ފްރާންސްގެ ކުރީގެ ރައީސް ސަރުކޯޒީގެ ޖަލު ހުކުމް ތަންފީޒު ކުރަން ފަށައިފި

ކުރީގެ ލީބިޔާގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ އަތްޕުޅުން އިންތިހާބުގެ ކެމްޕޭނަށް ފައިސާ ހޯއްދެވިކަން ސާބިތުވެ، ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންނެވި ފަރަންސޭސިވިލާތުގެ ފުރަތަމަ ރައީސަކަށް، ކުރީގެ ރައީސް ނިކޮލަސް ސަރްކޯޒީ ވެއްޖެ އެވެ. އޭނާގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް އިއްޔެ ވަނީ ތަންފީޒު ކުރައްވަން ފައްޓަވައިފަ އެވެ.
މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ފަރަންސޭސިވިލާތުގެ ވެރިއަކު ޖަލަށްލި ފުރަތަމަ ފަހަޜެވެ. ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު، 1945 ވަނަ އަހަރު، ނާޒީންނާ ބައިވެރިވެ، ގައުމަށް ގައްދާރުވުމުގެ ކުށް ސާބިތުވެ، ފިލިޕް ޕެޓެއިން ޖަލަށްލި އެވެ. 
މީގެ 18 އަހަރު ކުރިން، 2007 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ފަރަންސޭސިވިލާތުގައި ރައީސްކަން ކުރެއްވި ސަރްކޯޒީ ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރައްވައިފަ އެވެ.
ސަރްކޯޒީ، 70، އޭނާގެ މައްޗަށް ކުރި ދައުވާއަށް އިންކާރު ކުރައްވަ އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވުމުން އޭނާގެ ވަކީލުން ވަނީ އޭނާ ދޫކޮލުން އަވަސް ކުރުމަަށް މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.
އޭނާ ޖަލަަށް ގެންދިޔަ އިރު ސަރްކޯޒީގެ ގެކޮޅުގެ ބޭރުގައި އެތައް ސަޕޯޓަރުންނާއި އާއިލާ މީހުން އެއްވެ ތިއްބެވެ.
"މިއަދަކީ ފްރާންސަށާއި ޑިމޮކްރަސީއަށް ވަރަށް ހިތާމަވެރި ކަޅު ދުވަހެއް،" އޭނާގެ ގެކޮޅު ކައިރީ އެއްވެފައި ތިބި މީހުން އަޑުއުފުލަމުން ބުންޏެވެ.
އެކަހެރި ޖަލުގައި ތިބޭ ގައިދީންނަށް ކޮންމެ ދުވަހަކު އެއް ފަހަރު ހިނގާލަން ނުކުމެ އުޅުމުގެ ހުއްދަ އޮވެ އެވެ. އޭގެ އިތުރުން ހަފްތާއަކު ތިން ފަހަރު ސަރްކޯޒީއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ