ހިނގަހިނގާ ހުއްޓާ އެ ޖައްސާލީ އިނދަ!

އުމުރުން ދުވަސްވީ މީހުނަށް ހާއްސަކޮށްގެން މާލޭގައި ރައީސް ސޯލިހު ވެރިކަމުގައި ތައްޔާރުކުރި ނާދީ ވެގެންދިޔައީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށެވެ. އައްޑު އަތޮޅުގައި ރައީސް ސޯލިހު ވެރިކަމުގައި ބިނާކުރި ހަންކެޑެ ބްރިޖުވެސްވީ މުއިއްޒުގެ ވައުދުފުޅަކަށެވެ. ބީއެމްއެލްެ އޭޓީއެމް ރަށްރަށުގައި ބެހެއްޓުމަކީވެސް ރައީސް މުއިއްޒުގެ ވައުދުފުޅެއް ގޮތުގައި ހިންގާ މެގަ ޕްރޮޖެކްޓެކެވެ. 
ރައީސް ޔާމީނން ވެރިކަމުގައި ފައްޓާ ބޮޑެތި ބަދަލުތަކާއެކު ތަރައްގީކޮށް 90 އިންސައްތަ މަސައްކަތް ރައީސް ސޯލިހުގެ ވެރިކަމުގައި ނިންމަފައިވާ ވެލާނާ އިންޓަނޭޝަލް އެއަރޕޯޓްގެ ޓާމިނަލް ވެސް އެވީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށެވެ. މުޅި ރާއްޖެ ދަތުރުފަތުރުން ގުޅުވާލުމަށް ރައީސް ސޯލިހު ފެއްޓެވި އާރުޓީއެލް ފެރީ ނިޒާމްވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ފުޅަކަށްވެ ނިމިއްޖެއެވެ. 
ރައީސް ސޯލިހުވެރިކަމުގައި އެސްޓީއޯއާއި ހަވާލުކޮށްގެން ހުޅުމާލޭ ހޮސްޕިޓަލްގައި ދިހަ އެނދުގެ އައިސީޔޫއަކާއި ތުއްތު ކުދިންނަށް ހާއްސަ އެންއައިސީޔޫއަކާއި ސެންޓްރަލް ސްޓްރެއިލް ސާވިސް ޑިޕާޓްމަންޓަކާއި ކަށީގެ އޮޕަރޭޝަން ތިއޭޓަރަކާއި ލޮލުގެ އޮޕަރޭޝަން ތިއޭޓަރަކާއި އަންހެނުންގެ ހާއްސަ އަދި ޖެނެރަލް އޮޕަރޭޝަން ތިއޭޓަރެއް ގާއިމުކުރުންވެސް ވެގެން ދިޔައީ ރައީސް މުއިއްޒުގެ ޓާޝަރީ ވައުދުފުޅަކަށެވެ.
ރައީސް ސޯލިހު ފެއްޓެވި ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓްވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަށް ވެގެންދާތަން ފެންނާނެއެވެ. އަނެއްކޮޅުން ވިލިމާލެ ބުރިޖު ރައީސް މުއިއްޒުގެ ވައުދުފުޅަށްވެ ނިމޭކަށް ލަހެއް ނުވާނެއެވެ. މާލޭ ބޮޑުފާލަމަށް ބެއްޔަސް އެކަން އޮތީ އެހެންނެވެ. މިގޮތައް ކިޔާފަ ނުކިޔާނެ ވަކިކަމެއް ނެތެވެ. ވެވަޑައިގެން ރިޔާސީ ވައުދުފުޅުތައް ހުރީ ހުރި ގޮތަށެވެ. ފުއްދެވުނު ވައުދުފުޅެއް ހަރާމުން ހަރާމެވެ. 
ރައީސް ޔާމީނު މިނިވަން ކުރެއްވުމާއި އިންޑިއާ ސިފައިން ބޭލުމާއި ކަނޑު ހޯދުމުގެ ވައުދުގެ ވާހަކަ ނުދައްކާ އެހެން ވައުދުފުޅުތަކަށް ބެއްޔަސް ފުއްދުނުވައުދެއް ފުއްދޭ ވައުދެއް ނުފެނެއެވެ. ސިޔާސީ މަގާމުތައް މަދުކުރުމުން ފެށިގެން ރަސްމާލެއާއި އަންޑަވޯޓާރ ޓަނަލާއި ހަމައަށްވެސް އެއްވެސް ވައުދެއް ނުފުއްދަވައެވެ. މައްޗަށް ނާރާނެކަމަށް ވިދާޅުވި ޑޮލަރުގެ އަގު 20ރ ހުރަސްކޮށް މައްޗަށް އެރީއެވެ. 
ކާޅު ހާލިހެދިމާ ކޮވެލި ބިސް އެޅުމުގެ ދެވަނައެއް ނެތް މިސާލަކީ ރައީސް މުއިއްޒެވެ. އަމިއްލަފުޅު އިސްނެންގެވުމުގައި ކުރެއްވިއްޔާ ކުރެއްވިކަމަކުން ގައުމަށާއި ރައްޔިތުންނަށް ލިބޭނީ ގެއްލުމާ ހަލާކެވެ. ހަމަރަގަޅަށް ގައުމު ހިނގަހިނގާ ހުއްޓާ މުއިއްޒު އެޖައްސާލީ އިނދައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ