އާ ޓާމިނަލް މަލަމަތިން ހިތްގައިމު، ޚިދުމަތުގެ ތަޖުރިބާއަށް ފަސް ތަރި!
އެއް ބަޔަކު ނިއްކުރިން ދާތައް ފޮހޭއިރު، އަނެއްބަޔަކު އަތު ފަންކަލެއް ހޫރަނީއެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ މައި ދޮރާށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮތީ ފުރި ބާރުވެފައި, ފަތުރުވެރިކަމުގެ ސީޒަންތެރެ ނޫންކަމުގައި ވިޔަސް އެއާޕޯޓަށް އެއްވެސް ލުޔެއް ނުލިބެއެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ގިނަ ބަޔަކު ފިތި ތޮއްޖެހިފައި ތިބި މަންޒަރެވެ. މި މަންޒަރުން ބުނެދެނީ ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި އިތުރު ގޮތެއް ބޭނުންވާ މިންވަރެވެ. އެއާޕޯޓުގެ މިހާރު ބޭނުންކުރާ ޓާމިނަލުގައި ފަތުރުވެރިންތަކެއް ތޮއްޖެހިފައި -- ސަން ފޮޓޯ/ އަމަން ލަތީފް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލުގައި ޚިދުމަތްދޭން ހުރި ދަތިތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ މީހުންނާއި އެއާޕޯޓުގައި މަސައްކަތްކުރާ މީހުންގެ ހިތުގައި އުފެދިފައިވާ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އާ ޚިދުމަތްތައް ގާއިމްކޮށް މިހާރު ހުޅުވަން ތައްޔާރުވެފައިވާ އާ ޓާމިނަލާއެކު މި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެއެވެ. ޓާމިނަލުގެ އެތެރެ ފެނި އާޝޯޚުވެއްޖެ! ދެހާސް ސޯޅަވަނަ އަހަރު ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ސައޫދީ ފަންޑުގެ ދަށުން އެ ގައުމުގެ ބިން ލާދިން ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތަށްފަހު ޓާމިނަލް ހުޅުވަން ތައްޔާރުވާއިރު، މިހާރު އެމްއޭސީއެލްގެ މުވައްޒަފުން އެ ކުރަނީ ޓާމިނަލްގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. އެތަނުގައި އެތައް މުވައްޒަފުންނެއް އެ ހަރަކާތްތެރިވަނީ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ފުރިހަމަކުރަންޖެހޭ އޮރާޓް ޕްރޮސެސް ނިންމުމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެތެރެ: އެމްއޭސީއެލްއިން މިހާރު ކުރަނީ ޓާމިނަލް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް -- ފޮޓޯ/ މުހައްމަދު މާނިއު އެހެންކަމުން، މިވަގުތަށް ދިވެހީންނަށް ފެންނަން އޮތީ ހަމައެކަނި ޓާމިނަލުގެ ބޭރެވެ. ހިރިގަލުގެ ޑިޒައިނާއި ދިވެހިވަންތަ ފަރުމާއިން ޖަރީކޮށްފައިވާ މަލަމައްޗެވެ. ދިވެހި އަކުރުންނާއި އިނގިރޭސި އަކުރުން ފަވާފައިވާ ދޮރާއްޓެވެ. ނަމަވެސް އެންމެ ބޮޑު ވާހައެއް ބުނެދެނީ މި ޓާމިނަލުގެ އެތެރެއިންނެވެ. ހަގީގީ ތަފާތު ފެންނަނީ ޚިދުމަތްތަކާއި އެ ޚިދުމަތުގެ ފެންވަރުންނެވެ. އާ ޓާމިނަލްގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކައިލުމަށް ކުރި ދަތުރުގައި މި ތަފާތު ފެނި އާޝޯޚުވެއްޖެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެތެރެ: އެމްއޭސީއެލްއިން މިހާރު ކުރަނީ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް -- ފޮޓޯ/ މުހައްމަދު މާނިއު މިއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އެކެކެވެ. ކުރިން ބޭނުންކުރީ ޓާމިނަލް ދެއެކެވެ. ދެ ޓާމިނަލް ގުޅުވައިލައިފައި ވަނީ ދިގު "ވޯލްކް ވޭ" އަކުންނެވެ. ފުރުމުގެ މަރުހަލާ ފަސޭހަވެފައި ވަގުތު ސަލާމަތްވާނެ! ފުރަން ޓާމިނަލަށް ވަނުމާއެކު ފުރަތަމަ ވެސް ފެށެނީ ޗެކިން ވުމުގެ މަރުހަލާއެވެ. މިއީ ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިކަން ކުރާ ގޮތެވެ. މި ޓާމިނަލްގައި ޗެކިންވުމަށް 47 ކައުންޓަރު އެބަހުއްޓެވެ. ޖާގައިގެ ދަތިކަން އެއްވެސް ވަރަކަށް ނެތުމުން، ޗެކިން ވުމަށް ކުރިން އޮންނަފަދަ ދިގު ސަފެއް ދެން ނޯންނާނެއެވެ. މި މަރުހަލާއިން އެތައް ފަސިންޖަރުންނެއްގެ ވަގުތު ސަލާމަތްވީއެވެ. މީގެކުރިން ބޭނުންކުރި ޓާމިނަލް ނުވަތަ ޓާމިނަލް ދެއަކުން ފުރަތަމަ ޖެހެނީ އޭވިއޭޝަން ސެކުރިޓީގެ މަރުހަލާ ފުރިހަމަކުރާށެވެ. ޗެކިންވާން ދަނީ ބޭގުތައް ކްލިއާކުރުމަށް ފަހުއެވެ. އޭރު މިކަން މިހެން ކުރަނީ، އޮޓަމެޓިކް ބެގޭޖް ސްކްރީނިން ސިސްޓަމެއް އެ ޓާމިނަލްގައި ގާއިމްވެފައި ނެތުމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެތެރެ: އެމްއޭސީއެލްއިން މިހާރު ކުރަނީ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް -- ފޮޓޯ/ މުހައްމަދު މާނިއު މި މަރުހަލާ ނިމުމުން ދެން އޮތީ އިމިގްރޭޝަން ކްލިއާ ކުރުމެވެ. މި ޚިދުމަތް ދިނުމަށް ވެސް ޖާގަ ތަނަވަސް ސަރަހައްދެއް ކަނޑައަޅާފައި ވާއިރު، މިއީ އެއާޕޯޓުގެ ހަލަބޮލިކަމުގެ ތެރެއިން ފަތުރުވެރިންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމެކެވެ. މި ޓާމިނަލުގައި ފުރާ މީހުންނަށް ޚިދުމަތްދޭ އިމިގްރޭޝަންގެ 20 ކައުންޓަރު އެބަހުއްޓެވެ. މި ޓާމިނަލުގައި ވެސް ކެއިންބުއިމަށް ޚާއްސަ ސަރަހައްދުތައް ކަނޑައަޅާފައި ވާއިރު، ޑިއުޓީ ފްރީ ވެސް ގާއިމްކުރެއެވެ. ބޮޑު ޓާމިނަލެއްގައި މި ހުރިހާ މަރުހަލާއެއް ފުރިހަމަކުރާއިރު، ވަރަށް ގިނަ ހިނގުން ހިނގަންޖެހެއެވެ. ބޭރުގެ ބޮޑެތި ޓާމިނަލްތަކެކޭ އެއްގޮތަށް ޚިދުމަތް ހޯދާ މީހުންގެ ފަސޭހައަށް މި ޓާމިނަލުގައި ވެސް ވޯކަލޭޓާއާއި އެސްކަލޭޓާތައް ހަރުކޮށްފައި ވެއެވެ. މާގިނަ ހިނގުންތަކެއް ހިނގަން ނުޖެހި ވޯކަލޭޓާއަށް އަރައިލުމުން ދާން ބޭނުންވާ މަންޒިލަށް އަމިއްލައަށް ދެވޭނެއެވެ. އެކްސަލޭޓާއަށް އަރައިލުމުން ބަރު ދަބަސްތަކާއެކު ސިޑިން އަރަންޖެހުމުގެ ވަރުބަލިކަމުން ސަލާމަތްވީއެވެ. މި ޓާމިނަލުގައި ހަތަރު ވޯކަލޭޓާ ހުރި އިރު، 14 އެސްކަލޭޓަރު އެބަހުއްޓެވެ. "މިއީ ފުރަން އައިސް މަޑުކޮށްލާ ތަން. މިތަނުގައި ޖަހާފައި ހުރި ގޮނޑިތަކުގައި ހުންނާނެ ފޯނު ޗާޖުކުރެވެން ވެސް،" ގޮނޑިތަކެއް ޖަހަފައި ހުރި ބޮޑު ސަރަހައްދެއް ދައްކައިލަމުން އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެތެރެ: ފަސިންޖަރުން އިށީންނަން ތައްޔާރުކޮށްފައިވާ ގޮނޑިތައް -- ފޮޓޯ/ މުހައްމަދު މާނިއު މިތަނުން ނުކުމެގެން ފުރާމީހުން ދެން އަރާނީ ސީދާ ބޯޓަށެވެ. މަޑުކޮށްލައިގެން ތިބޭއިރު ޕާކުކޮށްފައިވާ ބޮޑެތި ބޯޓުތައް ބޭރުން ފެނެއެވެ. މިއީ ވަރަށް ހިތްގައިމު މަންޒަރެކެވެ. "ބަސް އަންނަންދެން މަޑު ނުކޮށް، މިހިރަ އެއިރޯ ބްރިޖްތަކުން ދާނީ ސީދާ ބޯޓަށް. ވާރޭއެއް ނުވެހޭނެ. އަތްވެއް ނުދޭނެ. ބަސް އަންނަންދެން މަޑުކުރާކަށް ވެސް ނުޖެހޭނެ،" އޭނާ މައުލޫމާތު ދިނެވެ. އެންމެ ތަރައްގީވެފައިވާ އެއާޕޯޓުތަކުގައި ހުންނަފަދަ 15 އެއިރޯ ބްރިޖް މި ޓާމިނަލުގައި ހުރެއެވެ. މި ބްރިޖުތަކުގެ ސަބަބުން ބަސް އަންނަންދެން އެތައް ވަގުތެއް ހޭދަނުކޮށް އަތްވާއި ވާރޭގައި ނުޖެހި ސީދާ ޓާމިނަލުން ބޯޓަށް އެރޭނެއެވެ. އަންނަ މީހުން ވެސް ޚާއްސަ، ޚިދުމަތް އެތައް ގުނައެއް ލުއި! ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އަރާމު، ފަސޭހަ އަދި އަވަސް އިންތިޒާމުތަކެއް ހަމަޖައްސައިދީފައި ވާއިރު، ރާއްޖެ އަންނަ މީހުން ވެސް ވަރަށް ޚާއްސައެވެ. އެ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވެސް އެތައް ގުނައެއް ފަސޭހަވެފައި މިހާރު އަވަސްވާނެއެވެ. އެގޮތުން ރާއްޖެ އަންނަ މީހުންނަށް ޚިދުމަތް ދިނުމަށް މި ޓާމިނަލްގައި އިމިގްރޭޝަންގެ 28 ކައުންޓަރު ހުރެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެތެރެ: ރާއްޖެ އަންނަ ފަސިންޖަރުންނަށް ދޭ ހިދުމަތްތައް އަވަސްވެފައި ފަސޭހަވާނެ -- ފޮޓޯ/ މުހައްމަދު މާނިއު އެއާޕޯޓުގައި އެންމެ މީހުން ގިނަވާ އެއް ސަރަހައްދަކީ ބެގޭޖް ކްލިއާކުރާ ސަރަހައްދެވެ. ޚާއްސަކޮށް މިހާރު ބޭނުންކުރާ ޓާމިނަލުގައި ޖާގަ ކުޑަވުމާއި ބެގޭޖް ކްލިއަރިން ބެލްޓްތައް މަދުވުމުން އެ ސަރަހައްދުގައި މީހުން ތޮއްޖެހެއެވެ. އާ ޓާމިނަލުގައި ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ޚިދުމަތަކީ ބެގޭޖް ކްލިއަރިން ބެލްޓްތަކެވެ. ޖާގައިގެ ގޮތުން ތަނަވަސް ސަރަހައްދެއްގައި މިފަދަ ހަތަރު ބެލްޓު ގާއިމްކޮށްފައި ވާއިރު، ކުރީގެ ޓާމިނަލާ އަޅައިބަލާއިރު، މި ޚިދުމަތް މިހާރު ދެގުނަ އަވަސްވެފައި ފަސޭހަވާނެއެވެ. އަދި ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ދައްޗަކާ ނުލައި ގިނަ އެއާލައިންތަކުގެ ބެގޭޖްތައް ކްލިއާކުރެވޭނެއެވެ. މިއީ މި ޓާމިނަލުން ޚިދުމަތް ހޯދާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަށް ވާނެކަން އެމްއޭސީއެލްއިން ވެސް ވަނީ ފަހަގަކޮށްފައެވެ. ފަތުރުވެރިކަމާއި އިގްތިޞާދަށް ވެސް އިންގިލާބީ ބަދަލެއް ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަކީ ފަތުރުވެރިކަމެވެ. ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވެސް އެތައް ގޮތަކުން މަގުބޫލު މަންޒިލެކެވެ. އެހެންކަމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އަންނަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެތެރެ: އެމްއޭސީއެލްއިން މިހާރު ކުރަނީ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް -- ފޮޓޯ/ މުހައްމަދު މާނިއު މި ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. އަންނަ ހޮނިހިރު ދުވަހު މި ޓާމިނަލް ހުޅުވާއިރު، ޓާމިނަލްގެ ހުރިހާ ސަރަހައްދެއް ވެސް އެ ދުވަހު ހުޅުވާނެއެވެ. "ޓާމިނަލްގެ ތަންކޮޅެއް ނޫން މި ހުޅުވަނީ. ހަމަ ޓާމިނަލް އެއްކޮށް ހުޅުވަނީ،" އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވިއެވެ. ޓާމިނަލާ ގުޅިގެން މީގެކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި ޓާމިނަލް ހުޅުވާއިރު ޓާމިނަލްގެ ޑިއުޓީ ފްރީގެ މަސައްކަތް އަދި ނުނިމޭކަމަށެވެ. ނުނިމި ހުރި މަސައްކަތަކީ ހަމައެކަނި މިއީކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޑިއުޓީ ފްރީގެ މަސައްކަތް ވެސް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިމޭނެކަމަށެވެ. "މިހާރު ޖުލައި 26ގައި ހުޅުވާއިރު ބޭނުންވާ ވަރަށް ނިންމާނެ، ދެން ހަމަ އޭގެ ދެ މަހެއްހާ ދުވަސް ތެރޭގަ ސެޕްޓެމްބަރަށް ކަންނޭނގެ މުޅިން އެއްކޮށް ދޫކޮށްލަނީ އެކަމަކު، އެތަން ބޭނުންކުރަން ބޭނުންވާ މިންވަރަށް ހަމަ މިހާރު އެ ނިންމަނީ، މިވަގުތަށް ބޭނުންވާ މިންވަރަށް، މި ދެންނެވީ ޑިއުޓީ ފްރީގެ ވާހަކަ" ޓާމިނަލްގެ ޑިއުޓީ ފްރީއާ ގުޅިގެން މީގެކުރިން ރައީސް ވިދާޅުވިއެވެ. މި ޓާމިނަލުން އެންމެ ފުރަތަމަ ޚިދުމަތްދޭނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއަށެވެ. އެއަށްފަހު މަޑުމަޑުން ބޮޑެތި އެއާލައިންތަކަށް މި ޓާމިނަލުން ޚިދުމަތް ދޭން ފަށާނެއެވެ. މި ޓާމިނަލް ހުޅުވިކަމުގައި ވީނަމަވެސް، މިހާރުގެ ޓާމިނަލް ނުވަތަ ޓާމިނަލް ދޭއް ބޭނުންކުރުން ހުއްޓާލުމުގެ ވިސްނުމެއް އެމްއޭސީއެލްއިން ނުގެންގުޅެއެވެ. ޓާމިނަލް ބަލަން ކުރި ދަތުރު ނިމުނުއިރު ފައި ވަރުބަލިވެއްޖެއެވެ. މީހާ އަޖައިބުވެއްޖެއެވެ. އެހެނަސް ފާހަގަނުކޮށް ދޫކޮށްނުލެވޭނެ އެއް ކަމެއް އެބައޮތެވެ. އެއީ މި ޓާމިނަލްގެ އިންޓީރިއާއެވެ. ޓާމިނަލް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު ރައުސްމާލުކަމުގައިވާ ކަނޑު ރަމްޒުކޮށްދޭ ވިލުނޫކުލައިންނެވެ. ހުދުކުލައިން ދޮންވެލި ތުނޑިތަކުގެ ހަނދާން އާކޮށްދެއެވެ. މައްޗަށް ބަލައިލުމުން ފެންނަ ޑިޒައިން އެންމެ ވައްތަރީ ރާޅު ބާނިތަކަކާއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެތެރެ: އެމްއޭސީއެލްއިން މިހާރު ކުރަނީ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް -- ފޮޓޯ/ މުހައްމަދު މާނިއު ވަށައިގެންވާ ފަރުމާތަކުން ރަމްޒުކޮށްދެނީ އެވޭލާ ޒަމާނުގައި ދިވެހިންކޮށްއުޅުނު އަތްތެރި މަސައްކަތުގެ ޑިޒައިންތަކެވެ. ޓާމިނަލްގެ އެތެރެއިން ފެންނަ ހިތްގައިމުކަން ވަކި ދެރައެއް ނޫނެވެ. މިހާރު އިންތިޒާރު ކުރެވެނީ މި ޓާމިނަލް ހުޅުވާނެ ދުވަހަކަށެވެ. މިއަދުގެ ތަޖުރިބާއާއި މި ޓާމިނަލަށް ދޭނީ ފަސްތަރީގެ ރޭޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ