ކްރޫޑް އޮއިލް ބަރުކޮށްފައިވާ ބޮޑު ޓޭންކަރެއް މާލެ ކައިރި ބަނދަރުކޮށްފި ކްރޫޑް އޮއިލް ބަރުކޮށްފައިވާ ބޮޑު ޓޭންކަރެއް މާލެ ކައިރި ބަނދަރުކޮށްފި

ރާއްޖޭގައި އެއްވެސް ވަރަކަށް ބޭނުންނުކުރާ ސާފުނުކުރާ ތެޔޮ، ނުވަތަ ކްރޫޑް އޮއިލް ބަރުކޮށްފައިވާ ބޮޑު ޓޭންކަރެއް ރާއްޖެ އައިސް މާލެ ސަރަހައްދުގައި ބަނދަރުކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު ރާއްޖެ އައިސް ބަނދަރުކޮށްފައިވަނީ މިވަގުތު ކޮމޮރޮސްގެ ދިދައިގެ ދަށުގައި ދުއްވާ "ފުންހުއާން" ނަމަކަށް ކިޔާ 100،000 ޓަނުގެ ސާފުނުކުރާ ތެޔޮ އުފުލޭ ޓޭންކަރެކެވެ. އެ ޓޭންކަރު މިވަގުތު އޮތީ ބަނޑޮސް ރިސޯޓުގެ އިރު އުތުރުން މޭލެއްހާ ދުރުގައި ބަނދަރުކޮށްގެންނެވެ.
އެ ސަރަހައްދުގައި ބޯޓު އޮންނަތާ މިހާރު ތިން ދުވަސް ވެއްޖެ އެވެ. މި ޓޭންކަރު ރާއްޖެ އައީ މީގެ މަހެއްހާ ދުވަސް ކުރިން ޔޫއޭއީގެ ބަނދަރަކުން ފުރައިގެންނެވެ.
ރާއްޖެ އަކީ އެއްވެސް ވަރަކަށް ކްރޫޑް އޮއިލް ނުވަތަ ސާފުނުކުރާ ތެޔޮ އެތެރެކުރާ ގައުމެއް ނޫނެވެ. އެފަދަ ތެޔޮ އެތެރެކޮށް ސާފުކުރާނެ ރިފައިނަރީއެއް ވެސް ރާއްޖެ އަކު ނުހުރެ އެވެ. އެފަދަ ތެޔޮ ރާއްޖޭގައި ބޭނުމެއް ވެސް ނުކުރެ އެވެ.
"މިފަދަ އުޅަނދަކަށް ހުއްދަ ވެސް ލިބިގެން ނުވާނެ. މިއީ ވަރަށް ނުރައްކާތެރި ކަމެއް. މިފަދަ މުދަލެއް ހިފައިގެން ރާއްޖެ އަންނަންޖެހޭ ސަބަބެއް ނުވިސްނޭ،" މި އުޅަނދުގެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ކިޔައި ދިނެވެ.
މި ޓޭންކަރަކީ އިރާނުން އުފައްދާ ސާފުނުކުރާ ތެޔޮ ވިއްކުމުގައި ބައިވެރިވެފައިވާތީ އެމެރިކާއިން ސޭންކްޝަން ކޮށްފައިވާ އުޅަނދެކެވެ. އެމެރިކާއިން މި އުޅަނދާ ދެކޮޅަށް ފިޔަވަޅު އެޅިއިރު، ޓޭންކަރު ދުއްވަމުން ދިޔަޢީ "ފީނިކްސް 1" ގެ ނަމުގައި ކޫކް އައިލެންޑްސް ގެ ދިދައިގެ ދަށުގަ އެވެ.
ރާއްޖޭގައި ބަނދަރުކުރި ކްރޫޑް އޮއިލް ޓޭންކަރު ރާއްޖެ އައި ގޮތް --
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރޫޑް އޮއިލް ޓޭންކަރުތައް ރާއްޖެގެ ސަރަަހައްދުގައި، ޝިޕް ޓު ޝިޕް ނުވަތަ ޓޭންކަރުން އެހެން ބޯޓުތަކަށް ތެޔޮ އެޅުމާމެދު މީގެ ކުރިން އެންވަރަމަންޓު މިނިސްޓްރީ އަދި އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ދެކޮޅު ހަދައިފަ އެވެ.
ސަބަބެއް ކަމަށް ސަރުކާރުގެ އިދާރާތަކުން އޭރު ދެއްކީ ރާއްޖެ ފަދަ ތިމާވެށި ނާޒުކު އަދި ޓޫރިޒަމުގެ ތެރެއިން ތިމާވެށްޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއްގައި މިފަދަ ކަމެއް ކުރުން ރައްކާތެރި ނުވުމެވެ.
މިފަދަ ބޯޓަކުން ކަނޑަށް އެއްވެސް ވަރަކަށް ސާފުނުކުރާ ތެޔޮ އެޅިއްޖެ ނަމަ ރާއްޖޭގެ ކަނޑުތަކަށް އަދި ފަރުތަކަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް އޭރު ސަރުކާރުގެ އިދާރާތަކުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ