ކާނެއެއްޗެއް ނުލިބި ޣައްޒާގެ ރައްޔިތުން މަޖުބޫރީ ހާލަތުގައި ވެއްޔާ އެކުވެފައިވާ ފުއް ކާންޖެހިފައި

ހައްދުފަހަނާ އަޅާފައިވާ ޖައްބާރު އިސްރާއީލުން ފަލަސްތީނުގެ މުސްލިމް ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާގެ ޝިކާރައަކަށްވެފައިވާ ޣައްޒާގެ ކުށެއްނެތް ނިކަމެތި އާންމުން ދިރިތިބުމަށް ކާނެ އެއްޗެއް ނުލިބޭއިރު، މިއަދު އެ މައުސޫމް އިންސާނުންނަށް ޖެހިފައި ވަނީ މަޖުބޫރީ ހާލަތުގައި ބަނޑުފުރާނަ މުއްތިކުރުމަށް ވެއްޔާ އެކުވެފައިވާ ފުއް ކާށެވެ.
އިންސާނީ ހައްގުތަކުގެ ޗެމްޕިއަނުންގެ ގޮތުގައި ދައުވާކުރާ ''ލޯކަނު، ބީރު، މަންމަނު'' ހުޅަނގުގެ ޤައުމުތަކުގެ މީޑިއާތަކުން އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމާއި، ނަސްލު ނައްތާލުމުގެ ޖަރީމާތައް ގެނެހެއްނުދެއެވެ. އެބައި މީހުން އެ މައުސޫމް ރައްޔިތުން ސިފަކޮށްދޭން މަސައްކަތް ކުރަނީ ''ނިރުބަވެރިން''ގެ ގޮތުގައެވެ.
ހުޅަނގުގެ މީޑިއާތަކުން މިކަން ފޮރުވިނަމަވެސް ފަލަސްތީނުގެ ބައެއް ގްރޫޕްތަކުންނާއި ޖާނަލިސްޓުންހިންގާ މީސްމީޑިއާގެ ވަސީލަތްތަކުން އަންނަނީ އިސްރާއީލްގެ ޖަރީމާތަކާއި، ޣައްޒާގެ ހާލަތު ސިފަކޮށްދެމުންނެވެ. މިހާލަތު ގެނެސްދޭ ބައިނަލްއަގްވާމީ ބައެއް ނޫސްތައް ވެސް އެބަހުއްޓެވެ.
''ޣާޒާ ނޮޓިފިކޭޝަން'' ނަމުގައި ހިންގާ ފަލަސްތީނުގެ އެކްސް އެކައުންޓަކުން މިއަދު ވަނީ ޣައްޒާގެ ހާލަތު އެންމެ ވީޑިއޯއަކުން ބަޔާންކޮށްދީފައެވެ. އިސްރާއީލުން ކާނާއަށް ހުރަސްއަޅައި، އަސާސީ ވަސީލަތްތަކުން މަހްރޫމްކޮށްފައި ތިބި ޣައްޒާގެ ކުޑަކުދިންނާއި އެކި އުމުރުގެ މީހުން ބަނޑުހައިވެ ހާންތިވެފައިތިބެ ކާނެ އެއްޗެއް ހޯދުމަށް އުޅޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
އެ އެކްސް އެކައުންޓުން ''އިސްރާއީލުން ހިންގަމުންދާ ނަސްލުއްތާލުމުގެ ހިތްދަތި މަންޒަރެއް ޣައްޒާއިން'' ނަމުގައި ގެނެސްދީފައިވާ މި ވީޑިއޯއިން ފެންނަނީ އިސްރާއީލުން ހުރަސް އެޅުމުން ޣައްޒާ އަށް ކާބޯތަކެތީގެ ސަޕްލައި މުޅިން ކެނޑި، ކާނާ ހުސްވެފައި ވާތީ ހާލުގައި ޖެހިފައިވާ އާންމު ރައްޔިތުން މަޖުބޫރުވެ، އެމީހުންގެ އާއިލާތައް ދިރިތިބުމަށްޓަކައި ވެއްޔާ އެކު އެއްކޮށްފައިވާ ފުށް ނަގަމުންދާ މަންޒަރެވެ.
''މިއީ ހިޔާލީ ވާހަކައެއް ނޫން، މިއީ މިއަދު، ޖުލައި 18 ގައި ޣައްޒާގެ ނުރައްކާތެރި ޙަޤީޤަތް'' އެ އެކައުންޓުން ބުނެފަވެއެވެ.
ޣައްޒާ ދަނީ ބަނޑުހައިހޫނުކަމުން މަރުވަމުންނެވެ. އެތައް ބަޔަކު ކާނެއެއްޗެއް ހޯދަން ބަނޑުހައިކަންމަތީ ނުކުމެ އާދޭސްކުރަމުންދާ މަންޒަރަކީ ސާހާއި ޝައުކަތުގެ ވެރިންނަށް ފެންނަކަމަށް ހަދާ މަންޒަރެއްނޫނެވެ. އެކަމަކު އެއީ ހިތްބަލި ކޮންމެ އިންސާނަކު ވެސް ހިތް ފަޅައިގެންދާހާވާ މަންޒަރުތަކެކެވެ.
ދުޢާއަކީ މާތްﷲގެ އިރާދަފުޅާއެކު ޔަހޫދީ ޖައްބާރު ދައުލަތް ބަލިކުރަށްވައި ނިކަމެތިވެގެން ދިޔުމެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ކެތްތެރިކަމާއި، ސަލާމަތްތެރިކަން މިންވަރުކުރެއްވުމެވެ. އެ ރައްޔިތުންގެ ހައްގު ކަށަވަރުވާނެ ދުވަހެއް ދެއްކެވުމެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ