ރައީސްކަމުން ވަކިވިތާ 7 އަހަރުވީއިރު ރަސްމީ އޮފީހާއި ބޭހަށް ދައުލަތުގެ ބަޖެޓުން އެންމެ ލޯ ލާރިއެއް ވެސް ނުނަގަން: ޔާމީން
ރައީސްކަމުން ވަކިވިތާ ހަތް އަހަރުވީއިރު ކުރީގެ ރައީސުންނަށް ދޭ ބޭސްފަރުވާއާއި އޮފީސް ހިންގުމުގެ އެއްވެސް އިނާޔަތެއް ނަންގަވާފައި ނޯންނާނެކަމަށް، ކުރީގެ ރައީސް އަދި ޕީއެންއެފްގެ ރައީސް އަބްދުالله ޔާމީން މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާގައި ޔާމީން މިހެން ވިދާޅުވީ، ބައެއް ރައީސުން ވެރިކަން ކުރެއްވިއިރު ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ނަންގަވައި ބޮޑެތި ގެތަށް އަޅުއްވާފައިވާ ކަމަށް ވިދާޅުވެ، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ނުސީދާ ގޮތެއްގައި ޔާމީނަށް ދެއްވި ބަހުގެ ހަމަލާއަށް ރައްދު ދެއްވަމުންނެވެ. ޔާމީން ވިދާޅުވީ ބޭސް ފަރުވާ ހޯއްދެވުމަށްފަހު ޚުދު އެމަނިކުފާނު، އަދި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވެސް އާސަންދައަށް ބިލު ފޮނުވާފައި ނޯންނާނެ ކަމަށެވެ. "އަޅުގަނޑު ރައީސްކަމުން ވަކިވިތާ މިހާރު މިވީ ހަތް އަހަރު، ހަތް އަހަރުވެގެން ދިޔައިރު ސަރުކާރު ބަޖެޓުން ނޯންނާނެ ލޯ ލާރިއެއްވެސް ސަރުކާރު ބަޖެޓުން އޮފީސް ހިންގަން ނަގާފަކައެއް،" ޔާމީން ވިދާޅުވިއެވެ. އަދި އޮފީސް ހިންގަން ވެސް އެއްވެސް ފައިސާއެއް ނުނަންގަވާކަމަށް ވިދާޅުވިއެވެ. ޔާމީން ދިއްދޫއަށް ވަރަށްފަހުން ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން --- ފޮޓޯ/ ހއ.އަތޮޅު ކައުންސިލް ހަމަ އެހެންމެ އެމަނިކުފާނުގެ ޕާޓީ ޕީއެންއެފް ހިންގަން ދައުލަތުގެ ބަޖެޓުން އެއްވެސް ލާރިއެއް ނުނަގާކަން ޔާމީން ފާހަގަކުރެއްވިއެވެ. ނަމަވެސް އެއީ ސިޔާސީ ޕާޓީއެއްކަމުން ދައުލަތުން ދޭ ފައިސާ ހައްގުވާކަމަށް ވިދާޅުވިއެވެ. "އެހެންވީމާ މިކަހަލަ މީހުން އަރައި މިކަހަލަ ވާހަކަ ދެއްކީމަ ހަމަ އަމިއްލައަށް ސޯޓު ބޭލޭ، މިކަން ކުރާ މީހުންނަށް މިކަން ރައްދުކުރޭ،" ފަލާހާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަށްވެސް ނުސީދާ ގޮތެއްގައި ދެއްވި ރައްދުގައި ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެމަނިކުފާނަށް ވާނެ ގެއްލުމެއް ނޯންނާނެ ކަމަށެވެ. ބަދަލުގައި ގެއްލުންވާނީ ރައީސް މުއިއްޒަށް ކަމަށް، ޔާމީން ވިދާޅުވިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވީ، ޔާމީންގެ ގެކޮޅުގައި ސިޔާސީ މަސައްކަތްތައް ކުރައްވާނަމަ، ޔާމީން އެ މަސައްކަތް ކުރައްވަނީ ދައުލަތުން ފައިސާ ލިބިގެން ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި ރަސްމީ އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދެމުން އަންނަ 175،000 ރުފިޔާ އުނިކޮށް، ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފައެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި އެ އިސްލާހުގައި ވަނީ އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ކުރީގެ ރައީސުންނަށް ދެމުން އަންނަ 175،000 ރުފިޔާގެ އިނާޔަތް ކަނޑާލާށެވެ. އަދި، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެ ނަމަ އެ ދައުރެއްގައާއި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ އެ މުއްދަތުގައި ވެސް އިނާޔަތްތައް ނުލިބޭ ގޮތަށް އިސްލާހުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން، ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި އެ ބޭފުޅަކަށް ހިމާޔަތާއި ރައްކާތެރިިކަން ފޯރުކޮށްދިނުން ލާޒިމުނުވާ ގޮތަށް އިސްލާހުގައި ވަނީ ހިމަނާފައެވެ. އަދި، ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދޭން އިސްލާހުގައިވަނީ ހިމަނާފައެވެ. އެއީ، މާލީ ގޮތުން ދޭ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ އަދި ދިވެހިރާއްޖެއާއި ބޭރު ގައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ