އެމްޕޮކްސް ޖެހިފައިވާ މީހަކު ގާނާއިން ވެސް ފެނިއްޖެ

އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް ބަލި ޖެހިފައިވާ މީހަކު ގާނާއިން ފެނިއްޖެއެވެ. މިއީ, މި އަހަރު ގާނާއިން ރިޕޯޓު ކޮށްފައިވާ މި ބަލީގެ ފުރަތަމަ ކޭހެވެ. އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, އެ ޤައުމަށް ބަލި ފެތުރިފައި ވަނީ ކޮން ވޭރިއެންޓެއްގެ ސަބަބުން ކަން ދެނެގަނެވިފައި ނުވާ ކަމުގައެވެ.
އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެމްޕޮކްސް ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި, ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން އޮގަސްޓު މަހުގެ ކުރީކޮޅު ވަނީ ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. 2023 ޖަނަވަރީން ފެށިގެން ބަލި ފެތުރެމުންދާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ އިންވެގެން އޮތް ބައެއް ޤައުމުތަކުގައި ވެސް ހަލުވިކަމާ އެކު މި ބަލި ދަނީ ފެތުރެމުންނެވެ.
އެފްރިކާގެ ޤައުމުތަކުގައި މި ވަގުތު ބަލި ފެތުރެމުން ދަނީ ކްލޭޑް 1 އާއި ކްލޭޑް 1ބީގެ ނަން ދީފައިވާ ވޭރިއެންޓުތަކެއްގެ ފުށުންނެވެ. ގާނާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ އޮފިޝަލަކު ބުނީ, އެ ޤައުމުން ބަލި ޖެހިފައިވާ ކަމަށް ދެނެގަނެވިފައިވާ މީހާއަށް ބަލި ޖެހިފައި ވަނީ ކޮން ވޭރިއެންޓެއްގެ ފުށުން ކަން ދެނެގަތުމަށް މިހާރު ތަހުލީލުތައް ހަދަމުންދާ ކަމުގައެވެ.
މިއީ, ގާނާއިން މި ބަލި ޖެހިފައިވާ މީހަކު ދެނެގަނެވިފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2022 އަދި 2023ވަނަ އަހަރު ވެސް އެ ޤައުމުން ބަލި ޖެހިފައިވާ މީހުން ފެނުނެވެ. ގާނާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ މި ފަހަރު ބަލި ޖެހިފައި ވަނީ ޒުވާން އުމުރުގެ ފިރިހެނަކަށް ކަމުގައެވެ. އަދި, އޭނާއާ އެއްތަންވި ކަމަށް ބެލެވޭ 25 މީހުން ދެނެގަނެވިފައިވާ ކަމަށާއި, އެ މީހުންގެ ހާލަތު ބަލަމުންދާ ކަމުގައެވެ.
އެންމެ ފަހުން މި ނުރައްކާތެރި ބަލި ޖެހިފައިވާ މީހުން ދެނެގަނެވިފައިވާ ޤައުމުތަކުގެ ތެރޭގައި މެލޭޝިޔާ, މަޣުރިބު, އިންޑިޔާ, އުރުދުން, ތައިލެންޑް, ބަންގްލަދޭޝް އަދި ސްވިޑެން ހިމެނެއެވެ. އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ކޮންގޯގައެވެ. އަދި, ދެވަނައަށް އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ކޮންގޯއާ އިންވެގެންް އޮތް ބުރުންޑީގައެވެ.
އެފްރިކާ ބައްރުގެ ޤައުމުތަކުގައި މި އަހަރުގެ މިހާތަނަށް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުންގެ ޢަދަދު 30,000 އަށް އުފުލިފައިވާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ދާދިފަހުން ހާމަކުރިއެވެ. ޞިއްޙަތާ ބެހޭ އދގެ މައި އިދާރާ, ޑަބްލިޔުއެޗްއޯން ބުނީ, އެމްޕޮކްސް ޖެހިގެން މި އަހަރުގެ މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު 800 އަށް އުފުލިފައިވާ ކަމުގައެވެ.
އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ން ބުނީ ހުސްވި އަހަރު އެފްރިކާ ބައްރުގެ ޤައުމުތަކުން 14,957 މީހަކަށް އެ ބަލި ޖެހުނު ކަމުގައެވެ. އަދި, 739 މީހުން އެ ބަލީގައި މަރުވެފައިވާ ކަމުގައެވެ. 2022ވަނަ އަހަރާއި އަޅައިބަލާއިރު, 2023ވަނަ އަހަރު ބަލީގެ ކޭސްތަކުގެ ޢަދަދު ވަނީ 78.5 އިންސައްތަ އިތުރުވެ, އެފްރިކާގެ ހަތް ސްޓޭޓެއްގައި ބަލި ފެތުރެން ފަށާފައެވެ.
ޑަބްލިޔުއެޗްއޯން ބުނީ, މި އަހަރުގެ ޖަނަވަރީން ފެށިގެން ސެޕްޓެންބަރު 15އާ ދެެމެދު އެފްރިކާ ބައްރުގައި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުންގެ ޖުމުލަ ޢަދަދަކީ 29,342 ކަމުގައެވެ. އޭގެ ތެރެއިން 2,082 މީހަކަށް ބަލި ޖެހިފައި ވަނީ އޮގަސްޓު މަހުގެ ތެރޭގައި ކަން ވަނީ ކަށަވަރު ކުރެވިފައެވެ. އެއީ, 2022 ވަނަ އަހަރުގެ ނޮވެންބަރު މަހަށް ފަހު, އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލި ޖެހުނު މަހެވެ.
އެފްރިކާ ބައްރުގައި ހަލުވިކަމާ އެކު އެމްޕޮކްސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އޮތީ ކުރިމަތިވެފައެވެ. އޭގެ ތެރޭގައި, ބައްޔަށް ޚާއްޞަ ކޮށްފައިވާ ވެކްސިން އެ ޤައުމުތަކުގައި ލިބެން ނެތުމާއި, އެ ބައްރުގެ ޤައުމުތަކުގެ ޞިއްޙީ ނިޒާމު ބަލިކަށިވުން ހިމެނެއެވެ. މި ވަގުތު ބަލި ފެތުރެމުންދާ ޤައުމުތަކަށް ވެކްސިން ހަދިޔާ ކުރުމުގެ މަސައްކަތް ބައިނަލްއަޤުވާމީ އިދާރާތަކާއި ވެކްސިން ސްޓޮކުތައް ގުދަންކޮށްފައި ހުރި ޤައުމުތަކުން ވަނީ ފަށާފައެވެ.
ޢާންމު ގޮތެއްގައި އެމްޕޮކްސަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް ޖެހޭ ނުރައްކާތެރި ބައްޔަކަށްވީ ނަމަވެސް, ކޮންގޯގައި ފެތުރެމުންދާ ބަލީގެ އައު ވޭދަނައެއްގެ ސަބަބުން 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް ދަނީ ބަލި ޖެހެމުންނެވެ. މި ވަގުތު ކޮންގޯގައި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ