100 މީޓަރު ފްރީސްޓައިލް ރެކޯޑް އަނެއްކާ ވެސް ތަޒްކިޔާ އަށް 100 މީޓަރު ފްރީސްޓައިލް ރެކޯޑް އަނެއްކާ ވެސް ތަޒްކިޔާ އަށް

ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު، ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އަމްނާ ތަޒްކިޔާ މިރުސާދު އަނެއްކާ ވެސް އާ ކޮށްފި އެވެ.
އެ ގޮތުން، ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ތަޒްކިޔާ މިރެކޯރޑް އާކޮށްފައިވަނީ 01:04.04 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓްގެ ގައުމީ ރެކޯޑް މީގެ ފަސް މަސް ކުރިން، އައިޝަތު އުލްޔާ ޝާއިގު، އާ ކުރުމުގެ ކުރިން، ރެކޯޑް އޮތީ ވެސް ތަޒްކިޔާ އަތުގަ އެވެ. އެއީ، މިދިޔަ އަހަރު ސްރީލަންކާގައި ބޭއްވުނު އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްގައި 01:05.03 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
ތަޒްކިޔާ އަތުގައި އެ ރެކޯޑް އޮއްވައި، އުލްޔާ އެ ރެކޯޑް އާ ކުރީ، މި އަހަރު، ޔޫޑަބްލިއުއެސްސީ (ދަ ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިން ކްލަބް) ކްލަބް ނައިޓް ނަންބަރު ފަހެއްގައި 01:04.32 ގެ ޓައިމިން އަކުން ރޭސް ފުރިހަމަ ކޮށްގެންނެވެ.
މި ފަަހަރުގެ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި، 14 އަހަރުގެ ތަޒްކިޔާ ވަނީ ދެ ގައުމީ ރެކޯޑެއް އާ ކޮށްފަ އެވެ. އެއީ، އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުންނެވެ. މި ދެ ރެކޯޑް ހިމެނޭ ގޮތަށް މި މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ޖުމްލަ އެކު، ހަ ގައުމީ ރެކޯޑެއް އާ ކުރި އެވެ.
އެއީ، 200 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް، މުހައްމަދު ރިހާން ޝިހާމް ހެދި ގައުމީ ރެކޯޑާއި ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި މުހައްމަދު އާން ހުސެއިން ހެދި ރެކޯޑްގެ އިތުރުން އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ވާދަކޮށް މެރާލް އައިން ލަތީފް ހެދި ގައުމީ ރެކޯޑް އަދި، ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ