ސަރުކާރުގެ 12 ކުންފުނި ބޮޑު ގެއްލުމުގައި، އެމްޓީސީސީއަށް ވެސް 20 މިލިއަންގެ ގެއްލުން
ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 280 މިލިއަން ރުފިޔާގެ ގެއްލުންވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެހެންވެ، އެ ކުންފުނިތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ. ޕީސީބީގެ ރިޕޯޓުން އެނގޭ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ގެއްލުމެއްވީ ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ. އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައެވެ. އަދި ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައިލެންޑް އޭވިއޭޝަނަށެވެ. އެ ކުންފުންޏަށް 46.36 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. ތިންވަނައަށް އެންމެ ބޮޑަށް ގެއްލުންވީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ފެނަކައަށެވެ. އެ ކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި 33.72 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއެއް: އެ ކުންފުންޏަށް ވެސް 20 މިލިއަންގެ ގެއްލުންވި --- ފޮޓޯ: އިހަވަންދޫ.ކޮމް ފާހަގަކޮށްލެވޭ ގޮތުގައި ކުރިން ވަރަށް ބޮޑަށް ފައިދާގައި ހިންގި އެމްޓީސީސީއަށް ވެސް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވީ ގެއްލުމެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމުލަ 19.66 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އެއީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ވީ 3.8 މިލިއަންގެ ގެއްލުމާ ބަލާއިރު ބޮޑު ދަށްވުމެކެވެ. ގެއްލުންވި އިތުރު ބައެއް ކުންފުނިތައް: އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުންޏަށް 17.55 މިލިއަންގެ ގެއްލުން ޕޯސްޓް ލިމިޓެޑަށް 2.26 މިލިއަންގެ ގެއްލުން ޕީއެސްއެމަށް 5.72 މިލިއަންގެ ގެއްލުން ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް 7.15 މިލިއަންގެ ގެއްލުން ހައްޖު ކޯޕަރޭޝަނަށް 6.60 މިލިއަންގެ ގެއްލުން ބީސީސީއަށް 3.65 މިލިއަންގެ ގެއްލުން ފަހިދިރިއުޅުން ކޯޕަރޭޝަނަށް 14.05 މިލިއަންގެ ގެއްލުން ޓްރޭޑްނެޓަށް 10.55 މިލިއަންގެ ގެއްލުން އެއީ، ޖުމުލަ ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް 281 މިލިއަން ރުފިޔާގެ ގެއްލުމެވެ. https://sun.mv/214395 ޕީސީބީގެ ރިޕޯޓުގައި ވާގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 37،900 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ. އެއީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ 30،436 މުވައްޒަފުންނަށް ވުރެ ވެސް މާ އިތުރު އަދަދެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފިނޭންސް މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުކުރި 378.3 މިލިއަން ރުފިޔާއަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ގެއްލުމުގައި ހިންގާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ބޮޑު ހޭދައެއް ކުރާއިރު، ކޮރަޕްޝަން އިތުރުވުމާއި، ސިޔާސީ މަގުސަދުތަކަށް ބޭނުންނުވާ ވަރަށް މުވައްޒަފުން ނަގާކަމުގެ ޝަކުވާ ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ