ލަންކާގެ ތޫފާން ކޮޅިގަނޑަކަށް ބަދަލުވެ ރެޑް އެލާޓަށް
ބޭ އޮފް ބެންގާލްގެ ހުޅަނގުން ލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ލަންކާއަށް ރެޑް އެލާޓް ނެރެފިއެވެ. ތޫފާން "ދީތުވާ" ގެ ނަމުން ނަން ދީފައިވާ އެ ތޫފާން ލަންކާއަށާއި އިންޑިއާގެ އެކި ހިސާބުތަކަށް މިރޭ އަރާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ކަމަށް ވަނީ ލަފާކޮށްފައެވެ. އޮފިޝަލުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ލަންކާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވައި ބާރުވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ބުނެފައެވެ. ލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނީ އުތުރު، މެދު އުތުރު މެދު، އަދި ހުޅަނގު އުތުރުގެ ސަރަހައްދުތަކުގެ އިތުރުން ޓްރިންކޮމާލީ ޑިސްޓްރިކްޓަށް 200 މީޓަރަށް ވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށެވެ. އަދި ސަބަރަގަމުވާ އާއި ހުޅަނގުގެ ޕްރޮވިންސްތަކާއި ބަޑުއްލާ އާއި ބަޓިކަލޯއާ ޑިސްޓްރިކްޓްތަކަށް 150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ލަންކާގެ ބަޑުއްއްލާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސްފައި. ފޮޓޯ/އޭޕީ އަދި ކަނޑުތައް ގަދަވާނެ ކަމަށް އިންޒާރު ދީފައިވާއިރު، ގަޑިއަކު 70 ކިލޯމީޓަރުގެ ބާރުމިނުގައި ވައިގަދަވެ، ލަންކާގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކަށް އިތުރު ވައިގަދަވާނެ ކަމަށްވެސް އެ ޑިޕާޓްމަންޓުން ލަފާކޮށްފައިވެއެވެ. ރާޅުގެ އުސްމިން ތިން މީޓަރާއި ހަތަރު މީޓަރާއި ދެމެދުގެ މިންވަރަކަށް އުފުލޭނެ ކަމަށް ލަފާކުރެވޭއިރު، ހާއްސަކޮށް އައްސޭރިފަށު ހިސާބުތަކަށް ރާޅު އުސްވާނެ ކަމަށް ލަފާކުރެއެވެ. ކަނޑުގެ ސިފައިންނާއި މަސްވެރިންވެސް އިތުރު އެންގުމެއް އަންގަންދެން ކަނޑަށް ނުކުތުމަށް ވަރަށް ބޮޑަށް ވަނީ އިލްތިމާސްކޮށްފައެވެ. ލަންކާގެ މޫސުން މި މަހުގެ 30 ގެ ނިޔަލަށް ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، މޫސުމަށް ސަމާލުވެ، ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީން ނެރޭ އިރުޝާދުތަކަށް ތަބާވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުއްލި ހާލަތްތަކުގައި ލޯކަލް ޑިޒާސްޓާ މެނޭޖްމަންޓް އޮފިޝަލުންގެ އެހީތެރިކަން ހޯދުމަށް ވެސް ރައްޔިތުންނަށް އަންގާފައިވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ލަންކާއިން މިހާތަނަށް ވަނީ 47 މީހުން މަރުވެފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި 21 ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ލަންކާއިން ވަނީ ކަނޑައަޅާފައެވެ. އަދި އާންމު ދަތުރުފަތުރުގެ ބައެއް ހިދުމަތްތައް ވެސް މެދުކަނޑާލާފައި ވާއިރު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓުތައް ނުޖެއްސޭ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި އެކަމަށް ވެސް ވަނީ ތައްޔާރުވެފައެވެ. މި ދުވަސްވަރު ރާއްޖެއަށްވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާ އެކު ވައިގަދަވުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ