުކުރަންވާ ގޮތާއި ފީ ދައްކަންޖެހޭ ގޮތް އޮންލައިންކޮށް ބޯޓުތަކަށް އަންގަމުން ގެންދާކަންވެސް މިއަދު ނެރުނު ބަޔާނެއްގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުންވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ