އައިޔޫއެމްއިން އަންނަ އަހަރަށް 68 ކޯހަކަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އިން އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާއަށް ޖުމުލަ 68 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. އައިޔޫއެމްއިން ބުނީ، އެ ޔުނިވާސިޓީން އިޢުލާނުކޮށްފައިވާ ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ލެވެލްގެ ތިން ކޯހަކާއި، މާސްޓާސް ލެވެލްގެ 17 ކޯހަކާއި, ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އެއް ކޯހާއި، ބެޗްލާސް ލެވެލްގެ 15 ކޯހަކާއި އެސޯސިއޭޓް ޑިގްރީ ކޯހެއްގެ އިތުރުން ޑިޕްލޮމާގެ 11 ކޯހަކާއި ސެޓްފިކެޓް ލެވެލްގެ ޖުމްލަ 20 ކޯހެއް ހިމެނެއެވެ. ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤުރްއާނާއި ޙަދީޘް، ޝަރީޢާ އެންޑް ލޯ، ފިޤްހް, އިސްލާމިކް ސްޓަޑީޒް، އިމާމް ޝިފް، ލޭންގުއެޖް، އެޑިޔުކޭޝަން، ކައުންސެލިން, ފައިނޭންސް، އެކައުންޓިން, ލީޑާސިޕް އެންޑް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް އަދި ޖާނަލިޒަމްގެ އެކި ކޯސްތައް ހިމެނޭ ކަމަށް އައިޔޫއެމްއިން ބުނެފައިވެއެވެ. އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި އައިޔޫއެމްގެ ކޯސްތައް، ރ. އުނގޫފާރު، ޅ. ނައިފަރު، ލ. ފޮނަދޫ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީ މީދޫގައި ޤާއިމުކުރެވިފައިވާ އައިޔޫއެމްގެ ލާނިން ސެންޓަރުތަކުގައި ވެސް ކުރިއަށްދާނެކަން އެ ޔުނިވާސިޓީން ފާހަގަކުރިއެވެ. އިސްލާމީ ޔުނިވާސިޓީއާއި ޔުނިވާސިޓީގެ ލާނިން ސެންޓަރުތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް ސަރުކާރުގެ ހިލޭ ޑިގްރީގެ ތެރެއިން ސަތޭކަ އިންސައްތަ ޓިއުޝަންފީ ހިލޭ ކޯސްތައްކަން އެ ޔުނިވާސިޓީން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ޔުނިވާސިޓީގެ ބައެއް ކޯސްތައް އޮންލައިން އަދި ބްލެންޑަޑްކޮށް ވެސް ކިޔެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އައިޔޫއެމްއިން ބުންޏެވެ. އެ ކޯސްތަކުގައި ކިޔަވަން ބޭނުންވާ ދަރިވަރުން، ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު، ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެއްޗާ އެކު ޑިސެންބަރު 31 ވަނަ ދުވަހުގެ 13:00ގެ ކުރިން އެ ޔުނިވާސިޓީއަށް ހުށަހަޅަން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ