ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭ: ޚާރިޖީ ވަޒީރު

އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އދ. ގެ މެންބަރު ޤައުމަކަށް ރާއްޖެވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ.ބަޔާނުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔެ ބަވަނަވަމުން އަންނައިރު މާލީ ގޮތުންނާއި އިޤުތިޞާދީގޮތުން ކުދި ޤައުމުތަކަށް އެކި ދަތިތަކާ ކުރިމަތިވަމުންދެއެވެ. އަދި މޫސުމީ ބަދަލުތަކަށް ނާޒުކު ޤައުމުތަކަށް، ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، ދޭދޭ ޤައުމުތަކުގެ ގުޅުންތަކަށް އަސަރުކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.ޚާރިޖީ ވަޒީރުގެ ނަޒަރުގައި، މި ދަތިތަކުން އަރައިގަނެވޭނީ އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރެވިގެންނެވެ. އަދި އދ. އިން ކަނޑައަޅާފައިވާ ސިޔާސަތުތަކަށް ރާއްޖެއިން އަބަދުވެސް ތާޢީދުކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އދ.ގެ މެންބަރުކަން ރާއްޖެއަށް ލިބުނު ހިސާބުން، އެ ޖަމްޢިއްޔާގައި ކުދި ޤައުމުތަކުގެ ޝާމިލުވުން އިތުރުކުރުމަށް، ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިއަދު އދ.ގެ މަޖިލިސްތަކުގައި ކުދި ޤައުމުތަކުގެ އަޑުގަދަވުމުގެ ނަތީޖާއަކީ އޭރު ރާއްޖެއިންކުރި މަސައްކަތްތައްކަމަށް ވަޒީރު ވިދާޅުވިއެވެ.ޚާރިޖީ ވަޒީރު ނިންމާލެއްވީ، ދުނިޔޭގެ ކޮންމެ ޤައުމެއްގައި އަމާންކަން ޤާއިމްކުރުމަށާއި ކޮންމެ ޤައުމެއްގެވެސް ދެމެހެއްޓެނިވި ތަރައްޤީއަށް އަޑުއުފުލުމުގައި ރާއްޖެއިން ދެމިތިބޭނެ ކަމަށް ވިދާޅުވަމުންނެވެ.ފާހަގަކޮށްލެވޭ ގޮތުގައި، އދގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުނީ 1965 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް ރާއްޖެއިންވަނީ އދ. ގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މީގެ ތެރޭގައި 2021 ވަނަ އަހަރު، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއިން ކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ