މަޖިލީހުގެ ބޭނުމަކީ ސަރުކާރު ޖަވާބުދާރީކުރުވުން، މިހާރު އެ ތަނެއް ނުފެނޭ: ޔާމީން

ރައްޔިތުންގެ މަޖިލީހެއް އޮތުމުގެ ބޭނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި އެއީ ރައްޔިތުންގެ ހައްގުގައި މަޖިލީހުގެ މެންބަރުން ކުރައްވަން ޖެހޭނެ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހއ. އަތޮޅު ކައުންސިލުން ދޭ 'ތިލަ އުތުރު އެވޯޑު' ދިނުމަށް މިރޭ ހއ. ދިއްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ގާނޫނު ހެދުމުގެ އިތުުރުން ދެން ރައްޔިތުން މަޖިލީހުގެ މެންބަރުން ކުރަން ޖެހޭ ކަމަކީ ސަރުކާރު މަގުން ކައްސާލައިގެންދާ ނަމަ، ހަމަ މަގަށް އެޅުވުން ކަމަށެވެ.
ބުނީ ކީކޭ؟ - "އެންމެ ބޮޑު ބޭނުމަކީ ސަރުކާރު މަގުން ކައްސާލައިގެން ދަންޏާ، ރައްޔިތުންގެ މަސްލަހަތަށް ފައިދާ ނުުވާ ކަންތައް ކުރާ ކަމަށް ވަންޏާ، ސަރުކާރު ކައިރީ މި ބުނަނީ ތިމަންނަމެން އަތުގައޭ ހަންމުށި މިއޮތީ، މަގަށް އެޅޭށޭ. އެހެން ނޫނީ ހަންމުށި އަޅާނަމޭ،" ޔާމީން ވިދާޅުވި އެވެ.
"މިއަދު އެހެންވޭތޯ؟ މިއަދަކު ނުވޭ އެހެންނެއް. އަބަދު މި އިވެނީ ކޮރަޕްޝަނާއި ފަސާދަ އާއި ރައްޔިތުންގެ ފައިސާ ގެއްލޭ ވާހަކަ އާއި ރައްޔިތުންގެ ބިން ގެއްލޭ ވާހަކަ އާއި ރައްޔިތުންގެ ފްލެޓު ގެއްލޭ ވާހަކައާ، މިވާހަކަތައް. ކާކުތޯ މައްސަލަ ބަލަނީ؟ އޮޑިޓާ ޖެނެރަލެއް އެބަ ހުރިތޯ؟ އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އެބަ ހުރިތޯ؟"
ޔާމީން ވިދާޅުވީ މިހާރު ފެންނަނީ ތައުލީމީ މީހުންނަށް ފުރުސަތު ދިނުމުގެ ބަދަލުގައި ކަމަށް އެކަށޭނަ ނޫން މީހުންނާ މަސްއޫލިއްޔަތުތައް ހަވާލުކުރާ ތަން ކަމަށެވެ.
"އެއްވެސް ރައީސެއްގެ އަތްޕުޅުގައި އޮތް ކަމެއް ނޫނޭ ބޭނުން ގޮތަކަށް މުދާ ބަހާލުން އެއީ. ބޭނުން ގޮތަކަށް ފަޅުތަކާއި ރަށްތަކާ ދިނުމަކީ ނުކުރެވޭނެ ކަމެކޭ،" ރަށްތަކާއި ފަޅުތައް ކުއްޔަށްދީގެން ލިބުނު ފައިސާ ގެއްލުނު އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވިއިރު ރައީސްކަމުގައި ހުންނެވި ޔާމީން ވިދާޅުވި އެވެ.
މަސައްކަތަށް އަހުލުވެރި، ރައްޔިތުންނަށް އިތުބާރު ކުރެވޭ މީހުން އުފެއްދުމަށް ވުރެ ރާއްޖެއަށް މިއަދު މުހިއްމު ކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިހަކަށް ވަޒީފާ ދިނުމަކީ އެންމެ ފަސޭހަ ކަންތައް. އެކަމަކު އެ ވަޒީފާގެ މަސްއޫލިއްޔަތު އޭނާ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކީ އަދާކުރޭތޯ ބެލުމަކީ މިއަދު ދިވެހި ސަރުކާރާއި ދިވެހި ދައުލަތް ނުކުޅެދިފައި އޮތް ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަން އެވަނީ ނުވެގެން ހެއްޔޭ، ނޫނީ ގަސްތުގައި އިހުމާލުކޮށްލައިގެން ހެއްޔޭ؟ އަބަދު މި އިވެނީ އެކި ތަންތަނުން ބިން ގެއްލޭ ވާހަކަ. އެކި ތަންތަނުން، އެކި އަދަދުތަކުން ފައިސާ ގެއްލޭ ވާހަކަ. އޮޑިޓާ ޖެނެރަލެއް ވެސް ހުރޭ. އެންޓި-ކޮރަޕްޝަން ކޮމިޝަނެއް ވެސް ހުރޭ."
މުއައްސަސާތަކަށް ދީފައިވާ ބާރު ބޭނުން ކުރުމުގެ ހުއްދަ ދައުލަތުން ދޭންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ