ސަރުކާރަށް ދެ އަހަރުވާއިރު، ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ނުލިބޭތީ މުއިއްޒުއަށް މެންބަރުންގެ ފާޑުކިޔުން ސަރުކާރަށް ދެ އަހަރުވާއިރު، ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ނުލިބޭތީ މުއިއްޒުއަށް މެންބަރުންގެ ފާޑުކިޔުން

މި ސަރުކާރަށް ދެ އަހަރުވާއިރު، ވެސް ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ނުލިބޭތީ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހެއްކާ ބެހޭ ގަނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ބަހުސް ކުރައްވަމުން ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ނުލިބޭތީ ކަންބޮޑުވުން އެންމެ ފުރަތަމަ ފާޅު ކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު، މުހައްމަދު އައްބާސް އެވެ.
އޭނާ ވިދާޅުވީ އެކި މައްސަލަތަކުގައި ވާނުވާ ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެންނާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ. އަދި އެގޮތަށް ވައުދުވެވަޑައިގަތުމުން އެކަން އެގޮތަށް ކުރައްވާނެ ކަމަށް ދިވެހީން ޔަގީން ކުރި ކަމަށް އައްބާސް ވިދާޅުވި އެވެ.
ނަމަވެސް ވެރިކަމަށް ދެ އަހަރުވާއިރު، އަދިވެސް އެ މައްސަލައަށް ހައްލު ނުލިބޭ ކަމަށާއި ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ނުހޯދޭ ސަބަބު ސާފުކޮށްދޭންޖެހޭ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު ރައީސްގެ ވެރިކަމަށް ދެ އަހަރުވާންދާއިރު، ވާނުވާގައި ތިއްބެވި ބޭފުޅުން ވާނުވާގައި ތިބުމުގެ ސަބަބުން އެ އާއިލާތައް އެ ދަނީ ވަރަށް ހިތްދަތިކަން ތަހަންމަލު ކުރަމުން އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އިއްޒަތްތެރިންގެ މައްސަލަ ޝަރީއަތަށް ހުށަހެޅޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "ފަޓާސް ބަރިއެއްހެން" ގެންގޮސް ނިންމާލާ ކަމަށެވެ. އެހެންނަމަވެސް ނިކަމެތި ރައްޔިތުންގެ މައްސަލަތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާފައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެންހިފޭ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.
"މިކަމަށް ހައްލު ހޯދައިދޭނެ ކަމަށް ވިދާޅުވެ ރިޔާސީ ބޮޑު ވައުދަކައިގެން ވަޑައިގެންނެވި ސަރުކާރަކަށް، އިއްޒަތްތެރި ރައީސް، ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާއަށް ނޮވެމްބަރު 17، ގައި ދެ އަހަރު ވެގެންދާއިރު، އަދި މި މައްސަލައިގައި ހަމަ ފެންހިފޭ އެއްކަމެއް ވެސް ކުރެވިފައި ނުވާކަން އަޅުގަނޑު ފާހަގަކުރަން،" މީކާއިލް ވިދާޅުވި އެވެ.
މި ސަރުކާރުން ޝަރުއީ ނިޒާމާ ގުޅޭ ގޮތުން ކުރި ފުރަތަމަ ކަމަކީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންތަކެއް ވަކިކޮށް މިނިވަން ފަނޑިޔާރުގެއެއް ރޫޅާލުން ކަމަށް މީކާއިލް ވިދާޅުވި އެވެ. ދެވަނަ ކަމަކަށް މި ސަރުކާރުން ކުރި ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރި މެންބަރު، އިސްތިއުފާދެއްވި ސަބަބު ސިއްރު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ރައްޔިތުންގެ މަޖިލީހުން ނުހަނު އިތުބާރާއެކު އަޅުގަނޑުމެން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަނޑައެޅީ، އެ މެންބަރު ވަކިވާން ދިމާވި ސަބަބު، އިއްޒަތްތެރި ރައީސް މި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަދި އަދަށް ދާންދެން ވެސް ނޭނގޭ، އަޅުގަނޑުމެން މިތިބީ އަންތަރީސް ކަމެއްގައި އަޅުގަނޑުމެން މިތިބީ އާޝޯހުވެފައި،" މީކާއިލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ