ހުލާސާކޮށް އިއްޔެ: ސަރުކާރުން މަޖުބޫރު ކުރުމުން މައުރޫފު އިސްތިއުފާ ދެއްވުން ހުލާސާކޮށް އިއްޔެ: ސަރުކާރުން މަޖުބޫރު ކުރުމުން މައުރޫފު އިސްތިއުފާ ދެއްވުން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް ރިޓަޔާވާން ހުށަހަޅާފައި އޮއްވައި، އޭނާ އިސްތިއުފާ ދޭން ސަރުކާރުން މަޖުބޫރު ކުރުމުން އިއްޔެ މަގާމުން އިސްތިއުފާ ދެއްވި އެވެ.
މައުރޫފް ރިޓަޔާވާން ހުށަހެޅުއްވީ މި ހިނގާ ޖުލައި މަހުގެ ތެރޭގަ އެވެ. އެކަމަކު މިހާތަނަށް އޭނާގެ ރިޓަޔާމަންޓާ މެދު އޮތީ ރަސްމީކޮށް ގޮތެއް ނުނިންމަ އެވެ. އަދަދު އަށް އެނގިފައިވާ ގޮތުގައި މަގާމުން އިސްތިއުފާން ދޭން މައުރޫފަށް އެންގީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ބޯޑުންނެވެ.
މި ނޫހާ ވާހަކަ ދެއްކި ބައެއް މަސްދަރުތަކުން ބުނީ، މައުރޫފް މަގާމުން ދުރު ކުރުމުގެ އެންމެ ބޮޑު ސަބަބަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުންނަށް ފަހިވާ ގޮތަށް ކަންކަން ނިންމެވުމަށް ދެކޮޅު ހެއްދެވުމެވެ.
"މައުރޫފް މަގާމުގައި ހުންނަވައިގެން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް ޕީއެންސީއަށް ގަބޫލެއް ނުކުރެވޭ. އެހެންވެ އޭނާ މަގާމުން ދުރު ކުރަނީ،" މި ނޫހާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ޑިސެމްބަރު 22، 2024، ގަ އެވެ. މަގާމު އަދާ ކުރައްވާތާ އަދި މި ފާއިތުވީ އެންމެ ހަތް މަސް ދުވަހެވެ.
މައުރޫފްގެ ބެލުމުގެ ދަށުން އެޗްޑީސީ އިން ވަނީ ހުޅުމާލޭގެ މުޅިން އާ މާސްޓާ ޕްލޭނެއް ތަރައްގީކޮށްފަ އެވެ. ހުޅުމާލޭގެ ފޭސް ތިނެއް ވެސް ހިމެނޭ ގޮތަށް ހެދި އެ މާސްޓާ ޕްލޭނަކީ އާބާދީ މުޅި ރަށަށް ބަހާލެވި، އާންމު ހިދުމަތްތަކާއި ފެހިކަން ގިނަ ސަރަހައްދުތައް ކަނޑައަޅައި ނެރުނު ޕްލޭނެކެވެ.
ހުޅުމާލޭ ފުރަތަމަ ހިއްކައި، ޑިޒައިން ކުރި އިރު ވެސް މައުރޫފްގެ ދައުރު ވަރަށް ބޮޑެވެ. ހުޅުމާލޭ ފޭސް އެކެއްގެ ކުރެހުން ފާސްކޮށްފައި ވަނީ މައުރޫފްގެ ބެލުމުގެ ދަށުންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މަގާމުގައި ހުންނެވިއިރު އެ ކޯޕަރޭޝަން ހިންގި ބޮޑެތި ކޮރަޕްޝަންތަކަކާއި ވައްކަމުގެ މައްސަލަތަކެއް ފަޅާ އެރުމުންނެވެ.
އޭގެ ތެރޭގައި، ކޮރަޕްޝަނާއި ވައްކަމުގެ ތެރެއިން، އެއްވެސް އިއުލާނު ކުރުމެއް ނެތި ބިން ވިއްކުމާއި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ބިން ނުލިބޭ އެތައް ބަޔަކަށް ބިން ލިބުނު ކަމަށް ހަދައި ގޯތި ދޫކުރުން ހިމެނެ އެވެ. އެ ކޮރަޕްޝަނާއި ވައްކަންތަކުން ގެއްލުން އަދަދު މިހާތަނަށް ހިސާބު ވެސް ނުކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ