ސްކޫލް ބަންދާ ދިމާކޮށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް

ސްކޫލު ބަންދު އޭގެ އެންމެ ފުރިހަމަ މާނައިގައި ރައްޔިތުންނަށް އިހުސާސްކޮށްދިނުމާއި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާ އަދި އާންމު ރައްޔިތުންނާއި ފުލުހުންނާ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ސްކޫލު ބަންދަށް ހާއްސަކޮށްގެން އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަނުގައި، މާލޭގެ މަގުތަކުގައި އާންމުކޮށް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވާނެއެވެ. އަދި މާލޭގެ މަގުތަކުގައި ހާއްސަކޮށް އެންމެ މީހުން ގިނަވާ ވަގުތުތަކުގައި އާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކާއި މާލޭގެ މަގުތައް އެންމެ އަމާންވާ ވަގުތުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ބެލެހެއްޓުމުގެ އިތުރުން މާލޭގެ އެކި ހިސާބުތަކުގައި ވިސީޕީ ޖަހައިގެން މިހާރަށް ވުރެ ބޮޑަށް މަގުތައް މޮނީޓަރ ކުރަމުން ގެންދާނެއެވެ.
އަދި ކަނޑު އުޅަނދުފަހަރު ބަލައި ފާސްކުރުމާއި ގަވާއިދާ ހިލާފަށް މުދަލާއި މީހުން އަރުވައިގެން އުޅަނދު ނުދުއްވުމަށް ނަސޭހަތްތެރިވެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ދޭނެއެވެ.
އަދި ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ޗެކުކުރުމާއި އެއްގަމު އުޅަނދުތަކުގެ ހާލަތު ބެލުމާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ދުއްވާ އުޅަނދުތައް ދެނެގަނެ އެކަން ވަކި ތަރުތީބެއްގެ ތެރެއިން ކުރިއަށް ގެންދެވޭގޮތަށް މަސައްކަތްތައް ބައްޓަން ކުރެވެމުން ދާނެއެވެ. އަދި އަތޮޅު ތެރެއިން މާލެ އަންނަ މީހުންނާއި މާލެއިން ފުރާ މީހުން ފުރަންދާ ވަގުތުތަކުގައި މަގުތައް ބާރުބޮޑުވާނެކަމަށް ބެލެވޭތީ މީހުންނަށް ދަތިނުވާނެ ގޮތަށް ސަމާލުކަންދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދެމުން ދާނެއެވެ.
އޭގެ އިތުރުން، ރައްޔިތުން ހޭލުންތެރި ކުރުވުމަށް ވެސް މައުލޫމާތު ދެމުންދާނެއެވެ. އެގޮތުން އަވައްޓެރި ފުލުހުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާއެކު ކުށުގެ ވެށިން ރައްކާތެރިވުމަށް ކުރެވޭނެ ކަންތައްތަކާއި ހާއްސަ ގޮތެއްގައި ޗުއްޓީއަށް ފުރައިގެން ދާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދެމުން ގެންދާނެއެވެ.
އެގޮތުން، ފުރައިގެން ދާއިރު ގެ ރަނގަޅަށް ތަޅުލެވިފަތޯ ޔަގީން ކުރުމުށާއި ދިގު މުއްދަތަކަށް ފުރައިގެންދާނަމަ އިތުބާރުކުރެވޭ މީހަކާ ގޭގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކުރުމަށާއި ގޭތެރެ އެއްކޮށް އަނދިރިކޮށްފައި ނުބެހެއްޓުމަށާއި އަގުބޮޑެތި މުދަލާއި ފައިސާ ދޫކޮށްފައި ދާއިރު ވިސްނަންޖެހޭ ކަންތައްތަކުގެ އިރުޝާދު ދެމުންގެންދާނެއެވެ.
އަދި ޗުއްޓީ ދުވަސްވަރު އާއިލާތަކުން އުފާވެރި ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ އެކި ދިމާތަކަށް ދަތުރު ދިއުންފަދަ ކަންކަން ކުރާއިރު އަގުބޮޑެތި މުދާ ގެންދާނަމަ އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތައް އިންތިޒާމު ކުރުމަށްވެސް މައުލޫމާތު ދެވޭނެއެވެ.
އަދި ހަމައެހެންމެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމަށާއި ބޭރު ފައިސާ ގަނެވިއްކުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދޭނެއެވެ. އަދި އިންޓަނެޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަމުންދާ ކުށްތައް އިތުރުވަމުން ދާތީ އެކަންކަމުން ރައްޔިތުން ރައްކާތެރިކުރުމަށް ވެސް މައުލޫމާތު ދެމުންދާނެއެވެ. އަދި އައު އަހަރު ފާހަގަކުރުމުގައި ޖީނާއީ ކުށްތައް އިތުރުވިޔަ ނުދިނުމަށާއި އެފަދަ ކުށްތައް ހިންގާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަހު 22 ވަނަ ދުވަހުން ފެށިގެން ސްކޫލުގެ ހުޅުވުމާ ހަމައަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު ފުލުހުންގެ މަސައްކަތަށް ހުރަސްއެޅޭނެ ފަދަ ކަންކަން ނުކުރުމަށާ އަދި ފުލުހުންނަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ގޮތަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިފައިވެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ