މަޝްރޫއުތަކަށް ހަރަދު ކުރާނެ ފައިސާ ނެތިގެން އިންޑިއާއިން ހަތް ބިލިއަނެއްހާ ރުފިޔާ ހޯދަން ސަަރުކާރުން މަސައްކަތް ކުރަނީ މަޝްރޫއުތަކަށް ހަރަދު ކުރާނެ ފައިސާ ނެތިގެން އިންޑިއާއިން ހަތް ބިލިއަނެއްހާ ރުފިޔާ ހޯދަން ސަަރުކާރުން މަސައްކަތް ކުރަނީ

އަވައްޓެރި އިންޑިއާއަށް ބަރޯސާ ނުވެ ރާއްޖެ ކުރިއަށް ގެންދިޔުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުވި "ދިވެހީންގެރާއްޖޭގެ އަޒުމު" ފުނޑުފުނޑުވެ، ލޯކަލް ކައުންސިލް ގާތްވާއިރު ބޮޑު އެއްވެސް މަޝްރޫއުއެއްގެ އަލަށް ނުފެށޭތީވެ، ބޮޑެތި މަޝްރޫއުތަކަށް އިންޑިއާއިން ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާގެ ދަރަނި ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާކަން އެނގިއްޖެ އެވެ.
މައުލޫމާތު އެނގޭ އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި މި ސަރުކާރުން ޕްލޭންކޮށްފައިވާ ގިނަ މަޝްރޫއުތަކަކަށް އިންޑިއާ ސަރުކާރުގެ މާލީ އެހީ ހޯދަން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.
"މި ކިޔަނީ އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއުގެ ވާހަކަ،" މައުލޫމާތު ދިން އެކަކު ބުންޏެވެ.
އެހެން މަސްދަރަކުން ބުނީ ސަރުކާރުން އިންޑިއާއާއެކު މަޝްވަރާ ކުރަމުންދާ މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި އުމްރާނީ އެހެން މަޝްރޫއުތަކާއި ވެހިކަލް ހޯދުން ވެސް ހިމެނޭ ކަމަށެވެ.
"އެ މަޝްރޫއުތަކުގެ އަގު އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ހަ ބިލިއަން ރުފިޔާ އަށް ވުރެ ގިނަ އިތުރުވާނެ،" އޭނާ ބުންޏެވެ.
އިންޑިއާގެ އެހީ ހޯދަން ސަރުކާރަށް މަޖުބޫރުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދޯހަޅިކަމުން ބޭރުގެ އެހެން ގައުމުތަކުން ހާއްސަކޮށް ޗައިނާއިން ވެސް ބޭނުންވާ މިންވަރަށް އެހީތެރިކަން ލިބުން ދަތިވުމުގެ ސަބަބުންނެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވާކަން ވަނީ އެނގިފަ އެވެ. ނަމަވެސް ދެ ގައުމުން ވެސް އެކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. މޯދީގެ ދަތުރުގައި ރާއްޖެއަށް ދޭ އެހީގެ ތެރެއިން ބައެއް ކަންކަން އިއުލާނުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މައުލޫމާތު ދެއްވި ބައެއް މީހުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމް/ޕީއެންސީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ވިއްކި އެއް ޝިއާރަކީ "އިންޑިއާ އައުޓް" އެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލޭ މިންވަރަށް އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތް ކަމަށް ތުހުމަތުކޮށްފައި ވާއިރު، ވެރިކަަމަށް ވަޑައިގަތުމަށް ފަހު ފުރަތަމަ ކޮޅުގައި އިންޑިއާ އަށް ބަރޯސާނު މި ސަރުކަރު ހިންގަން މުއިއްޒު މަސައްކަތް ފެއްޓި އެވެ.
ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރުމަކީ މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދަށް ވާއިރު، އެކަން ވެސް ނުފުއްދެ އެވެ. ރާއްޖޭގައި އޮތް އިންޑިއާގެ އަސްކަރީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން އިންޑިއާގެ އަސްކަރީ ޔުނިފޯމުގައި ތިބި މީހުންގެ ބަދަލުގައި، މި ސަރުކާރުން ބޭނުންވެގެން ފޮނުވީ ކުރިން ވެސް އިންޑިއާއިން ބުނަމުން ދިޔަ ފަދައިން އެ ގައުމުންގެ "ގާބިލް ޓެކްނިކަލް މީހުން" އެވެ. މިހާރު ތިބި މީހުން އަސްކަރީ ޔުނިފޯމުގައި ނެތަސް އެއީ، އިންޑިއާގެ އަސްކަރިއްޔާގެ ދަށުން ހިންގާ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ މުވައްޒަފުންނެވެ.
ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑާއި ބޭސްފަރުވާއަށް މީހުން ފޮނުވުން ވެސް އިންޑިއާ އަށް ބަރޯސާ ނުވެ ހިންގަން މުއިއްޒު ބޭނުންވި އެވެ. އަސްލު އަގަށް ވުރެ އަގުބޮޑުކޮށް، ތުރުކީގެ ތިން ޑްރޯން ގަތުމަށް 500 މިލިއަން ރުފިޔާ މުއިއްޒު ހަރަދުކޮށްލީ ވެސް ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އިންޑިއާ އަށް ބަރޯސާ ނުވުމަށެވެ. ނަމަވެސް މިހާރު އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ވެސް ރާއްޖޭގެ ސަރަހައްދުގަ އުދުއްސަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ