ނުރައްކާތެރި ދަރަޖައެއްގައި އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް ކަމަށް ދައްކައި ހިންގި އިންޑިއާ އައުޓު ކެމްޕޭނުން ތާއިދު ހޯއްދަވައިގެން ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ވީ ވައުދުތައް ނުފުއްދައި، ގެންގުޅުއްވި އިންޑިއާއާ ދެކޮޅު ސިޔާސަތު މުޅިން ބަދަލުކޮށްލުމަކީ، ދިވެހިން ލަދު ގަންނުވާލައި، ނިކަމެތި ކޮށްފި ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ އިންޑިއާ އައުޓު ކިޔަމުން އައި ބަޔަކު އިންޑިއާގެ ފައިބުޑަށް މިހާރު ވެއްޓިފައިވާ ކަމަށެވެ.
ރާއްޖެ އަށް ކިތަންމެ ދަތިވިޔަސް ބޫޓުގެ ދަށްފުށުގައި ދޫލާ ހިސާބަށް ވެއްޓުމުން ބަޔަކު ކުރާނެ ގަދަރެއް ނޯންނާނެ ކަމަށާއި، މިހާރު މުޅި އިންޑިޔާހެން ދިވެހިރާއްޖެއަށް އެކުރަނީ މަލާމާތް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"މުއިއްޒު ދެން ދިވެހިން ކައިރީ 2028 ނުވަތަ ކައުންސިލް އިންތިހާބުގައި އިތުރަށް ދައްކާނެ ވާހަކައެއް އެބަ އޮތްބާ؟،" ޖަމީލު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ތާރީހުގައި ވެސް މުއިއްޒު ފަދައިން ދޮގު ހެދުމާއި އޮޅުވައިލި އެހެން ވެރިޔަކު ފެނިގެން ގެންގޮސްފައި ނެތް ކަމަށް ޖަމީލު ވިދާޅުވި އެވެ.
"ހަގީގަތުގައިވެސް މުއިއްޒުގެ މުނާފިގުކަމުގެ ހަދެއް ނެތް،" ޖަމީލު ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގަތުމަށް ވީ ވައުދާ ދިމާ އިދިކޮޅަށް މުއިއްޒު އަމަލު ކުރެއްވުމުން ދިވެހިންގެ އަގު ބޭރު ގައުމުތަކުގެ ކުރިމަތީގައި ވެއްޓިގެން ގޮސްފައިވާ ކަމަށާއި އެކަން އެހެން ހިނގީ ދިވެހި ރައްޔިތުންގެ ނާގާބިލުކަމުން ކަމަށް ޖަމީލު ވިދާޅުވި އެވެ.
އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތީ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ވަރުގައި ކަމަށް މުއިއްޒު އާއި ޕީޕީއެމް/ޕީއެންސީގެ ވެރިން ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގެ ޝަރަފުވެރި މެހުމާނަކީ މޯދީ އެވެ. މި ރަސްމިއްޔާތަށް އެ މަނިކުފާނަށް ދައުވަތު ދެއްވީ މުއިއްޒެވެ.
ދެ ގައުމުގެ މެދުގައި އިއްޔެ ބޭއްވި މަޝްވަރާތަކާއި އެއްބަސްވުންތައް ބަދަލުކުރުމަށް ފަހު ހޮޓެލް ޖެންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމަ މިސްރީ ވިދާޅުވީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ރާއްޖޭގައި ރާއްޖޭގައި ބޭއްވުމަށް ވެފައިވާ އެއްބަސްވުންތައް ވަނީ މި ސަރުކާރުން އެދިގެން އާކޮށްފައި ކަމަށެވެ.
"އެ ތަކެތި ދަނީ ބޭނުން ކުރަމުން ދިވެހި ސަރުކާރުން އެދޭ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.
މެއި، 2025، ގައި ރައްޔިތުންގެ މަޖިލީހުގައި ހެލިކޮޕްޓަރާއި މަތިންދާބޯޓު ދުއްވަން ހަދާފައި އޮތް އެގްރިމެންޓުތައް އާ ކުރުމާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ ސުވާލު ކުރުމުން ވަކި ޖަވާބެއް ނުދެއްވަ އެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ހިމާޔަތް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެެއްވާ ސިޔާސަތު، އެކަމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކުރެއްވުމުގެ ވިސްނުންފުޅެއް ސަރުކާރަކު ނުހުންނާނެ،" ޣައްސާން ވިދާޅުވި އެވެ.
މުއިއްޒު ދިވެހިން ލަދު ގަންނަވާލައި، އިންތިހާއަށް ނިކަމެތިކޮށްފި: ޖަމީލް މުއިއްޒު ދިވެހިން ލަދު ގަންނަވާލައި، އިންތިހާއަށް ނިކަމެތިކޮށްފި: ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ