ފަލަސްތީނުގެ ހައްގުގައި، އިސްރާއީލާ ދެކޮޅަށް އޮސްޓްރޭލިއާގައި ބޮޑު މުޒާހަރާތަކެއް

ސިޑްނީ (24 އޮގަސްޓް 2025): އިސްރާއީލުން ޣައްޒާގެ ރައްޔިތުންގެ ބޮލަށް ބޮން އަޅައިގެންނާއި ބަނޑަށް ޖައްސައިގެން މަރައި ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް، އޮސްޓްރޭލިއާގައި ލައްކައަކާ ގާތްކުރާ އަދަދަކަށް މީހުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް އިސްރާއީލާ ދެކޮޅަށް އަޑު އުފުލައިފިއެވެ. މި އެއްވުންތައް އިންތިޒާމުކުރީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ "ޕަލަސްޓީނިއަން އެކްޝަން ގުރޫޕް" ގުޅިގެންނެވެ. މުޒާހަރާކުރި މީހުންވަނީ އިސްރާއީލަކީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލަމުންގެންދާ ނުރައްކާތެރި ޓެރަރިސްޓް އެންޓިޓީ އެއްކަމަށް ސިފަކޮށްފައެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އަކީ ކުރީގެ ނާޒީ ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރު ފަދަ އަނިޔާވެރި ޓައިރަންޓެއް ކަމަށްވެސް ބައެއް މީހުންވަނީ ސިފަކޮށްފައެވެ. މުޒާހަރާވެރިން ގޮވާލީ ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓާލުމަށެވެ. އަދި ޣައްޒާގެ ރައްޔިތުން ހައިހޫނުކަމުގައި މެރުމަށް އިސްރާއީލު ހިންގާ ޖަރީމާތައްވެސް ވަގުތުން ހުއްޓާލައި ޣައްޒާއަށް ކާބޯތަކެތި ވެއްދުމުގެ ފުރުސަތު ދިނުމަށެވެ. މިޖަރީމާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްވެސް މުޒަހަރާގެ ބައިވެރިން އޮސްޓްރޭލިއާ ސަރުކާރަށް ގޮވާލިއެވެ. އޮސްޓްރޭލިޔާގެ އެތައް ސިޓީއެއްގައި މީގެކުރިންވެސްވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ޔަހޫދީ އިސްރާއީލާ ދެކޮޅަށް ބިޔަ މުޒާހަރާތަކެއް ބާއްވާފައެވެ. މިގޮތުން ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލާ ދެކޮޅަށް 40އަށް ވުރެ ގިނަ މުޒާހަރާތައް އޮސްޓްރޭލިޔާގެ އެކި ކަންކޮޅުތަކުގައި ބާއްވައި ބައި މިލިޔަނަށްވުރެ ގިނަ މީހުންވަނީ އެކި ފަހަރު މަތިން މުޒާހަރާތަކުގައި ބައިވެރިވެފައެވެ. ކުރިން އިސްރާއީލުގެ ހަގީގަތް ނޭނގޭ މީހުންނަށްވެސް މިހާރު އިސްރާއީލުގެ އިސްތިއުމާރީ ހަގީގަތް އެނގި މުޒާހަރާތަކުގައި ބައިވެރިވަމުން ދާކަމަށް "ޕަލަސްޓީނިއަން އެކްޝަން ގުރޫޕް"އިން ބުނެއެވެ. މި މުޒާހަރާތައް އިސްރާއީލާ ދެކޮޅަށް އޮސްޓްރޭލިޔާގައި ބާއްވާފައިމިވަނީ ފަލަސްތީނުން އިއުލާން ކޮށްފައިވާ މިނިވަން ދައުލަތަށް އިއުތިރާފު ވުމަށް އޮސްޓްރޭލިއާ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އަދި އިސްރާއީލުގެ ބައެއް ވަޒީރުން އޮސްޓްރޭލިއާއަށް ވަނުން މަނާކުރުމަށްވެސް ދާދިފަހުން އޮސްޓްރޭލިއާ ސަރުކާރުން ނިންމާފައި ވަނިކޮށެވެ. އޮސްޓްރޭލިއާ ސަރުކާރު ބުނެފައިވާގޮތުން އެގައުމުން ފަލަސްތީނުގެ ދައުލަތަށް އިއުތިރާފުވުމަށް ވަނީ ނިންމާފައެވެ. އެއީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ރައްުޔިތުންނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ހައްގު އޮންނަންވާނެކަމަށް ގަބޫލުކުރެވޭތީއެވެ. އޮސްޓްރޭލިއާ ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރުމަހު އދ.ގެ މައިމަރުކަޒުގައި ބާއްވާ އާންމު މަޖިލީހުގެ ޖަލްސާތަކުގެ ދުވަސްވަރު ފަލަސްތީނުގެ ދައުލަތަށް އިއުތިރާފުވުމަށެވެ. އޮސްޓްރޭލިއާގެ އިތުރުން އޮސްޓްރޭލިއާ އެ ކޭންޕަކަށް ބަރޯސާވާ ހުޅަނގުގެ ކޭންޕްގައި ހިމެނޭ އިތުުރު ހައެއްކަ ގައުމުވެސް އަންނަ ސެޕްޓެމްބަރުމަހު ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވާނެކަންވަނީ ހާމަކޮށްފައެވެ. މީގެތެރޭގައި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ޕޯޗްގަލް ފަދަ ޔޫރަޕްގެ ގައުމުތަކާއި ކެނެޑާވެސް ހިމެނެއެވެ. މީގެކުރިން އަޔަލޭންޑް، ނޯވޭ، ސްޕެއިން، ސްލޮވީނިއާ ފަދަ ޔޫރަޕްގެ އަށެއްކަ ގައުމުންވަނީ ފަލަސްތީނުގެ ދައުލަތަށް އިއުތިރާފުވެފައެވެ. އޮސްޓްރޭލިއާގެ އަވަށްޓެރި ނިއުޒީލޭންޑްވެސް ގެންދަނީ އަންނަ ސެޕްޓެމްބަރުމަހުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތަށް އިއުތިރާފުވުމާ ބެހޭގޮތުން ވިސްނަމުންނެވެ. އޮސްޓްރޭލިއާއަކީ ޔޫރަޕްގެ ގައުމުތަކެކޭ އެއްގޮތަށް ފަލަސްތީނުގެ މައްސަލާގައި މިހާތަނަށް ހަމައެކަނި ޔަހޫދީ އިސްރާއީލު ގެންގުޅޭ ނެރެޓިވްސް ގަބޫލުކުރަމުން ގެންދިޔަ ގައުމެކެވެ. މި ނެރެޓިވްސް ބިނާކޮށްފައިވަނީ އިސްރާއީލަކީ އިސްތިއުމާރީ ބާރެއް ނޫންކަމާއި އިސްރާއީލަކީ ވިކްޓިމް އެއްކަން ދެއްކުމުގެ މައްޗަށެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރުމަކީ ޓެރަރިޒަމްގެ އަމަލެއްކަމުގެ މައްޗަށެވެ. ފަލަސްތީނުގެ ބިމަކީ ދީނީ ގޮތުން ޔަހޫދީންނަށް ކަލާންގެ ދެއްވާފައިވާ ބިމެއްކަމުގެ ބާތިލް ނެރެޓިވް އެވެ. ނަމަވެސް ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ޖަރީމާތަކާއި ގަތުލުއާންމުތައް ފެންނަން ފެށުމުންނާއި އަމިއްލަ މިނިވަންކަމަށްޓަކައި ޣައްޒާގެ ރައްޔިތުންނާއި މުޖާހިދުން ދައްކަމުން ގެންދާ ހިތްވަރާއި ސާބިތުކަމާއެކު ޔޫރަޕްގެ ގައުމުތަކެކޭ އެއްގޮތަށް އޮސްޓްރޭލިއާގެ ސިޔާސަތަށްވެސްވަނީ ކުޑަނަމަވެސް ބަދަލުތަކެއް އަންނަން ފަށާފައެވެ. އޮސްޓްރޭލިއާގެ ސިޔާސަތަށް އައި ބަދަލާއެކު އިސްރާއީލު ކުށްވެރި ކުރުމާއި އިސްރާއީލުގެ ބައެއް އިސްވެރިން އޮސްޓްރޭލިޔާއަށް ވަނުން މަނާކުރުމާއި ފަލަސްތީނުގެ ބިމުގައި ފަލަސްތީނު ރައްޔިތުންނަށްވެސް މިނިވަންކަމާއެކު ދިިރިއުޅުމުގެ ހައްގު އޮންނަންވާނެކަން އޮސްޓްރޭލިއާ ވަނީ ގަބޫލުކުރަން ފަށާފައެވެ. މިއާއެކު ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުމުގެ ހައްގު އޮންނަންވާނެކަމަށް ގަބޫލުކުރާ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރުވަނީ ވިދާޅުވެފައެވެ. އޮސްޓްރޭލިއާގެ ސިޔާސަތަށް މިއައި ބަދަލާއެކު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އޮސްޓްރޭލިއާ ކުށްވެރިކޮށް އެގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒަށް ގަނާކޮށް އޭނާއާ ދިމާކޮށްލައިފައެވެ. އަދި އޮސްޓްރޭލިއާއަކީ ޔަހޫދީންނާ ޖައްސާލުން ނުވަތަ "އެންޓި ސެމިޓިޒަމް" އަށް ތާއީދުކުރާ ގައުމެއްކަމަށްވެސް ނަތަންޔާހޫ ވަނީ ސިފަކޮށްފައެވެ. ރައްދުގައި އޮސްޓްރޭލިއާއިންވަނީ އަސްކަރީ ބާރުވެރިކަމަކީ، ކުޑަކުދިން ބަނޑަށް ޖައްސައިގެންނާއި ބޮން އަޅައިގެން މެރުން ނޫންކަމަށް ބުނެ، ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަަކަށް ރައްދު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ