މި ސަރުކާރުން ދޭ މައާފެއް ބޭނުމެއް ނޫން: ޔާމީން
މި ސަރުކާރުން ދޭ މައާފެއް ބޭނުން ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރައީސްކަން ވެސް ކުރައްވާ ޔާމީން ވިދާޅުވީ އެމަނިކުފާނަށް ކުރާ ދައުވާތަކުގެ ދަތުރުގައި ސާބިތުކަމާ އެކު އެބަ ހުންނެވި ކަމަށެވެ.ޔާމީން ވިދާޅުވީ އެންމެ ފުރަތަމަ މިދިޔަ ސަރުކާރުގައި ވެސް އެ މަނިކުފާނު ޖަލަށް ލީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ "ރިޔާސީ ވައުދުފުޅެއް ފުއްދަން" ކަމަށެވެ. އަދި ޞާލިހުގެ އަރިހަށް މިހާރުގެ ދެ މިނިސްޓަރަކު ވަޑައިގަތް ކަމަށާއި، އެ ދެ ބޭފުޅުން އެދިވަޑައިގަތީ އެ މަނިކުފާނު ޖަލުގައި މިނިވަންނުކޮށް ބޭއްވުމަށް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. ޔާމީން ތުހުމަތުކުރެއްވި ގޮތުގައި މި ދެ ބޭފުޅުން ޞާލިހުގެ އަރިހަށް ދިޔައީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުވައިގެންނެވެ."އަޅުގަނޑު ކައިރީގައި ޕީޕީއެމްގައި އުޅުނު، އިސްކޮށް އުޅުނު ދެ މީހުން ދިޔައީ ރައީސް ޔާމީން ދޫކޮށްނުލައްޗޭ ކިޔައިފައި، މުއިއްޒު ފޮނުވައިގެން ދިޔަ ދެ މީހުން،" ޔާމީން ވިދާޅުވިއެވެ.ރޭ އެ ދެ ބޭފުޅުންގެ ނަން ހާމަ ނުކުރެއްވި ނަމަވެސް ޔާމީން ވިދާޅުވީ، ފަހުން ހާމަކުރައްވާނެ ކަމަށެވެ.ޔާމީން ވިދާޅުވީ އެ މަނިކުފާނު، ޝަރީއަތުގެ މަރުހަލާތައް ކަޑައްތު ކުރައްވަމުން ގެންދަވަނީ ވަރަށް ސާބިތުކަމާ އެކުގައި ކަމަށެވެ. އަދި އެ މަނިކުފާނު ހުންނެވީ ރައްޔިތުންގެ ރުހުމާއެކު ކަމަށް ވެސް ވިދާޅުވިއެވެ."ދެން އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުންވަނީ ތި ހުރިހާ ވަހަކައެއް ދައްކާށޭ، މި ސަރުކާރުން ދޭ މައާފެއް އަޅުގަނޑު ބޭނުމެއް ނުވާނޭ،" ޔާމީން ވިދާޅުވިއެވެ.މި ވެރިކަމަށްފަހު މައްސަލަތައް ބަލާއިރު، ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަރިސް މީހުން ސަލާމަތްވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމް ހައި ކޯޓުން ބާތިލުކުރުމުން ޔާމީން މިވަގުތު ހުންނެވީ މިނިވަންވެފަ އެވެ. އެކަމަކު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފައި ވާތީ، އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ