މޭޔަރު ކަމުގެ ދެވަނަ ދައުރެއްގެ ކެމްޕެއިން އާޒިމް ފައްޓަވައިފި
އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި, އާދަމް އާޒިމް, ދެވަނަ ދައުރެއްގެ ކެމްޕެއިން ރޭ ފައްޓަވައިފިއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި އާޒިމް ރޭގައި ވަނީ އޭނާގެ ގާތްބޭފުޅުންނާއެކު ސޮލައިޓް ރެސްޓޯރެންޓްގައި ބައްދަލުވުމެއް ބާއްވައިފައެެވެ. އެ ބައްދަލު ކުރެއްވުމުގައި އާޒިމް ވަނީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ. ރޭގެ ބައްދަލު ވުމުގައި އާޒިމް ވަނީ އޭނާގެ މޭޔަރުކަމުގައި އަދި ދެ އަހަރު ނުވާއިރު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަ ކުރައްވައިފައެވެ. އޭގެ ތެރޭގައި މާލޭގައި ފެންބޮޑުވުން ހައްލުނުވެ އޮތް ޒަމާނީ މައްސަލަ ހައްލު ކުރެއްވުމަށް ގެންނެވި ޕަންޕާއި ކާނުތައް ސާފު ކުރުންފަދަ ކަންކަން ފާހަގަ ކުރެއްވެވިއެވެ. މޭޔަރުކަމުގެ ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާކަން އިއުލާން ކުރެއްވުމަށް އާޒިމް ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ހައިރައިޒް އިއްސެ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ އާޒިމް, މޭޔަރު ކަމުގައި ވެސް ފާހަގަ ކުރެވެނީ ވަރަށް ހިންގުންތެރި, ހީވާގި ބޭފުޅެއްގެ ގޮތުގައެވެ. ސިޓީ ކައުންސިލުން ގިނަ މަސައްކަތްތައް ކުރާއިރު ސީދާ އެ ތަނެއްގައި ގިނަ ފަހަރަށް އާޒިމް ހުންނަވައެވެ. ނަމަވެސް އެމްޑީޕީގެ ތެރެއިން އުފެދުނު, އަދި މިހާރު ޕާޓީ އުވާލައި އެމްޑީޕީއާ ގުޅިފައިވާ, ޑިމޮކްރެޓްސްއަށް ނިސްބަތްވާ, މުޙައްމަދު ސައިފް ފާތިހު, އެކި ކަންކަމާ ގުޅުވައި ގެންދަވަނީ އާޒިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މީގެ ކުރިން އެސްޓީއޯ, އެމްޓީސީސީ ފަދަ ސަރުކާރުގެ އެންމެ ބޮޑެތި ކުންފުނިތައް ހިންގަވައި, ގިނަ ކާމިޔާބީތަކެއް ހާސިލް ކުރައްވާފައިވާ އާޒިމް, އޭނާގެ ސިޔާސީ ހަޔާތުގައި ވާދަ ކުރެއްވި ފުރަތަމަ އިންތިޚާބު, ވަރަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި މޭޔަރަކަށް ވަޑައިގެންނެވީ, 2024 ޖެނުއަރީ 13 ވަނަ ދުވަހުއެވެ. މޭޔަރުކަމުގެ ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާކަން އިއުލާން ކުރެއްވުމަށް އާޒިމް ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ހައިރައިޒް އިއްސެ މާލޭގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ބޭއްވި ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި އާޒިމް, އެންމެ ބޮޑަށް ވާދަ ކުރެއްވީ ސަރުކާރުގެ ކެންޑިޑޭޓް, ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއެވެ. އަންނަ އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮތްއިރު އެމްޑީޕީގެ ޓިކެޓަށް އާޒިމާ އެހެން ބޭފުޅުންތަކެއް ވާދަ ކުރައްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އާޒިމް ފެނިގެން ދަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވަރަށް އަރިސްކޮށް އުޅުއްވާތަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ