މަޖިލީހުގެ ނައިބުކަމަށް އެމްޑީޕީން ވާދަކުރައްވާނީ ހޯރަފުށީ މެމްބަރު ސަލީމް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރައްވާނީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްކަން ކަށަވަރުވެއްޖެ އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އިތުބާރު ނެތްކަމަށް ކަނަޑައެޅުމަށް މިއަދު ބޭއްވި ޖަލްސާގައި، އީވާ ވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ. 
ހަމަ އެއާއެކު، އެމްޑީޕީން ވަނީ އެ މަގާމަށް ވާދަކުރުމަށް އެމްޑީޕީންގެ ޕާލަމެންޓްރީ ގުރޫޕުން އައްޔަންކުރައްވާނެ ބޭފުޅަކު ހޮވުމަށް އެތެރޭގެ އިންތިޚާބެއް ބާއްވާފަ އެވެ. 
Advertisement
އެމްޑީޕީން ހާމަކުރިގޮތުގައި އިންތިޚާބުގައި ވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވާދަކުރައްވާފަ އެވެ. 
ތިން ބޭފުޅުން މި އިންތިޚާބުގައި ވާދަކުރައްވާފައިވާއިރު، މެމްބަރު ސަލީމު ވަނީ ވޯޓު ލެއްވި މެމްބަރުންގެ ތެރެއިން 26 ވޯޓާއެކު ކާމިޔާބު ކުރައްވާފަ އެވެ. މެމްބަރު ރޮޒައިނާއަށް ލިބިވަޑައިގަތީ 23 ވޯޓެވެ. އަދި މެމްބަރު ޖާބިރަށް ލިބިވަޑައިގަތީ 4 ވޯޓެވެ. 
އެއާއެކު މަޖިލީހުގެ ނައިބު ރައީސްކަމަށް އެމްޑީޕީން ވާދަކުރައްވާނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. 
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ސޮއިކުރައްވާ ހުށައެޅުއްވުމާއި ގުޅިގެން، ވަކި ކުރުމުގެ ކުރިން ދޭ ނޯޓިސް ދީ، ބޭއްވި ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ނަޝީދު، އަދި އީވާ އަބްދުﷲ ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. 
މިއަދުގެ ޖަލްސާގައި އީވާ އިސްތިއުފާދެއްވުމުގެ ކުރިން ވަނީ ވަރަށް އަސަރުގަދަ ތަގުރީރެއް ކުރައްވާފަ އެވެ. 
އެގޮތުން އެކަމަނާ ވިދާޅުވީ މަގާމުގެ ދިފާއުގައި ހައްގުބަސް ބުނަން ފަސްޖެހޭ ބޭފުޅަކަށް ވެގެން އެ ކަމަނާ ނުހުންނަވާނެ ކަމަށެވެ. އަދި އެ ކަމަނާ މަގާމުން ވަކިކުރުމަށް އެމްޑީޕީން ނިންމީ ފަހަރެއްގައި ވެސް އެކަމަނާގެ ގާބިލުކަމާއި ދޭތެރޭ ސުވާލު އުފެދިގެން ނޫން ކަމަށާއި، އެއީ މެޖޯރިޓީ އޮތީތީ ހިފާލި ސިޔާސީ ބަދަލުހިފުމެއްގެ ގޮތުގައި އީވާ ސިފަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ