ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރުވީ ދިގު ތާރީހުގައި، މިހާތަނަށް ގައުމީ ފުޓްބޯޅަ ޓީމަށް ތަށްޓެއް ހޯދައިދިން ހަމައެކަނި ދިވެހި ކޯޗުގެ ޝަރަފް ހާސިލްކުރީ، ދާދި ފަހުން، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގައި، ރާއްޖޭގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހުރެ މޯހަން ކުރީ ޝުކުރާއި ތައުރީފު ހައްގު މަސައްކަތެވެ. ރާއްޖޭގެ ފުޓްބޯޅަ އާއިލާ އާއި ދިވެހި ސަޕޯޓަރުން އެކަން ބަލައިގަނެ، ފާހަގަ ވެސް ކުރެ އެވެ.
ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްދިން، މޯހަން އަށް ވަނީ ފާއިތުވި، ދެތިން އަހަރެއް، އަމިއްލަ ދިރިއުޅުމުގައި ހިތްދަތި ކަންތައްތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ގޮތުން، އެންމެ ބޮޑު ސަޕޯޓަރު އަދި، އެންމެ ގާތް، މަންމަ، މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ނިޔާވިއިރު، މީގެ ހަ ވަރަކަށް މަސް ކުރިން، އެންމެ ގާތް އެކުވެރިޔާ، މަޝްހޫރު ކޯޗު، އިހުސާން އަބްދުލް ގަނީ (ސާންތީ) ދުނިޔެ ދޫކޮށް ވަކިވެދިޔައީ އެވެ. މިއީ، އަމިއްލަ ދިރިއުޅުމުގައި މިހާތަނަށް މޯހަން ކުރިމަތިލާން ޖެހުނު އެންމެ ހިތްދަތި ދެ ކަމެވެ.
ސައުުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބީ އަށް ފަހު، މޯހަން، "އަދަދު ސްޕޯޓްސް" އަށް ވަނީ މި ކާމިޔާބީގެ ތެރޭގައި، އޭނާގެ ހިތުގައި އޮތް ވަރަށް ބޮޑު ޝުއޫރެއް ހިއްސާކޮށްފަ އެވެ.
"މުޅި އެތި އިމޯޝަނަލް (ޖަޒުބާތީ) ކޮށްލީ އިނގޭތޯ ހަގީގަތުގައި. ހިތުގައި މިކަން ބަހައްޓައިގެން މި ހުންނަނީ. އޭތި ބޭރަށް ނެރުމަކީ ވަރަށް އުނދަގޫ ކަމެއް،" ފެންކަޅިވެފައި ހުރެ މޯހަން ވާހަކަ ދައްކަން ފެށި އެވެ.
ޖަވާބު ދެމުން ފުރަތަމަ ވާހަކަތައް ބުނެލެވުމާ އެކު، ލޮލުން ފައިބަމުން އައި ކަރުނަ ފޮހެމުން، މޯހަން، ވާހަކަ ކުރިއަށްގެންދިޔަ އެވެ.
"އެންމެ އިމޯޝަނަލް އެއް ކަންތައް އަޅުގަނޑުގެ މަންމަ އަކީ ހަގީގަތުގައި ހުރިހާ ވެސް އެއްޗަކީ، އާއިލާ، ދެން، ސާންތީ އަކީ، ވަރަށް އުނދަގޫ ވާހަކައެއް ދައްކަން. ދެން، ސާންތީ އަކީ އަޅުގަނޑު ފުޓްބޯޅައިގެ ގާތް، އެންމެ އެކުވެރިޔާ، ދެން، މި ކަމަކީ ހަމަ އަޅުގަނޑު ހަމަ އެ ދެ ފަރާތް، މަތީގައި ބަލަން ތިބޭނެ ކަމަށް ގަބޫލުކުރަނީ ހަމަ. ދުނިޔޭގައި ތިބި ނަމަ ހާދަ އުފާވާނެއޭ ހިތައް އަރާ،"
ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން އައިސް، މި އަހަރު މާޗް 23 ވަނަ ދުވަހު، ދުނިޔެ ދޫކޮށްދިއުމާ ހަމައަށް، ހުރިހާ ވަގުތުތަކެއް ކަހަލަ ގޮތަކަށް ވެސް ސާންތީގެ ކަންކަން އެންމެ ގާތުން ބެލި އެއް ފަރާތަކީ މޯހަން އެެވެ.
ސާންތީ ކޯޗު، ދުނިޔޭގައި ހޭދަކުރި ފަހު ދުވަސްތަކުގައި، އޭނާ އަށް ހިތްވަރު ދިނުމުގެ ގޮތުން، ޝުއޫރުތައް ފާޅުކުރުމަށާއި އެކުގައި ހުރިކަން ބުނެދިނުމަށް ކުޅިވަރު ނޫސްވެރިންނާއި ފުޓްބޯޅަ ކޮމިއުނިޓީ އަށް މެސެޖުކޮށް ހެދީ ވެސް މޯހަން އަމިއްލަ އަށް އިސްނަގައިގެންނެވެ.
ސާންތީގެ ހަނދާނުގައި، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް) އިން 8 އަހަރުން ދަށަށް ހާއްސަކޮށް، "މައިލޯ ސްވޭމް ޖޫނިއާސް" ގެ ނަމުގައި ބޭއްވި މުބާރާތް ލޯންޗްކުރި އިވެންޓްގައި، މޯހަން ވަނީ ދުނިޔޭގައި ހުރިހާ ދުވަހަކު ސާންތީގެ ހިދުމަތުގެ ވާހަކަ ދެއްކުން ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. ސައުތު އޭޝިއަން ސުޕަ ކަޕްގެ އެ އުފާވެރި ވަގުތުގައި ވެސް މޯހަން މި ވަނީ ސާންތީގެ ނަން ހަނދާނަށް ގެނުވައިފަ އެވެ.
ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން އިން އިންތިޒާމްކޮށްގެން ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕަކީ އެންމެ ފުރަތަމަ ހަތަރު ގައުމުގެ މެދުގައި ކުޅެން ރޭވި މުބާރާތެކެވެ. އެކަމަކު، ފަހު ވަގުތު ބަންގްލަދޭޝާއި ބޫޓާނުން ވާދަނުކުރަން ނިންމުމުން، ލަންކާ ފެޑެރޭޝަނުން ނިންމީ، ރާއްޖެ އާއި ލަންކާއާ ދެމެދު ދެ މެޗު ކުޅޭށެވެ. އެ ގޮތުން، ފުރަތަމަ ލެގުގައި، މި މަހު ހަ ވަނަ ދުވަހު ރާއްޖޭން ވަނީ 3-0 އިން މޮޅުވެފަ އެވެ. ދެ ވަނަ ލެގުގައި މިދިޔަ އަންގާރަ ދުވަހު، ރާއްޖޭން ވަނީ 1-1 އިން ލަންކާއާ އެއްވަރުކޮށް، އެގްރިގޭޓުން 4-1 އިން މޮޅުވެފަ އެވެ.
ފުޓްބޯޅައިގެ ކާމިޔާބީތަކަށް ބަލާއިރު، ރާއްޖޭން ވަނީ 2008 އާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އަދި، 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ މުބާރާތް، ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން ކާމިޔާބުކުރިއިރު، މި އަހަރު މި ވަނީ މުޅިން އަލަށް ބޭއްވި ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.
ރާއްޖޭން 2008 ވަނަ އަހަރު ސާފް ކާމިޔާބުކުރީ، ޖޯސެފް ޔަންކޭޒް އެވެ. އަދި، 2012 ވަނަ އަހަރު ރާޖަޕަކްސަ މުބާރާތް، ހަންގޭރީގެ ކޯޗު، އިސްތަވާން އުރްބާނީއާ އެކު ކާމިޔާބުކުރިއިރު، 2018 ގެ ސާފް ޗެމްޕިއަންޝިޕް ކާމިިޔާބުކުރީ، ޕީޓަ ސެގާޓްގެ ކޯޗުކަމުގަ އެވެ. އޭގެ ފަހުން، މޯހަން، މި ވަނީ މި އަހަރުގެ ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބު ކޮށްދީ ދިވެހި ފުޓްބޯޅައިގެ ތާރީހުން ހާއްސަ ޖާގައެއް ހޯދައިފަ އެވެ. މޯހަން ވަނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަޔާއި ހެޑް ކޯޗެއްގެ ގޮތުގައި ވެސް ރާއްޖެ އަށް ކާމިޔާބު ހޯދައިދީފަ އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ބޭއްވި އުފާފާޅުކުރުމުގެ އިވެންޓްގެ ތެރެއިން މޯހަން ތަށްޓާ އެކު ފޮޓޯ ނަގަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ސައުތު އޭޝިއަން ސުޕަ ކަޕްގެ މެޗުތަކާ ކުރިމަތިލިއިރު، ރާއްޖެ އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ ފަސް މެޗުން ވެސް އޮތީ ބަލިވެފަ އެވެ. އެހެންކަމުން، ޓީމު ތެރޭގައި އޮތް މާޔޫސްކަމުގެ ހާލަތު ބަދަލުކޮށް މޯހަން ކޮށްފައިވަނީ ބުރަ މަސައްކަތެކެވެ. އަމުދުން، ރާއްޖޭގައި ލީގު ފުޓްބޯޅަ ނެތްތާ ދެ އަހަރެއްހާ ދުވަސް ވެފައި އޮތް އިރެއްގައި، ބޭރުގެ އެކި ލީގުތަކުގައި ކުޅޭ ކުޅުންތެރިންތަކެއްގެ މައްޗަށް ބަރޯސާވެފައި އޮތް ލަންކާ އަތުން މި ހޯދީ ރަނގަޅު ކާމިޔާބެކެވެ.
މޯހަން ބުނީ، އޭނާ އަށް މި ކާމިޔާބީގައި މި ލިބުނު ޝަރަފްގެ ވާހަކަ ދައްކާނީ މީގެ ހުރިހާ ޝުކުރެއް ކުޅުންތެރިންނަށް ލިބޭ ގޮތަށް ކަމަށެވެ.
"ހުރިހާ ޝުކުރެއް އަދާކުރަނީ، ހުރިހާ ވެސް ކްރެޑިޓެއް ދޭން ބޭނުންވަނީ، އެއީ ކުޅުންތެރިންގެ ބުރަ މަސައްކަތް، އިނގޭތޯ، ކުޅުންތެރިން އަޅުގަނޑަށް ގަބޫލުކޮށް، އިތުބާރުކޮށްގެން، އަޅުގަނޑު ބުނިގޮތަށް އެ މަސައްކަތް ކުރުން. އެއީ އަޅުގަނޑު އެންމެ އުފާވާ ކަމަކީ، އެ މަސައްކަތުން މި ކާމިޔާބު މި ލިބުނީ، އަޅުގަނޑަށް މި ކާމިޔާބު ހޯދައިދިނީ ހުރިހާ ކުޅުންތެރިން ވެގެން، އެހެންވީމަ ހުރިހާ ކުޅުންތެރިންނަށް ހުރިހާ ޝުކުރެއް ހައްގުވަނީ، ހުރިހާ ޝަރަފެއް ވެސް ހައްގުވަނީ ހަމަ ކުޅުންތެރިންނަށް،" މޯހަން ބުންޏެވެ.
މިކަމުގައި ހުރި ޕްރެޝަރާއި ގޮންޖެހުންތައް ކިޔައިދޭނެ "އެހާ ގިނަ ލަފުޒެއް ނެތް" ކަން ފާހަގަކޮށް، މޯހަން ބުނީ، ހެޑް ކޯޗެއްގެ ގޮތުގައި ހުރެ މި ވަރުގެ ކަމެއް ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް އަދި ހިތްހަމަޖެހުމެއް ކަމަށެވެ.
މި ކާމިޔާބީ ރާއްޖޭގެ ފުޓްބޯޅަ އަށް ލިބުނީތީވެ، މޯހަން ވަނީ އެންމެ ފުރަތަމަ ކަމަކަށް ހެެއްދެވި ފަރާތަށް ޝުކުރުއަދާކޮށްފަ އެވެ. އަދި، މި މަސައްކަތް މި ގޮތަށް ކުރުމުގެ އުނދަގޫ ކަމުގެ ވާހަކަ ކިޔައިދިނުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އުނދަގޫ ކަމުގެ ވާހަކަ ކިޔައިދޭން ދަތިވާ އެންމެ ބޮޑު ސަބަބަކީ، ދޮޅު އަހަރެއްހާ ދުވަހު ލީގު ފުޓްބޯޅަ ނުކުޅެ އޮވެފައި، މީގެ އޮތް ރިސްކަށް ބެލުމެއް ނެތި ރަނގަޅު ނަތީޖާ ނެރުމަށް މަސައްކަތް ކުރުމަށް އެ ލެވުނު ހިތްވަރަކީ އަންދާޒާ ކުރަން ވެސް ދަތި ކަމަކަށް ވުމެވެ.
މޯހަން ބުނީ، ނަތީޖާ ނެރުމުގައި ހުރި ގޮންޖެހުން ބޮޑުކަން އިހުސާސްވީ، ދެ ވަނަ މެޗުގައި ކަމަށެވެ.
"ވަރަށް ބޮޑަށް ފެނިގެންދިޔަ، މިއަދުގެ މެޗުން އަޅުގަނޑުމެންގެ ކުޅުންތެރިންގެ ފިޓްނަސް ބައި ވެސް ރަނގަޅު، ފުރަތަމަ ދުވަހު މަސައްކަތް ކުރި، ގައިގައި ހުރި ހުރިހާ ހިތްވަރެއް ނެރެގެން ފުރަތަމަ ދުވަހު އެހާ މޮޅަށް ކުޅެ، އެ ވަރުގެ ނަތީޖާއެއް ނެރުނީ، އެހެން ނަމަވެސް، ދެ ވަނަ ދުވަހަށް އައިއިރު އަޅުގަނޑުމެން ރިކަވާއެއް ނުވޭ. ރިކަވާ ނުވި އެންމެ ބޮޑު ސަބަބަކީ، އަޅުގަނޑުމެން ލީގު ނެތީމަ، އިނގޭތޯ، އިރާދަކުރެއްވިތީ މުސްތަގުބަލުގައި އެކަން ރަނގަޅުވެގެންދާނެ ލީގު ފެށުނީމަ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެ. އެހެން ނަމަވެސް މި ހުރހާ ކަމަކަށް ދުވަސް ނަގާނެ،" 1995-2008 އަށް ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކުރި މޯހަން ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ،--- ފޮޓޯ: ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން.
އެފްއޭއެމް އިން މޯހަން އަށް ގައުމީ ކޯޗުކަން ދިނީ މި އަހަރު ހުރި މެޗުތަކަށެވެ. އެ ގޮތުން، މި އަހަރު މި ވަގުތަށް ބަލާއިރު، ގައުމީ ޓީމަށް ދެން އޮތީ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކެވެ. މޯހަން ބުނީ، ލީގު ފަށައިގެން ކަންކަން ހިނގަން ފެށުމުން ޓީމުގެ ކަންކަން އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ.
"މި ޕްރޮސަސް ކުރިއަށް ދާން ދުވަސް ނަގާނެ، މެޗުތަކުގެ ނަތީޖާތަށް އެ ގޮތް މި ގޮތަށް ދާ ދުވަސްތައް ވެސް އަންނާނެ. ހުރިހާ އެންމެން ވެސް އެކައްޗެއް ކިޔައިގެން، އެކަައްޗެއްގެ ގޮތުގައި، ކެތްތެރިކަމާ އެކީ ތިބެއްޖެކަމަށްވާނަމަ، ﷲ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ފުޓްބޯޅަ ކުރިއަށްދާތަން ފެންނާނެ ކުޅުންތެރިން،" 2008 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުުރި ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި، މޯހަން ބުންޏެވެ.
"ކުރި ބުރަ މަސައްކަތް ތި ހުރިހާ އެންމެ ފަރާތްތަކަށް ފެނިގެންދާނެ މި ދެ މެޗުގައި، ފުރަތަމަ މެޗު ވަރަށް ރަނގަޅަށް ދިޔައީ، ދެ ވަނަ މެޗުގައި ބައިވަރު މިސްޓޭކްސް ހުރި، މިސްޓޭކްސް އައީ ވަރުބަލިކަމާ އެކީގައި،"
މޯހަން ބުނީ، ގައުމީ ކޯޗެއްގެ ގޮތުގައި އޭނާ ހުންނައިރު، މެޗު ދުވަހު ހުރިހާ ފޯކަސް އެއް ހުންނާނީ އެ ކަމަށް ކަމަށެވެ. އަދި، އެ ދުވަހު، މީޑިއާތަކުން ގުޅި ކަމުގައި ވިޔަސް އަދި ގާތް މީހުންނާއި ހެޔޮ އެދޭ އެކި ފަރާތްތަކުން މެސެޖުކޮށް ހެދި ކަމުގައި ވިޔަސް އެ ކަންކަމަށް ޖަވާބު ދިނުން ވާނީ ދަތިކަމަކަށް ކަމަށް މޯހަން ވަނީ ބުނެފަ އެެވެ.
ސަބަބަކީ، މެޗު ފޯކަސް ގެއްލޭފަދަ އެއްވެސް ކަމަކަށް އެ ދުވަހު، މޯހަންގެ ސިކުނޑި މަސައްކަތް ކުރަން ޖާގަ ނުދިނުމެވެ. އަދި، އެ ފޯނުކޯލުތަކާއި މެސެޖުތަކަށް ޖަވާބު ނުދެވޭތީވެ، މޯހަން ވަނީ އެ ހުރިހާ ފަރާތެއްގެ ކިބައިން މާފަށް ވެސް އެދިފަ އެވެ.
މޯހަން؛ ޝަރަފް ދިނީ ކުޅުންތެރިންނަށް، ކާމިޔާބުގައި ހާއްސަކުރީ މަންމަ އާއި ސާންތީ އަށް މޯހަން؛ ޝަރަފް ދިނީ ކުޅުންތެރިންނަށް، ކާމިޔާބުގައި ހާއްސަކުރީ މަންމަ އާއި ސާންތީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ