ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ލަސްވުމާ ގުޅިގެން ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލުވުމުގެ ހުއްދަ "ދަ ޑިމޮކްރެޓްސް"އަށް ސުޕްރީމް ކޯޓުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށް، މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާއަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތު މެދުވެރިވުމާ ގުޅިގެން އެމްޑީޕީއާއި މަޖިލީހުގެ އިދާރާއާމެދު މަޖިލީހުގެ ޤަވާއިދު މާނަކުރުމުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިގެން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފެށޭނީ މާދަމާއެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ އީވާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވި މަޑުޖެހުމާ ގުޅިގެންނެވެ. މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ޤަރާރެއް ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންވާނީ މަޖިލީހުގެ ނައިބުރައީސް ކަމަށެވެ. ނަމަވެސް ނައިބުރައީސް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި ދެން އަމަލުކުރާނެ ގޮތެއް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައި ނެތެވެ.
އެ މައްސަލާގައި މަޖިލީހުގެ އިދާރާއިން ދެކެނީ މަޖިލީހުގެ ނައިބުރައީސް ނޫން ބޭފުޅަކަށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހިންގާ ޖަލްސާއެއްގެ ރިޔާސަތު ނުބެލެހެއްޓެވޭނެ ކަމަށެވެ. ނަމަވެސް އެމްޑީޕީން ދެކެނީ ޤަވާއިދުގައި ބަޔާންކުރާ މަޖިލީހުގައި އެންމެ ދުވަސްވީ މެންބަރުންގެ ތެރެއިން މެންބަރަކަށް އެހެނިހެން ޖަލްސާތަކޭ އެއްގޮތަށް އެ ޖަލްސާގެ ރިޔާސަތުވެސް ބެލެހެއްޓެވޭނެ ކަމަށެވެ.
އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރައީސް ނަޝީދު ނިސްބަތްވާ ސިޔާސީ ޕާޓީ ދަ ޑިމޮކްރޭޓްސްއިން ވަނީ މައްސަލައަށް ތަދައްހުލުވާން ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެހުށަހެޅުމަށް ސުޕްރީމް ކޯޓުން ވަނީ ރުހުންދީ ތަދައްހުލުވުމުގެ ހުއްދަދީފައެވެ.
މި މައްސަލައަށް އައު ސަރުކާރު ޤާއިމުކުރާ ޕީޕީއެމް/ޕީއެންސީން ތަދައްޚުލުވުމަށް އެދުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވަނީ އެ ކޯލިޝަނަށް ތަދައްޚުލުވުމުގެ ހުއްދަ ދީފައެވެ.
ރައީސް ނަޝީދުގެ މައްސަލަ މަޖިލީހުގައި އެންމެ ފަހުންވެސް ތާވަލު ކުރެވުނު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ނަައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، ސަލާމުގައި ހުންނެވުމުން މައްސަލަ ކުރިޔަށް ގެންދެވޭގޮތްވަނީ ނުވެފައެވެ. އެމް.ޑީ.ޕީ އިން ބުނަމުން ދަނީ ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލައަށް ހުރަސް އަޅަމުން ދާކަމަށެވެ. ނަމަވެސް އިދިކޮޅުން ބުނަމުން ދަނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ރިޔާސީ އިންތިހާބުން ބަލިވުމުން އެކަން ހަޖަމު ނުވެގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި، ޑީލެއްގެ ދަށުން ނެގި ނަޝީދުގެ މައްސަލަ އަލުން ލުމަކީ ބޭވަފާތެރިކަން ހާމަ ކޮށްދޭ އަމަލެއް ކަމަށާއި އަދި އެ މައްސަލައިގެ މައިގަނޑު މަގްސަދަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާކުރެއްވުމަށް ހުރަސްއެޅުމައްޓަކައި ކުރަމުންދާ ކަމެއް ކަމަށެވެ.
މަޖިލީހުގެ މައްސަލައަށް ތަދައްހުލްވާން ދަ ޑިމޮކްރޭޓްސްއަށް ސުޕްރީމް ކޯޓުން ހުއްދަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ