އަންނަ އަހަރަށް ކަނޑައެޅުމަށް ފާސްކުރި ބަޖެޓުގައި ސިވިލް ސާވިސް އަދި ޝަރުއީ ދާއިރާ މުވައްޒަފުންގެ މުސާރަ ހާމަނައިޒްކުރަން 500 މިލިއަން ރުފިޔާ ކަނޑައަޅަން ހިމަނައިފިއެވެ. 
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްއި ދެއްވަމުން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް އެއްހަމަ ކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން މިމަސައްކަތަށް އަންނަ އަހަރުތެރޭގައި ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ހަމައެއާއެކު ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާ ފިޔަވާ ދެން ހުރި އެހެން ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
މުސާރަަ އެއްހަމަ ކުރުމުގެ މަސައްކަތް ފަށާފއި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. އެގޮތުން އެ ވެރިކަމުގައި ވަނީ ޓީޗަރުންނާއި ލެކްޗަރާއިންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކޮށްފައެވެ. މި ބަދަލާ އެކު ސަރުކާރުގެ މުއައްސަސާތަކުގެ 46 ޕަސެންޓު މީހުންގެ މުސާރައަށް ވަނީ ބަދަލު ގެނެސްފައެވެ. 
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. އެ ބަޖެޓުގައި އަންނަ އަހަރު މުއައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހިމަނާފައި ވަނީ ޖުމްލަ 13.9 ބިލިއަން ރުފިޔާއެވެ. އެއީ މި އަހަަރުގެ ބަޖެޓަށް ކަނޑައެޅި އަދަދަށް ވުރެ 1.9 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 
މި އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހާ ހަމަައަށް ބަޖެޓުން 37.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ރިކަރަންޓް ހަރަދަށް 27 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އޭގެ ތެރޭގައި މުސާރަ އާއި އިނާޔަތްތައް ދިނުމަށް ބަޖެޓުން ވަނީ 10.3 ބިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާ އިރު ދެ ބިލިއަން ރުފިޔާ އިތުރުވުމެކެވެ. މުސާރައަށް މިއަހަރު ކުރި ހޭދަ ބޮޑުވީ ޕޭ ހާމަނައިޒްކޮށްފައިވާ ދާއިރާތަކުގެ މުސާރަތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
    
    ބަޖެޓް 2025: ސިވިލް ސާވިސް އަދި ޝަރުއީ ދާއިރާގެ މުސާރަ ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            