ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ މަނިކުފާނަށް ގުޅުއްވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު، ނަޝީދު އެ ޕާޓީން 2023 ވަނަ އަހަރު ވަކިވެވަޑައިގެންނެވީ، އޭރު ރާއްޖޭގެ ރައީސަކަށް ހުންނެވި ސޯލިހާ ދެމެދު ޖެހުނު މައްސަލަގަނޑުގެ ތެރެއިންނެވެ.
އެ ހިސާބަށް ކަންކަން ދިޔުމުގެ ކުރިން ކުރީގެ ގާތް ދެ ރަހުމަތްތެރިންގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ވާހަކަ ނުދައްކަވާ ވެސް އެތައް ދުވަހެއް ވަންދެން ތިއްބެވި އެވެ. ނަޝީދު އަލުން މިދިޔަ އަންގާރަ ދުވަހު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ނަޝީދުގެ ގާތް ބޭފުޅުން ވިދާޅުވާ ގޮތުން އެ މަނިކުފާނު އެމްޑީޕީއާ ގުޅިވަޑައިގަތުމުން، މިވަގުތު މެލޭޝިއާގައި ހުންނެވި ސޯލިހް ވަނީ ފޯނު ކޯލެއް ކުރައްވައި ނަޝީދަށް މަރުހަބާ ދަންނަވާފަ އެވެ.
މިއަދު ނަޝީދު އެމްޑީޕީ އޮފީހަށް ވަޑައިގެންނެވިއިރު، އެ ސަރަހައްދުގައި ތިިބި ނޫސްވެރިން ސުވާލު ކުރުމުން ނަޝީދު ވެސް ވަނީ ސޯލިހް އެ މަނިކުފާނަށް ގުޅުއްވިކަން ކަށަވަރުކޮށްދެއްވާފަ އެވެ.
"އާދެ، ގުޅުއްވި،" ވަރަށް ކުރުކޮށް ދެއްވި ޖަވާބުގައި ނަޝީދު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން އިތުރަށް ސުވާލު ކުރުމުން ނަޝީދު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނަޝީދާ އެކު ޑިމޮކްރެޓްސް މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް މިދިޔަ ހަފްތާގައި ނިންމި ނިންމުމާ އެކު މަރުހަބާ ދަންނަވަން ސޯލިހް އެކްސްގައި ޕޯސްޓެއް ކުރެއްވި އެވެ. ނަމަވެސް އެ ޕޯސްޓުގައި ނަޝީދުގެ ނަމެއް ނުގެންނަވަ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ސޯލިހަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން، ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިނުގެންނެވި އެއް ސަބަބަކީ ނަޝީދެވެ.
ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގެ ކުރިން އާދިއްތަ ދުވަހުގެ ރޭ ސޯލިހް ވަނީ 2028ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން ވެސް އިއުލާން ކުރައްވާފަ އެވެ. އޭގެ ކުރިން ނަޝީދު ވެސް ވަނީ ސޯލިހްގެ ގާތް ބައެއް ބޭފުޅުންނަށް މެސެޖްކުރައްވައި ވެރިކަމަށް ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމުން ސޯލިހް އަޅުގަނޑަށް ގުޅުއްވި: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ