ގްރީސްގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވުމުން، 5 ޕަސަންޓް ސްކޫލް ބަންދުކޮށްފި

ގްރީސްގައި އުފަންވާ ކުދިންގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވުމުން އެކަށީގެންވާ ވަރަށް ސްކޫލްތަކުގައި ކިޔެވުމަށް ކުދިން ނުލިބޭތީ، އާ ދިރާސީ އަހަރަށް 750 އަށްވުރެ ގިނަ ސްކޫލް ބަންދުކޮށްފިއެވެ. ސްކޫލްތައް ބަންދުކުރުމުގެ ސަބަބުން ހާއްސަކޮށް ތަރައްގީނުވާ ދުރު ހިސާބުތަކުގެ ކުދިންނަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށް ގްރީސްގެ ނޫސްތަކުގައިވެއެވެ. ގްރީސްގެ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައިވާ ގޮތުން، ގްރީސްގެ 14،857 ސްކޫލުގެ ތެރެއިން ފަސް ޕަސެންޓް ސްކޫލް ބަންދު ކުރަން ނިންމީ ކްލާހެއްގައި 15 ކުދިންވެސް ހަމަނުވެގެންނެވެ. ގްރީސްގެ ގާނޫނު ބުނާގޮތުން ކްލާހެއްގައި މަދުވެގެން 15 ކުދިން ތިބެންޖެހެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަތް އަހަރު ތެރޭގައި ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު 111،000 އަށް ވަނީ ދަށްވެފައެވެ. ގްރީސްގެ އާބާދީއަކީ މިހާރު 10 މިލިއަން ކަމަށްވާއިރު، އާބާދީ ވަރަށް ބޮޑަށް ދަށްވާން ފެށީ 2010ގެ އަހަރުތަކުގައި ދަރަނީގެ ދަތިކަމުގެ ދުވަސްވަރުއެވެ. އެދުވަސްވަރު ރަނގަޅު މުސްތަގުބަލެއް ހޯދުމަށް ގިނަ ބަޔަކު ވަނީ ގައުމުން ބޭރަށް ހިޖުރަކޮށްފައެވެ. ގްރީސްގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އަންނަނީ އިތުރުވަމުން -- ފޮޓޯ/ ރޮއިޓާސް ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން، ދަރިން ލިބޭ މިންވަރަށްވުރެ، މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ގްރީސްގައި 2001 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ބޯހިމެނުމާ ދެމެދު، ދަރިމައިވާ އަންހެނުންގެ އަދަދު ވަނީ 500،000 ނުވަތަ 31 ޕަސެންޓް ދަށްވެފައެވެ. ދެހާސް ބާވީސް ވަނަ އަހަރު، އަހަރަކު އުފަންވާ ކުދިންގެ އަދަދު 80،000 އަށް ވުރެ ދަށަށް ގޮސްފައިވާއިރު، 2023 ވަނަ އަހަރު މަރުވި މީހުންގެ އަދަދު ވަނީ އެ އަދަދުގެ ދެގުނައާ ގާތްކުރާ އަދަދަކަށް އުފުލިފައެވެ. ގްރީސްގެ އަންހެނުންނަށް މިހާރު ފުރަތަމަ ދަރިފުޅު ލިބެނީ އެވްރެޖްކޮށް އުމުރުން 32 އަހަރުން މަތިވާ ފަހުންނެވެ. އަންހެނުން ދަރިމައިވާ ނިސްބަތް ޔޫރަޕްގައި އެންމެ މަދު ގައުމުތަކުގެ ތެރޭގައި ގްރީސް ހިމެނޭއިރު، އެ ގައުމަކީ ކައިވެނިން ބޭރުން ދަރިން ހޯދާ މިންވަރު މަދު ގައުމެއް ކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ޑެންމާކާއި ސްވިޑެން ފަދަ، ވެލްފެއާ ނިޒާމުތަކާއި ކުޑަކުދިން ބަލަހައްޓާ ތަންތަނުގެ ހިންގުން ވަރަށް ބޮޑަށް ހަރުދަނާ ކޮށްފައިވާ ގައުމުތަކުގައި ވެސް ދަރިމައިވުމުގެ ނިސްބަތް މަދުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ